މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލާ މަރުކަޒުތައް އެ ޕާޓީއިން މިއަދު އާންމުކޮށްފި އެވެ.
އެމްޑީޕީއިން މިއަދު އާންމުކުރި ވޯޓުލާ މަރުކަޒުތަކާއި ފޮށިތަކުގެ މައުލޫމާތަށް ބަލާއިރު، މި ޕްރައިމަރީގައި 250 އަށްވުރެ ގިނަ ވޯޓު ފޮށި މާލެ އަދި އަތޮޅު ތެރޭގައި ބެހެއްޓޭނެ އެވެ. އެގޮތުން މާލޭގައި 80 އަށްވުރެ ގިނަ ވޯޓު ފޮށި އަދި އަތޮޅުތެރޭގައި 190 އަށްވުރެ ގިނަ ޥޯޓުފޮށި ބެހެއްޓިގެންދާނެ އެވެ.
މާލޭގައި ވޯޓުލުން ކުރިއަށްދާނީ ސީއެޗްއެސްސީ، އަމީނިއްޔާ، އެމްއެންޔޫ، އިސްކަންދަރު، ހިރިޔާ، އިމާދުއްދީން، މާފަންނު މަދަރުސާ، ތާޖުއްދީން އަދި އިއްޒުއްދީން ސްކޫލާއި، ރެހެންދި އަދި ކަލާފާނު ސްކޫލް އަދި މުހިއްޔުއްދީން ސްކޫލުގަ އެވެ. ގިނަ ރަށްތަކުގައިވެސް ވޯޓުލުމުގެ މަރުކަޒު ގާއިމުކުރެވޭނީ އެ ރަށުގެ ސްކޫލުތަކުގައި ކަމަށް އެމްޑީޕީއިން ވަނީ ބުނެފަ އެވެ.
މި މަހުގެ 28 ވަނަ ދުވަހުގެ ވޯޓުލުން ކުރިއަށްދާނީ އެދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އާ ހަމައަށެވެ. މި ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓު މިދިޔަ މަހުގެ ތެރޭގައި އާންމުކޮށްފައިވާއިރު، 57،000 އަށްވުރެ ގިނަ މީހުން އެ ލިސްޓުގައި ހިމެނެ އެވެ.
ރާއްޖޭގައި މިހާތަނަށް ޕާޓީއަކުން ބާއްވާ އެންމެ ވާދަވެރި އެއް ރިޔާސީ ޕްރައިމަރީގައި އެއް ކޮޅުން ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސް ސޯލިހާއި އިދިކޮޅަށް ޕްރައިމަރީގައި ނުކުންނަވާ ހުންނެވީ ޕާޓީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ.

ޕްރައިމަރީގެ ކެމްޕޭން ފޯރީގައި ކުރިއަށް ދާއިރު އަތޮޅު ތެރޭގައި އުޅުއްވުމަށްފަހު މިވަގުތު ދެ ކެންޑިޑޭޓުންވެސް ތިއްބެވީ މާލޭގަ އެވެ.












