މިލާން (ޖެނުއަރީ 8) - އިޓާލިއަން ލީގުގައި ރޭ އުދިނޭޒީ އަތުން 1-0 އިން ކުރިހޯދި ޔުވެންޓަސް އިން ލީގުގައި ޖެހިޖެހިގެން ހޯދި އަށް ވަނަ މޮޅާ އެކު، ދެ ވަނަ އަށް ޖެހިލިއިރު، މޮންޒާއާ 2-2 އިން އެއްވަރުވެ، އިންޓަ މިލާން ޕޮއިންޓަކުން ފަރުޖައްސާލައިފި އެވެ.
ލީގުގެ އެއް ވަނައިގައި ނަޕޯލީ އޮތީ 16 މެޗުން 41 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޔުވެންޓަސް އަށް 17 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އޭސީ މިލާނަށް 16 މެޗުން ވަނީ 36 ޕޮއިންޓް ލިބިފަ އެވެ. އަދި ރޭގެ ޕޮއިންޓާ އެކު އިންޓަ ހަތަރެއްގައި އޮތީ 17 މެޗުން 34 ޕޮއިންޓް ހަމަކޮށްގެންނެވެ.
ޔުވެންޓަސް ދަނޑުގައި ރޭ ފުރަތަމަ ހާފުގައި އެ ޓީމުގެ ޑެނިއަލް ރުގާނީ ބޮލުން ޖެހި ބޯޅައެއް އުދިނޭޒީގެ ގޯލްކީޕަރު، މާކޯ ސިލްވަސްޓްރީ ވަނީ މަތަކޮށްފަ އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅުގައި ޔުވެންޓަސްގެ މޮއިސް ކީން އަށް އޭރިއާތެރެއިން ހުސްކޮށް ލިބުނު ފުރުސަތުގައި ވެސް ޖެހި ބޯޅަ ކީޕަރު ސިލްވަސްޓްރީ ވަނީ މަތަކޮށްފަ އެެވެ. އުދިނޭޒީގެ ވޮލަސް އޭރިއާބޭރުން ޖެހި ބޯޅަ އަމާޒުވީ ޔުވެންޓަސްގެ ކީޕަރު، ވޮޒްޝިއޭ ޝެޒްނީ އަތަށެވެ.
މެޗުން ޔުވެންޓަސް މޮޅުކޮށްދިން ގޯލު ޖެހީ 86 ވަނަ މިނިޓްގައި ޑަނީލޯ އެވެ. މި ގޯލުގައި ބަދަލަކަށް ކުޅެން އެރި ލެއަންޑްރޯ ޕަރޭޑޭސް އާއި ފެޑެރީކޯ ޗިއޭސާ މުހިންމު ރޯލެއް ކުޅުނެވެ. ޕަރޭޑޭސް އޭރިއާތެރެއަށް މަތިން ކުޅުނު ބޯޅަ ޗިއޭސާ ވަނީ ކޮންޓްރޯލް ކުރުމަށް ފަހު ގޯލު ކުރިމަތީގައި ހުސްކޮށްހުރި، ޑަނީލޯ އަށް ދީފަ އެވެ.
ލީގުގެ 14 ވަނައިގައި އޮތް މޮންޒާ ދަނޑުގައި ރޭ އިންޓަ އިން ލީޑުނެގީ 10 ވަނަ މިނިޓްގައި މަޓެއޯ ޑާމިއާން ޖެހި ގޯލުންނެވެ. މިއީ އަލެސަންދްރޯ ބަސްޓޯނީ ނެގި ހުރަހަކަށް އޭރިއާތެރެއިން އަރައި، ޑާމިއާން ޖެހި ގޯލެކެވެ. އިންޓަ އަށް ލީޑު ހިފަަހައްޓައިލެވުނީ މިނިޓެކެވެ. މޮންޒާގެ ޕެޓްރިކް ޗުރީއާ ވަނީ އޭރިއާތެރެއިން ލިބުނު ބޯޅަ ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ.
މެޗުގެ 22 ވަނަ މިނިޓްގައި، އިންޓަ އިން އަލުން ލީޑުނެގި އެވެ. މޮންޒާގެ ޑިފެންޑަރު، ޕަބްލޯ މަރީ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި، އޭރިއާތެރެއިން ބޯޅަ ހޯދައި، އިންޓަގެ އާޖެންޓީނާ ފޯވާޑް، ލަޓާރޯ މާޓީނޭޒް ވަނީ ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
މޮންޒާ އިން އެއްވަރުކުރީ މެޗުގެ އިތުރު ވަގުުތުގެ ހަތަރު ވަނަ މިނިޓްގަ އެވެ. އޭރިއާތެރެއިން މޮންޒާގެ ލޫކަ ކަލްޑިރޯލާ ބޮލުން ޖެހި ބޯޅަ އިންޓަ ގޯލަށް ވަނީ އެ ޓީމުގެ ފުލްބެކް، ޑެންޒެލް ޑަމްފްރީސް ބޮލުގައި ޖެހިފަ އެވެ.
މެޗަށް ފަހު އިންޓަގެ ކޯޗު ސިމޯން އިންޒާގީ ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ކަންކަން އެންމެ ރަނގަޅަށް ނުދާތީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެއީ، މޮންޒާ އިން އެއްވަރުކުރުމުގެ 10 މިނިޓް ކުރިން އިންޓަގެ ފްރެންޗެސްކޯ އަޗެއަބީ ޖެހި ގޯލެއް ބަލައިނުގަންނަ ހާލަތެއްގައި، ވީއޭއާރް އިން ވެސް ބެލޭނެ ގޮތެއް ނެތުމުންނެވެ.












