ކޮންމެ ފަސް އަހަރުން އެއް އަހަރު ދިވެހިންގެ ގިނަ ބަޔެއްގެ ހިތުގައި އެއްކަހަލަ ސުވާލުތަކެއް އުފެދެއެވެ. ތިމަންނަ ވޯޓުލާން ދާންވީ ކީއްކުރަން ހެއްޔެވެ؟ ވޯޓުލާން ދިޔުމުގެ އޮތީ ކޮން ހިކުމަތެއް ހެއްޔެވެ؟ މިއަހަރުވެސް މި ވަނީ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނޭ ތާރީޚު ކަނޑައަޅައިފަ އެވެ. ބަލާލާ ކޮންމެ ދިމާލަކުން ފެންނަނީ ކޮންމެވެސް ޕްރައިމެރީއެއްގެ ނުވަތަ އެ ނޫންވެސް އިންތިޚާބީ މަސައްކަތްތަކަކާ ގުޅުންހުރި ވާހަކަތަކާއި މަންޒަރުތަކެވެ. ދުވަހުން ދުވަހަށް ކެންޑިޑަސީ އިޢުލާންކުރާ ލީޑަރުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މި ހުރިހާ ހަރަކާތެއްގައި، މި ލީޑަރުންގެ ފުރަގަހުގައި ހިތްވަރާއެކު މަސައްކަތްކުރާ އާބާދީއެއް އެބަ އޮތެވެ. އެހެންނަމަވެސް ހަމަ މި ދަނޑިވަޅުގައި މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ލާނަންތޯ ނުވަތަ ނޫންތޯ ސުވާލު އުފައްދާ އާބާދީއެއްވެސް އެބައޮތެވެ.
ވޯޓުލުމުގެ ބޭނުމަކީ ކޮބާ؟
ޑައުންސް ޕެރެޑޮކްސް (Down’s Paradox) ގައި ކިޔައިދެނީ ފަހުން މި ބުނި އާބާދީގެ ވާހަކަ އެވެ. މި ނަޒަރިއްޔާއިން ޖަދަލުކުރަނީ އިންތިޚާބެއްގެ ނަތީޖާއަށް ބަދަލެއް ގެނައުމަށް އަމިއްލަ މަޞްލަޙަތު އިސްކުރަން އެދޭ ވަކި ވަކި ފަރުދުން އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙިކުމަތާ އެވެ. މި ޙާލަތުގައި އަމިއްލަ މަސްލަޙަތު މި މާނަކުރަނީ ބޮޑާ ނިޔަތެއްގެ ގޮތުގައެއް ނޫނެވެ. މިސާލަކަށް ތިމާއަކީ ފުދުންތެރި މީހަކު ކަމުގައިވާ ނަމަވެސް، މުޅި މުޖުތަމަޢު ފުދުންތެރިވުމަކީ އޭގައި ތިމާއަށް މަސްލަޙަތު އޮތް ކަމެއްކަމަށް ދެކޭ ނަމަ، އެއީ މި ޙާލަތުގައި އޭނާގެ އަމިއްލަ މަސްލަޙަތެއް ކަމަށް އޭނާ ދެކޭ ކަމެކެވެ. އޭނާއަށް އޭގައި އޮތް މަސްލަޙަތަކީ ބައެއްގެ ދިރިއުޅުން ރަނގަޅުކުރުމުގައި ދައުރެއް އަދާކުރެވުނު ކަމުގެ އިހުސާސްކުރެވުމުން އެ ލިބޭ ހިތްހަމަޖެހުމެވެ.
ނަތީޖާ ކޮންމެ ގޮތަކަށް ނިކުތަސް މަށަށް ކީއް؟
ޑައުންސް ޕެރެޑޮކްސްގައި ދައުވާކުރަނީ، ވޯޓުލުމަށް އެ ކުރާ ހޭދައާ ގާތްކުރާ މިންވަރަށްވެސް ވޯޓުލުމުން އެ ލިބޭ ފައިދާއިން ވަކި ފަރުދުންނަށް ބައި ނޭޅޭކަމަށެވެ. މިސާލަކަށް އަހަރެން މި އަހަރުގެ އިންތިޚާބުގައި ވޯޓުދޭ ކެންޑިޑޭޓަކީ، އޭނާ އިންތިޚާބު ވެއްޖެ ނަމަ، އޭގެ ސީދާ އަދި ނުސީދާ ފައިދާ އަހަރެންނަށް ކުރާނޭ ފަދަ ސިޔާސަތުތަކެއްގެ މަތީ ހުރި މީހަކުކަމުގައިވިޔަސް، އޭނާއަށް އިންތިޚާބު ކާމިޔާބުވުމުގައި އަހަރެން ލީ އެއް ވޯޓު ދައުރެއް އަދާކުރުމަކީ ވުމަށް ވުރެ ނުވުން ގާތްކަމެކެވެ.
ދެން އެ ނަޒަރިއްޔާގައި ދައްކަނީ ވޯޓުލުމުގެ އަގުގެ ވާހަކަ އެވެ. ވޯޓުލާ ދުވަހު ތިމާއަށް ގެއްލޭ މަސައްކަތު ވަގުތާއި، ކިއުގައި ހުންނަންޖެހޭ ހުރުމާއި، ވޯޓުލާ މަޒުކަޒާ ހަމައަށް ދިއުމަށް ދަތުރުފަތުރަށް ދާ ޚަރަދުވެސް، ވޯޓުލުމަށް ކުރާ ހޭދައިގެ ތެރޭގައި ހިމަނަން ޖެހޭނެ ވާހަކަ އެވެ. މިގޮތަށް މިނެކިރާނަމަ، ވޯޓުލައިގެން ނިކުންނަ ނަތީޖާއެއްގެ ސަބަބުން ތިމާއަށް ސީދާގޮތުންނާއި ނުސީދާގޮތުން ކުރާ ފައިދާއަށްވުރެ، ވޯޓުލުމުގެ އަގުބޮޑުކަމުގައި އެ ނަޒަރިއްޔާގައި ވެއެވެ. އަދި އެހެންކަމުން، ޤާބިލު، ސަބަބުވެރި، އަމިއްލަ މަސްލަޙަތަށް އިޙުތިރާމުކުރާ މީހަކު، ވޯޓުލާކަށް ނުދާނެކަމަށް އެ ނަޒަރިއްޔާ ބުނެ އެވެ.
އެހެންވިއްޔާ މި ބުނެވެނީ ވޯޓުލުމަކީ ތާކުންތާކު ނުޖެހޭ ކަމެކޭ ހެއްޔެވެ؟ ޑިމޮކްރެޓިކް ޤައުމެއްގައި މިއީ ވަރަށް ނުރައްކާ ފިކުރެއް ދޯއެވެ. ތާކުންތާކުޖެހޭ ހުރިހާ އެންމެންނަކީ ވޯޓުނުލާން ނިންމާ މީހުންކަމުގައިވާނަމަ މި ބުނެވެނީ ޤައުމެއްގެ ލީޑަރުން އިންތިޚާބުކުރާނީ ހުސް ތާކުންތާކުނުޖެހޭ މީހުން ލާ ވޯޓުންނޭ ހެއްޔެވެ؟ ވޯޓުލާން ދިއުމަށް ބާރުދޭ އިޝްތިހާރުތަކުގައިވެސް މި ދައްކަނީ އެންމެ ވޯޓަކުންވެސް ނަތީޖާ ބަދަލުކޮށްވޭނޭ ވާހަކައެވެ. އެކަމަކު ބޮޑު އިންތިޚާބެއްގެ ނަތީޖާ އެންމެ ވޯޓަކުން ބަދަލުވުމަކީ ވަރަށް ނާދިރުކަމެއް ކަމުގައިވާ ހިނދު، ޑިމޮކްރެޓިކް ވެއްޓެއްގައި އެންމެ ވޯޓެއްގެ ވާހަކަ ދެއްކުމަކީ އެހާ ބުއްދިވެރި ކަމެއް ހެއްޔެވެ؟
އޮތް ގޮތަކީ އަހަރެމެންގެ ވިސްނުން ބަދަލުކުރުމެވެ. ވަކި ވަކި ފަރުދުން ލާ ވޯޓަކުން އޭނާ އެދޭ ނަތީޖާއެއް ނުނިކުތުން އެކަށީގެންވާކަން ބަލައިގަތުމެވެ. ވޯޓުލާން ދާ ސަބަބަކީ އަމިއްލަ މަސްލަޙަތެއް އިސްކުރުން ކަމުގައި ނު ދުށުމެވެ. މި އިންތިޚާބީ އަރަތައް ޖަވާބުދާރީވާ އިތުރު ދެ ތިއަރީއެއް ވެއެވެ. އެއީ މެންޑޭޓް ތިއަރީ އޮފް ވޯޓިން އަދި އެކްސްޕްރެސިވް ތިއަރީ އޮފް ވޯޓިން އެވެ.
ވޯޓުލަނީ ތާއީދުކުރާ ލީޑަރުގެ މަސައްކަތަށް މަގުފަހިކޮށްދޭން
މެންޑޭޓް ތިއަރީ (Manadate theory) ބުނަނީ ވޯޓުލާން ޖެހޭ ސަބަބަކީ ތިމާ ތާއީދުކުރާ ކެންޑިޑޭޓުގެ މަސައްކަތަށް ފަހިކުރުމާއި ތިމާ ތާއީދުނުކުރާ ކެންޑިޑޭޓުގެ މަސައްކަތް ތަކަށް ދަތިކުރުމެވެ. މި ނަޒަރިއްޔާގައި މެންޑޭޓު މާނަކުރަނީ ބޮޑު އަގުލަބިއްޔަތެއް ދިނުން ކަމުގަ އެވެ. މިސާލަކަށް އެމް.ޑީ.ޕީގެ ޕްރައިމަރީގައި މިހާރުގެ ރައީސް ބޮޑު އަގުލަބިއްޔަތަކުން ޓިކެޓު ހޯއްދަވައިފިނަމަ، އެއީ ކުރީގެ ރައީސްގެ މެންޑޭޓަށް ނޫނެކޭ ބުނުމެވެ. މާ ބޮޑު ތަފާތެއް ނެތި އިންތިޚާބެއް ނިމިއްޖެނަމަ، ތާއީދު އޮތީ ސީދާ މިވެނި ކޮޅަކަށޭ ބުނަން ދަތިވާނެ އެވެ. އެހެންކަމުން މެންޑޭޓު ނަޒަރިއްޔާގައި މި ބުނަނީ، ބޮޑު އަގުލަބިއްޔަތެއް ހޯދައިދިނުމަށް ވޯޓުލާށޭ އެވެ. އެއް ވޯޓުގެ ތަފާތުން ނަތީޖާ ބަދަލުކުރަން ވޯޓުލާށެކޭ ނޫނެވެ.
ވޯޓުލަނީ ތިމާގެ ޚިޔާލު ފާޅުކުރުމުގެ ޒިންމާ އަދާކުރަން
ވޯޓުލުމުގެ މަޤްޞަދަކީ އެންމެ ވޯޓަކުން ނަތީޖާ ބަދަލުވުމުގެ ފުރުޞަތު އޮތުން ނޫން ކަމަށްވާނަމަ، ވޯޓު ލާ އެހެން ސަބަބުތަކަށް ބަލާލާއިރު ދެން މި ދައްކަނީ އެކްސްޕްރެސިވް ތިއަރީގެ (Expressive Theory) ވާހަކަ އެވެ. ވޯޓު ލަނީ ތިމާ އަށް ބަލައިގަނެވޭ ފިކުރަކީ ކޮބައިކަން ފާޅުކުރުމުގެ ގޮތުންނެވެ. ތިމާ ލާ ވޯޓަކީ ސިއްރު ވޯޓެއްކަމުގައިވިޔަސް، ތިމާ ވޯޓުލީ ވަކި މީހަކު ހާމަ ނުކުރިކަމުގައިވިޔަސް، ތިމާގެ ތާއީދު އޮތް ސިޔާސަތުތަކާއި ތަޞައްވަރުތަކާމެދު ޝުޢޫރު ފާޅުކުރުމުގައި ވޯޓަކީ މުހިއްމު މަންސައެކެވެ. މިސާލަކަށް، އިންތިޚާބެއްގެ ކެންޑިޑޭޓުންކުރެ ކޮންޒަރވޭޓިވް އުސޫލުތަކަށް ތާއީދުކުރާ މީހަކަށް ތިމާގެ ވޯޓު ދެނީ، އޭނާގެ ކެމްޕެއިން ރެލީގައި ބައިވެރިވެގެންނެއް ނޫނެވެ. އެހެންނަމަވެސް އޭނާއަށް ވޯޓުލައިގެން ތިމާ އެ އުޞޫލުތަކަށް ތާއީދުކުރާ އުޞޫލަށް ބާރު ދެވޭތީއެވެ. މިއީވެސް މިނިވަންކަމާއެކު ޝުޢޫރުތައް ފާޅުކުރުމުގެ ބާވަތެކެވެ.
މަސްހުނި
މިހުރިހާ ވާހަކައެއް ދައްކާއިރުވެސް އެންމެ ބަލައިގަންނަން ފަސޭހައީ، މީހެއް ވޯޓުލުމަށް ބޭނުންވާ ސަބަބަކީ މި ހުރިހާ ކަމެއް މަސްހުނިކޮށްގެން އުފެދޭ ސަބަބެއް ކަމަށް ބުނާ ބުނުމެވެ. ވޯޓުލަނީ އޭގެ ނަތީޖާގެ އެދެވޭ އަސަރެއް ސީދާ ގޮތެއްގައި ތިމާއަށް ކޮށްފާނެ ކަމުގެ އުއްމީދުގައި، ތިމާ ތާއީދުކުރާ މަސައްކަތްތަކަށް މަގުފަހިކޮށްދިނުމުގައި ދައުރެއް އަދާކުރަން އެދިހުރެ، ތިމާގެ ޝުޢޫރުތައް ފާޅުކުރުމަށޭ ބުނެވިދާނެ އެވެ. ނާދިރު ކަމެއް ކަމުގައިވިޔަސް، ތިމާ ވޯޓުނުލާ އިންތިޚާބެއްގައި އެންމެ ވޯޓެއްގެ ތަފާތުން ތިމާ ތާއީދުކުރާ މީހަކަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހިއްޖެ ނަމަ، ތިމާ އެކަމާ ހިތާމަކުރަން ޖެހެއެވެ. ތިމާ ތާއީދުކުރާ މީހާއަށް ކާމިޔާބު ލިބިގެން ތިމާއަށް އޭގެ ސީދާ ފައިދާއެއް ނުވާނެކަމުގައި ބަލައިގަނެ ހުރެވެސް، އޭނާއަށް އިންތިޚާބު "ބޮޑުތަނުން" ކާމިޔާބުކޮށްދިނުމުގައި ތިމާގެ ދައުރެއް އޮތްކަމަށް ދައުވާކުރާ ހިތްވާނެ އެވެ. އަދި ތިމާގެ ޚިޔާލުފާޅުކޮށް، ތިމާގެ އުޞޫލުތައް އެހެންމީހުން ބަލައިގަތުމަށްވެސް ތިމާއަށް އެދެވޭނެ އެވެ. މިއީ އިންސާނީ ޠަބިއްޔަތެވެ.
މިއިން ކޮންމެ ސަބަބަކަށް ތިމާ އިސްކަންދިން ކަމުގައިވިޔަސް އިންސާފުވެރި އިންތިޚާބަކީ ޑިމޮކްރެޓިކް ޖަމާޢަތެއް ނަގަހައްޓާ އެއް ތަނބެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އެންމެ މުހިއްމު އެއް މަންސައެވެ. ޤައުމާމެދު ކުރާ ތަޞައްވަރު، ވެރިންނަށް އަންގައިދޭން ލިބޭ އެންމެ ބޮޑު އެއް ފުރުޞަތެވެ. ވޯޓުލާންވީ އެހެންވެގެންނެވެ. ޑިމޮކްރެޓިކް ނިޒާމުން ދޭ ޙައްޤުތަކާއެކު ރައްޔިތުންގެ މައްޗަށް ލާޒިމުކުރާ ޒިންމާ އަދާކުރަންވެގެންނެވެ. މާދަމާ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އަދުއުފާލާނޭ ޙައްޤު ހޯދަންވެގެންނެވެ.








