މުމްބާއީ (ޖެނުއަރީ 19) - އިންޑިއާ ގައުމީ ކްރިކެޓް ޓީމުގެ ވިކެޓްކީޕަރު، ރިޝަބް ޕާންޓް އަށް ކާރު އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއްވިިއިރު، އޭނާ އަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިން އިންޑިއާގެ ރަޖަތު ކުމާރާއި ނިޝޫ ކުމާރަށް ހާއްސަ ޝުކުރެއް އަދާކޮށްފި އެވެ.
މިދިޔަ މަހު 30 ވަނަ ދުވަހު، ދިއްލީ އާއި ދެހެރާދުން ހައިވޭކައިރީގައި، ރޫރްކީ ސަރަހައްދުގައި ހިނގި އެކްސިޑެންޓްގައި، ޕާންޓް، 25، ދުއްވަން އިން ކާރު އަރިއަޅާލައިގެން ވެއްޓި، ކާރުގައި އަލިފާން ރޯވި އެވެ. އެކްސިޑެންޓްވުމާ އެކު ކާރުގައި އަލިފާނުގެ ހުޅުގަނޑު ބޮޑުވުމުގެ ކުރިން އެއިން، ސަލާމަތްވުމަށް، ޕާންޓް ވަނީ ވިންޑްސްކްރީން ތަޅާލުމަށް ފަހު ބޭރަށް ނުކުމެފަ އެވެ. އެ ވަގުތު، އޭނާ މަގުމަތީގައި އޮއްވައި، ހޮސްޕިޓަލާ ހަމައަށް ގެންގޮސްދިނީ، ރަޖަތު އާއި ނިޝޫ އެވެ.
އެންމެ ފުރަތަމަ ޕާންޓަށް ދެހެރާދުންގެ ހޮސްޕިޓަލެއްގައި ފަރުވާ ދިނުމަށް ފަހު، ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިއާ (ބީސީސީއައި)ގެ ލަފާގެ މަތިން، ޕާންޓް ވަނީ މުމްބާއީގެ މަތީ ފަންތީގެ ހޮސްޕިޓަލަކަށް ގެންގޮސްފަ އެވެ.
މުމްބާއީ ހޮސްޕިޓަލުގައި ޕާންޓްގެ ކަކުލުގެ ދެ އޮޕަރޭޝަނަކާއި ކުޑަހުޅުގެ އޮޕަރޭޝަނެއް ވަނީ ކޮށްފަ އެވެ.

ރިޝަބް ޕާންޓްގެ މަންމަ، ސަރޯޖް (ވ) އާއި ނިޝޫ އާއި ރަޖަތު.
އެކްސިޑެންޓަށް ފަހު މީޑިއާގައި ފުރަތަމަ ފަަހަރަށް ވާހަކަ ދެއްކިއިރު، ޕާންޓް ބުނީ އޭނާ އަށް ދިމާވި ކަންތައްތަކުން އަރައިގަންނަން އެކި ގޮތްގޮތުން އެހީތެރިކަން ފާރުކޮށްދިން ކޮންމެ މީހަކަށް ވަކިވަކިން ޝުކުރު އަދާކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އެކަމަކު، އެކްސިޓެންޓް ވި ވަގުތުގައި އެންމެ ފުރަތަމަ އެހީތެރިވި، ނިޝޫ އާއި ރަޖަތު އަކީ ދެ "ހީރޯ" އިން ކަމަށް ޕާންޓް ވަނީ ބުނެފަ އެވެ.
"އެއީ ދެ ހީރޯއިން. އަހަރެން ސަލާމަތްކުރަން ހޮސްޕިޓަލާ ހަމައަށް ގެންގޮސްދިނުމުގައި ވަރަށް ބޮޑަށް ރަޖަތު އާއި ނިޝޫ ވަނީ މަސައްކަތްކޮށްފައި. އެހެންވީމަ މި މީހުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ތާއަބަދު ވެސް މި ކަން ހިތުގައި އޮންނާނެ،" ސޯޝަލް މީޑިއާ އަށް ޕާންޓް ދޫކޮށްލި މެސެޖުގައި ލިޔެފައިވެ އެވެ.
އަނިޔާއިން ރިކަވާވެގެން ޕާންޓް، ކުޅުމުގެ ތެރެއަށް އެނބުރި އަންނަން އަހަރެއްހާ ދުވަަސް ނަގާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެހެންވުމާ އެކު، މި ފަހަރުގެ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ކްރިކެޓް މުބާރާތާއި އިންޑިއާ ގައުމީ ޓީމުގެ މި އަހަރުގެ މެޗުތައް ޕާންޓް އަށް ގެއްލޭނެ އެވެ.
ކެރިއަރުގައި މިހާތަނަށް ޕާންޓް ވަނީ އިންޑިއާ ގައުމީ ޓީމަށް 33 ޓެސްޓް މެޗާއި 30 އޯޑީއައި މެޗުގެ އިތުރުން 60 ޓީ20 މެޗު ކުޅެފަ އެވެ.
ބީސީސީއައި އިން ވަނީ ޕާންޓް އެނބުރި އައުމާ ހަމައަށް އޭނާގެ ކަންކަން ބެލެހެއްޓުމަށް ޓީމު މެނޭޖަރާ ހަވާލުކޮށްފަ އެވެ.












