ދަރަނި ރީސްޓްރަކްޗާ ނުކުރުމާއި، ޖީއެސްޓީ ބޮޑުކުރުން ވެސް ކަމު ނުގޮސް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިޑާޅުވެއްޖެ އެވެ.
ޕްރައިމަރީގެ ކެމްޕޭނުގައި ތ. ގުރައިދޫގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ގުރައިދޫ ބަނދަރު މިއަދު ހެދިފައި އޮތީ ސަރުކާރަށް ލިބޭ އާމްދަނީ 10 ގުނަ އިތުރުވެފައިވާތީ ކަމަށެވެ. ނަމަވެސް، ރައްޔިތުންގެ އާމްދަނީ އަދި ގޭގެއަށް ވަންނަ އާމްދަނީ 10 ގުނަ އިތުރުވެގެންނުދާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.
ނަޝީދު ވިދާޅުވީ ޑިމޮކްރެޓިކް ރަނގަޅު ވެރިކަމެއް ހިނގަން ފެށީމައި، ގައުމުތައް، ރައްޔިތުން ތަނަވަސްވެ، އުފާ ފާގަތި ކަމަށް އެނބުރޭ ކަމަށާއި، ރާއްޖޭގެ ރައްޔިތުންނަށް އެ ހިސާބަށް ނުދެވޭ ކަމަށެވެ. އަދި ދިވެހިން ތިބީ އެ ހިސާބަށް ދިއުމަށް ދެން ކުރަން ހުރީ ވަރަށް މަދު ކަންތައްތަކެއްކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ މިދިޔަ ފަސް އަހަރުވެސް އެމްޑީޕީގެ ސިޔާސަތު ތަންފީޒު ކުރި ނަމަ އާންމު ރައްޔިތުންގެ އާމްދަނީ 10 ގުނަ އިތުރުވާނެ ކަމަށެވެ.
ސަރުކާރުން ރަށްރަށުގައި ހިންގާ އުމްރާނީ ތަރައްގީގެ ކަންކަން ބޭނުންތެރިކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އޭގެއިން އެއްވެސް ކަމަކީ ގެއެއްގެ ނުވަތަ މީހެއްގެ އާމްދަނީ އިތުރު ނުވާ ކަމަށެވެ. އަދި، އާމްދަނީ އިތުރުވުމަށް ވިޔަފާރި އިތުރުވާން ޖެހޭކަން ފާހަގަކުރައްވާ އެމނަިކުފާނު ވިދާޅުވީ އެމްޑީޕީގެ އެންމެ ބޮޑު އެންމެ މުހިންމު ސިޔާސަތަކީ އަމިއްލަ ވިޔަފާރިއަށް އެހީތެރިވެދިނުން ކަމަށެވެ.
ނަޝީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަން ކުރެއްވި 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ވަރަށް ގިނަ އަދަދެއްގެ ރުފިޔާ ދަރަންޏަށް ނެގުނު ކަމަށާއި، އެ ދަރަނި ދައްކަން ޖެހިފައި މިއޮތީ 2022 ވަނަ އަހަރާއި 2024 ވަނަ އަހަރާ ދެމެދު ކަމަށެވެ.

ދަރަންޏަށް ނެގުނު ފައިސާ އަނބުރާ ދެއްކުމަށް ސަރުކާރަށް މިއޮތީ އިންތިހާއަށް ދަތިވެފައި. އެހެންވީމާ އަނެއްކާވެސް ޓެކްސް މި ބޮޑުކުރީ، އަޅުގަނޑަށް ފެންނަ ތަނުގައި އެއީ ވަރަށް ބޮޑު ގޯހެއް.
ޓެކްސް ބޮޑުކުރީމުގެ ސަބަބުން ތަކެތީގެ އަގު އުފުލޭނެކަން ފާހަގަކުރައްވާ ނަޝީދު ވަނީ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް ފާޑުކިޔުން އަމާޒުކުރައްވާފަ އެވެ. ނަޝީދު ވިދާޅުވި ގޮތުގައި ތަކެތީގެ އަގު މިހާރު އުފުލިފައި ހުރި ވަރަށްވުރެ ބޮޑަށް އުފުލި، ފެބްރުއަރީ މަހުގެ ތެރޭގައި ތަކެތީގެ އަގުން 10-15 ޕަސަންޓު އުފުލިގެންދާތަން ރައްޔިތުން ތަޖުރިބާ ކުރަން ޖެހޭނެ އެވެ.
"މިއީ އިންތިހާބެއްގެ އަހަރުގައި ވަރަށް ވިޔާނުދާ ކަމެއް. 2019 ވަނަ އަހަރުން ފެށިގެން ސަރުކާރުގައި އެބަ ދަންނަވަން ދައުލަތުގެ ދަރަނި އަލުން އަނބުރާ އެކުލަވާލުމަށް،" ދަރަނި އަލުން އެކުލަވާލުމަކީ ވަރަށް އާދައިގެ، ގައުމުތަކުން އާންމުކޮށް ކުރަމުންދާ ކަމެއްކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ދަރަނި ރީސްޓްރަކްޗާ ކުރާ ގޮތަކީ ކުރިއަށް އޮތްތަނުގައި ދަރަނި ދައްކަން ދަތިވީމައި، ކުރިއާލާ ދަރަނި ދިން މީހުންނާއި ބައިނަލްއަގްވާމީ މާލީ އިދާރާތަކުގައި ވެސް އެވާހަކަ ދައްކާ، ދަރަނީގެ މުއްދަތާއި، އަނބުރާ ދައްކަން ޖެހޭ މިންވަރާއި އިންޓްރެސްޓް ރޭޓުވެސް ބަދަލުކޮށްދިނުމަށް އެދުން ކަމަށެވެ.
"މި ރީސްޓްރަކްޗަރިންގެ މަސަައްކަތް ސަރުކާރަކުން ނުކުރި. އެހެންވީމާ 2023 ވަނަ އަހަރު މިއޮތީ އަޅުގަނޑުމެން ދައްޗާ، ހީނަރުކަމާ ކުރިމަތިލާން ޖެހިފައި" ދަރަނި ރީސްޓްރަކްޗާ ނުކުރުމުގެ ސަބަބުން ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ޖެހި، ސަރުކާރުގެ ޕްރޮޖެކްޓުތައް ވެސް މަޑުކުރަން ޖެހޭކަން ފާހަގަކުރައްވާ ނަޝީދު ވަނީ އެއީ އިންތިހާބަށް އެޅޭ ވަރަށް ބޮޑު ހުރަހެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ނަޝީދު ވިދާޅުވީ ގުރައިދޫ ސްކޫލުގެ މަލްޓިޕާޕަސްހޯލު ހެދުން ލަސްވެގެން ދިޔައީ ސަރުކާރުގެ ރޭވުންތެރިކަން ކުޑަވުމާއި، ކޭޝްފްލޯއަށް ނުބަލާ، ކުޑަރަށެއް ބޮޑުރަށެއް، ފަޅުރަށެއް ނުބަލާ ތަރައްގީ ކުރުމުން ކަމަށެވެ. ނަޝީދު ވިދާޅުވީ އިންތިޒާމުވެގެން އޮންނަ ގޮތަށް ކަންކަން ނުވީމައި، ކަންކަމުގެ އަގު އެތައް ގުނައަކަށް އުފުލިގެންދާ ކަމަށެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާއިރު، ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ނަޝީދު އެންމެ ބޮޑު ގޯހެއްގެ ގޮތުގައި ފާހަގަކުރައްވާ އެއް ކަމަކީ ސަރުކާރުން މަސްވެރި ކުންފުނިތައް ހިންގުމެވެ. އެގޮތުން، ނަޝީދު ވިދާޅުވީ ސަރުކާރުގެ މަސްވެރިކަމުގެ ފެކްޓަރީތައް ހިންގަމުން އެގެންދަނީ މަސްވެރިން އަތުން ދަރަންޏަށް ނަގައިގެން ކަމަށެވެ.
ދަރަންޏަށް ނަގަނީ މަސް. އެ މަހަށް ލާރި ދެނީ މާފަހުން. މިއީ މުޅި ރަށެއްގެ އިގްތިސޯދަށް ބޮޑު ހީނަރުކަމެއް ގެނުވާ ކަމެއް
ނަޝީދު ވިދާޅުވީ މަސް ދޯނިތަކުން މަހަށް ފުރަނީ ދެތިން ހާސް ރުފިޔާގެ ކޮއްތު ފިހާރަތަކުން ކްރެޑިޓަށް ނަގައިގެން ކަމަށެވެ. އަދި، ފިހާރައިން ކްރެޑިޓަށް ކޮއްތު ނަގައިގެން ގޮސް އެއާސް ފައިސާ ނުދެއްކުނީމާ، މަސްވެރިކަމުގެ ވިޔަފާރިއާއެކު ފިހާރައިގެ ވިޔަފާރިވެސް ދަށްވެގެންދާކަން ނަޝީދު ވިދާޅުވި އެވެ.
".. ހަމަ އެ ވިޔަފާރި ދަށްވީމައި، ދެން އެއާ ގުޅުންހުރި ވިޔަފާރި ދަށްވާނީ. މިހެން މިހެން ގޮސް މުޅި އިގްތިސޯދެއް ހީނަރު ކަމެއްގެ މައްޗަށް ހިނގައިދޭ" ނަޝީދު ވިދާޅުވީ ކަންބޮޑުވުން އޮތީ އިންތިހާބުގެ އަހަރު އިގްތިސޯދު ހީނަރު ކަމާ ދިމާލަށް މިސްރާބު ހިފާފައިވުން ކަމަށެވެ.
ސަރުކާރުން މަސްވެރި ކުންފުނިތައް ހިންގުމާ މެދު ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ ސަރުކާރުން ދެކެނީ ހުރިހާ އެންމެން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވެއްދީމައި ސަރުކާރުން ބޭނުންވާ ގޮތަކަށް ރައްޔިތުން ވޯޓު ދޭނެ ކަމަށް ކަމަށެވެ. އަދި އެއީ ވިޔާނުދާ ވިސްނުމެއް ކަމަށާއި، އެ ވިސްނުމުގައި ރާއްޖެ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
ސަރުކާރު ކުންފުނިތަކުން މުވައްޒަފުންނަށް އެކަށީގެންވާ މުސާރަ ނުދޭ ކަމަށް ތުހުމަތު ކުރައްވަމުން ނަޝީދު ވިދާޅުވީ ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކީ ފައިދާވާ ކުންފުންޏެއް ނޫން ކަމަށާއި، އެ ކުންފުނިތަކަށް ލާރި ލިބެނީ ރައްޔިތުން ދައްކާ ޓެކުހުން ކަމަށެވެ. އެހެންކަމުން އެ ކުންފުނިތަކުގެ ހަރަދުތައް ބޮޑުކުރަމުން ދިޔަވަރަކަށް ސަރުކާރާއި ރައްޔިތުންނަށް ވެސް ދާނީ ބުރަވަމުން ކަމަށް ނަޝީދު ވިދާޅުވި އެވެ.













