އިންޑިއާގެ އެހީގެ ދަށުން ހދ. ހަނިމާދޫގައި އަޅާ އިންޓަނޭޝަނަލް އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރު މިއަދު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
ފޮރިން މިނިސްޓްރީއިން މިއަދު ބުނި ގޮތުގައި މިއަދާއި މާދަމާ ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އެންމެ އުތުރުގެ އަތޮޅުތަކަށެވެ.
އަދި މިރޭ ހަނިމާދޫގައި ބާއްވާ ރަސްމިއްޔާތުގައި ވެސް ޖައިޝަންކަރު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.
މިވަގުތު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނު ދަތުރެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ހުންނެވީ އެންމެ އުތުރުގެ އަތޮޅުތަކުގަ އެވެ. ޖައިޝަންކަރުގެ މި ދަތުރުގައި ރައީސް ސޯލިހުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.
މީގެއިތުރުން މި ދަތުރުފުޅުގެ ތެރެއިން އިންޑިއާއާއި ރާއްޖެއާ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެވިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީއިން ބުންޏެވެ.

ޖައިޝަންކަރަށް މަރުހަބާ ދެންނެވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާރު ގެންދަވަނީ ނ. މާފަރަށް ދަތުރުކުރައްވަމުން ކަމަށް ޝާހިދު ކުރެއްވި ޓުވީޓެއްގައި ވަނީ ބުނެފަ އެވެ.
މިއީ ޖައިޝަންކަރު 2019 ވަނަ އަހަރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ހަތަރުވަނަ ދަތުރެވެ.
އެމަނިކުފާނު އެންމެ ފަހުން ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވީ 2022 ވަނަ އަހަރުގެ މާޗް މަހު އައްޑޫ ސިޓީއަށެވެ.












