ލަންޑަން (ޖެނުއަރީ 18) - އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނަގައި އާސެނަލް އޮތް ކަމުގައިވިޔަސް އެ ޓީމަށް މި ސީޒަންގައި ލީގު ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުނުކުރާ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ތަރި ގެރީ ނެވިލް ވަނީ ބުނެފި އެވެ.
ނަވާރަ އަހަރުގެ ފަހުން ލީގު ކާމިޔާބު ކުރުމުގެ އުއްމީދުގައި އޮތް އަސެނަލް މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތީ އަށް ޕޮއިންޓްގެ ލީޑަކާ އެކުގަ އެވެ. އެ ޓީމުގެ ފަހަތުން ދެ ވަނަގައި އޮތީ މެންޗެސްޓާ ސިޓީ އެވެ. ތިން ވަނައިގައި މެންޗެސްޓާ ޔުނައިޓެޑް އޮތީ ސިޓީ އަށް ވުރެ އެއް ޕޮއިންޓް މަދުން ހޯދައިގެންނެވެ.
އާސެނަލުން މި ސީޒަންގައި ދައްކަމުން އަންނަ ކުޅުމަށް ގިނަ ބަޔަކު ތައުރީފް ކުރަމުން އަންނައިރު، އެ ޓީމަށް ލީގު ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުކުރާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. އެ ގޮތުން މީގެ ކުރިން އާސެނަލް ގަދަ ހަތަރަކަށް ވެސް ނާރާނެ ކަމަށް ބުނި މީހުން ވެސް މިހާރު އެ ޓީމުން ހޯދަމުން އަންނަ ނަތީޖާތަކަށް ބަލައި، ތައުރީފް ކުރަމުން އަންނަ ކަން ފާހަގަކުރެވެ އެވެ.
އެހެން ނަމަވެސް އާސެނަލްގެ ޒަމާންވީ އެއް ވާދަވެރިން ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ތަރި ގެރީ ނެވިލް އަދި ވެސް ގަބޫލުކުރަނީ އާސެނަލަށް މި ސީޒަންގެ ލީގު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އާސެނަލް ދާނީ ލީގުގެ ތިން ވަނަ އަށެވެ.
"މި ވަގުތު އެއް ވަނައިގައި އޮތަސް އާސެނަލް އަށް ލީގު ހޯދޭނެއެކޭ އަހަންނެއް ނުބުނާނަން، ލީގުގެ ޗެމްޕިއަންކަން ހޯދާނީ ސިޓީއޭ އަހަރެން ބުނާނީ. ޔުނައިޓެޑަށް ލިބޭނެ ދެވަނަ. އާސެނަލް ދާނީ ތިނަކަށް" ޔުނައިޓެޑާ އެކު ޕްރިމިއާ ލީގު އަށް ފަހަރު ހޯދާފައިވާ ނެވިލް ބުންޏެވެ.
ގެރީ ނެވިލް ގަބޫލުކުރާ ގޮތުގައި އާސެނަލުގެ އަތުގައި އޮތް އަށް ޕޮއިންޓްގެ ލީޑަކީ ސީޒަންގެ ފަހުކޮޅު ގެއްލޭނެ އެއްޗެކެވެ. ލީގުގެ ފަހުކޮޅު މެޗުތައް ގިނަވެ، ކުޅުންތެރިންގެ ފޯމަށް ބަދަލުތަކެއް އަންނާނެތީ އޭގެ ފައިދާ އެހެން ޓީމްތަކުން ނަގާނެކަމަށް ނެވިލް ބުނެ އެވެ.
"ދެ މެޗު އެއްވަރުވެފަ އެއް މެޗުން ބަލިވާއިރަށް އެ ލީޑު ގެއްލޭނެ. ތިން މެޗުން ނަތީޖާ އެނބުރޭނެ. އާސެނަލްގައި ނެތް ގިނަ މެޗުތައް އެއް ވަރެއްގައި ކުޅެވޭނެ ފެންވަރެއް" ކުލަބު ކެރިއަރު އެއްކޮށް ޔުނައިޓެޑްގައި ހޭދަކުރި ކުރީގެ ޑިފެންޑަރު ބުންޏެވެ.
އޭނާ ބުނީ މި ސީޒަންގައި އާސެނަލުން މިހާރު އެ ދައްކާ ކުޅުން ފެންނާނެ ކަމަށް ކުރިން ހީވެސް ނުކުރާ ކަމަށާއި، މިއީ ސީޒަންގެ ފޯރި ގަދަވާ އެއް ސަބަބު ކަމަށެވެ. ނެވިލް ބުނީ ޔުނައިޓެޑުން ވެސް މިހާރު މޮޅަށް ކުޅެމުން އަންނަ ކަމަށާއި، އެކަމަކު، އަދި އެ ޓީމުގައި ލީގު ހޯދޭ ފެންވަރު ނެތް ކަމަށެވެ.












