އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އެހީ ލިބުން ލަސްވަމުން ދާތީ ރައްޔިތުންނަށް ބުރަވަމުންދާ ކަމަށް ސްރީލަންކާއިން ބުނެފި އެވެ.
ސްޓޭޓް މިނިސްޓާ އޮފް ފިނޭންސް ޝޭހަން ސެމާސިންގެ ބައިނަލްއަގްވާމީ ފޯރަމެއްގައި ވިދާޅުވީ އައިއެމްއެފް އެހީ ކަށަވަރުވި ނަމަވެސް، ލިބުން ލަސްވާތީ ތަކުލީފު ބޮޑު ކަމަށެވެ.
އިގުތިސާދީ ކާރިސާގެ އަސަރު އެންމެ ބޮޑަށް ކުރަނީ އާދައިގެ ފަރުދުންނާއި ވިޔަފާރިތަކަށް ކަމަށާއި ދުވަހަކަށް ވުރެ ދުވަހެއް ބުރަ ބޮޑުވަމުންދާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ބައިވެރިންގެ އެހީއާ އެކު ބެއިލްއައުޓް ޕެކޭޖަށް ބޭނުންވާ ރުހުން ލިބޭނެކަން ޔަގީން. އެކަމަކު ޓެކްނިކަލް ކަންކަމާ ގުޅުން ހުރި ޝައްކުތަކާއި އެހީ ދިނުމުގައި ލަސްވާތީ ކުރަމުންދާ އަސަރު ބޮޑު،" އޭނާ ވިދާޅުވި އެވެ.
ސެމާސިންގެ އެގޮތަށް ވިދާޅުވީ ޖީ20 ފިނޭންސް މިނިސްޓަރުންގެ "ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓު" ގެ ވާޗުއަލް ބައްދަލުވުމެއްގަ އެވެ.
އޭނާ ވިދާޅުވީ އައިއެމްއެފްގެ މަޝްވަރާއިން ކުރި ލިބުނު ނަމަވެސް، ބައިލެޓަރަލް ޕާޓްނަރުންގެ ފަރާތުން މާލީ ޔަގީންކަން އަދިވެސް ނުލިބޭ ކަމަށެވެ.
ސްރީލަންކާއިން މާލީ ޔަގީންކަން ހޯދުމަށް މަޝްވަރާ ކުރާ މައި ދެ ގައުމަކީ އިންޑިއާ އާއި ޗައިނާ އެވެ. އައިއެމްއެފުން ބުނީ އެ ދެ ގައުމާ އެކު އެއްބަސްވުމަކަށް އައުމުން ނޫނީ އެހީ ނުދެވޭނެ ކަމަށެވެ.










