މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެޅި ފިޔަވަޅަކާ ގުޅިގެން، ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޭންކް އޮފް މޯލްޑީވްސް (ބީއެމްއެލް) މެދުވެރިކޮށް ފައިސާ ފޮނުވުން ލިމިޓު ކޮށްފި އެވެ.
ބީއެމްއެލްގެ ކަސްޓަމަރުންނަށް އެ ބޭންކުން ފޮނުވި އީމެއިލްއެއްގައި ބުނެފައިވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓިއުޝަން ފީ އާއި ލިވިން އެލަވަންސް އަށް ވާ ޑޮލަރު ދޫކުރާނީ ހަމައެކަނި އޭ ލެވަލްއިން މަތީގެ ޓާޝަރީ ފުލްޓައިމް ދަރިވަރުންނަށާއި، އޭވިއޭޝަން، ލޯ އަދި މެޑިސިން ފަދަ ޕްރޮފެޝަނަލް ދާއިރާތަކުގެ ދަރިވަރުންނަށް ކަމަށެވެ.
ރާއްޖެއިން ބޭރުގައި ކިޔަވާ އޭ ލެވަލް އިން ދަށުގެ ގްރޭޑްތަކުގެ ދަރިވަރުންނަށް ވެސް ލިވިން އެލަވަންސް އާއި ޓިއުޝަން ފީ އަށް ބޭނުންވާ ބޭރު ފައިސާ ބީއެމްއެލް އިން މީގެ ކުރިން އައީ ހަމަޖައްސައި ދެމުންނެވެ.
"އަޅުގަނޑުމެންނަށް ބަދަލު ގެންނަން ޖެހުނީ، އެމްއެެމްއޭ އިން ދޭ ޑޮލަރު ސަޕޯޓާ އެގޮތަށް އެބަދަލު ގެންނަށް ޖެހިގެން،" ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑޮލަރު ލިމިޓު ކުރަން ޖެހުނު ސަަބަބު އީމެއިލް މެދުވެރިކޮށް ކަސްޓަމަރުންނަށް އަންގާފައި ވާނެ ކަމަށެވެ.
ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުން ބޭރު ފައިސާ ހޯދުމުގެ އެންމެ ބޮޑަށް ބަރޯސާ ވެފައި އޮންނަނީ ބީއެމްއެލް އަށެވެ. ބީއެމްއެލް އިން ޑޮލަރު ނުލިބިއްޖެ ނަމަ ޖެހެނީ، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނާށެެވެ.










