ޕެރިސް (ޖެނުއަރީ 18) - ފްރާންސްގެ ކުރީގެ ފުޓްބޯޅަ ތަރި ޒިނެދިން ޒިދާނަށް އިހުތިރާމް ކުޑަކޮށް ވާހަކަ ދެއްކުމާ ގުޅިގެން ހޫނު ފެނަށް ވެއްޓި، ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހުނު ފްރާންސް ފުޓްބޯލް ފެޑެރޭޝަން (އެފްއެފްއެފް)ގެ ރައީސް، ނޮއެލް ލަ ގްރައެޓްގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ބޮޑު ތުހުމަތުތަކެއް ސާބިތުވުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.
މިދިޔަ މަހު، 20 ވަނަ ދުވަހު ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗުން ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލިވި މެޗު ނިމުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ފްރާންސްގެ އަންހެން ފުޓްބޯޅަ އޭޖެންޓް، ސޯނިއާ ސޫދު ވަނީ މީޑިއާގައި ފްރާންސްގެ ފުޓްބޯޅަ ރައީސް، ލަ ގްރައެޓަށް ބޮޑު ތުހުމަތެއް ކޮށްފަ އެވެ.

ފްރާންސްގެ ފުޓްބޯޅަ އޭޖެންޓް ސޯނިއާ ސޫދު: އޭނާ ވަނީ ފްރާންސް ފުޓްބޯޅަ ރައީސް ލަ ގްރައެޓްގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކޮށްފައި.
ފްރާންސްގެ ކުޅިވަރު މީޑިއާތަކަށް ސޯނިއާ ދިން އިންޓަވިއުއެއްގައި ބުނީ ލަ ގްރައެޓް، 81، އާ އެކު ބޭއްވި ބައްދަލުވުމެއްގައި ހިނގާދިޔައީ ހިތުން ފިލައިގެންދާ ވަރަށް ވުރެ ބޮޑު ކަންތައްތަކެއް ކަމަށެވެ.
އެ ގޮތުން، ލަ ގްރައެޓްގެ އެޕާޓްމަންޓެއްގައި ބޭއްވި ބައްދަލުވުމެއްގައި އޭނާ ބޭނުންވާ ޖިންސީ އެދުންތަކެއް ސޯނިއާ ފުއްދައިދީފިނަމަ، ފްރާންސް ފުޓްބޯޅައިގައި އޭނާ ބޭނުން ކަމެއް ކުރެވޭނެ ކަމަށް ލަ ގްރައެޓް ބުނެފައިވާ ކަމަށް ސޯނިއާ ވަނީ މީޑިއާގައި ބުނެފަ އެވެ.
މީޑިއާގައި ސޯނިއާގެ ފަރާތުން މި ތުހުމަތުތައް އަމާޒުވުމާ އެކު، ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުގެ އޮފިޝަލަކު، ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، މިއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
މި މައްސަލައިގެ ތަހުގީގު މިހާރު ރަސްމީކޮށް ވަނީ ފަށައިފަ އެވެ. ތަހުގީގު ފެށިއިރު، ލަ ގްރައެޓް ހުންނެވީ، މަގާމުގެ ޒިންމާތަކުން އެކަހެރިކޮށް ސަސްޕެންޝަނެއްގަ އެވެ.
ފްރާންސްގެ ސްޕޯޓްސް މިިނިސްޓްރީން ލަ ގްރައެޓް ސަސްޕެންޑްކުރީ، ޒިދާނަށް ފާޑުޔައި، ދިން އިންޓަވިއުއެއްގެ ސަބަބުން އާންމުންގެ ހިތްހަމަނުޖެހުންތައް ބޮޑުވެފައިވާތީ އާއި އޭނާގެ މައްޗަށް އެހެނިހެން މައްސަަލަތަކެއްގެ ތުހުމަތުތަކެއް ހުރުމުން ކަމަށް ސްޕޯޓްސް މިނިސްޓްރީގެ އޮފިޝަލަކު ވަނީ ބުނެފަ އެވެ.
ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ، އިން ފްރާންސް ފުޓްބޯޅަ ރައީސްގެ ހައިސިއްޔަތުން އަދިވެސް މުއާމަލާތް ކުރަމުން އަންނަނީ 2011 ވަނަ އަހަރުން ފެށިގެން އެ މަގާމުގެ ޒިންމާ އަދާކުރަމުން އަންނަ ލަ ގްރައެޓްއާ އެކުގަ އެވެ.
ކުރިން ސިޔާސީ މަސައްކަތްތަކެއް ކުރި ލަ ގްރައެޓް ފުޓްބޯޅައިގެ ތެރެއަށް އައީ، ފްރާންސްގެ ގީންގޯމް ސަރަހައްދުގެ ޓީމަކާ އެކުގަ އެވެ.
މި ވަގުތު، ލަ ގްރައެޓްގެ ސަސްޕެންޝަނެއްގައި ހުރިއިރު، ފްރާންސް ސަރުކާރުން މި މުއްދަތުގައި ފްރާންސްގެ ފުޓްބޯޅައިގެ ކަންކަމުގައި މުއާމަލާތްކުރާނީ ރައީސްގެ ޒިންމާއާ ހަވާލުވެވަޑައިގަތް، ނައިބު ރައީސް، ފިލީޕޭ ޑިއާލޯއާ އެވެ.
ލަ ގްރައެޓަށް ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުގެ ޒިންމާއާ އަލުން ހަވާލުވެވޭނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުން ސަލާމަތްވެގެންނެވެ.












