"ތިޔަ ބޭފުޅުންގެ މެމްބަރު އަޅުގަނޑަށް މުހިންމުވާނީ. އަޅުގަނޑުގެ ޕާޓީގެ މެމްބަރެއް އަޅުގަނޑަށް އުނދަގޫކުރީމާ އޭނާ ބުނާ ކަންތައް އަޅުގަނޑު ކޮށްދޭނަން. އެހެން ޕާޓީއެއްގެ މެމްބަރެއް އަޅުގަނޑަށް އުނދަގޫކުރީމާ އަޅުގަނޑުގެ ނުލަފާކަން ރީތިކޮށް ފެނިގެންދާނެ. އެއްގޮތަކަށް ވެސް ހީފުޅު ނުކުރައްވާތި، ތިޔައިން ބޭފުޅަކު އަދި ހިތަކަށް ވެސް ނާރާނެ، އަޅުގަނޑު ކޮށްފައި ނުކުރާނެ ކަންކަމެއް."
މިއީ އޭޕްރިލް 17، 2009 ދުވަހު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ ރ.އަލިފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅެވެ. އޭރު ހިނގަމުންދިޔައީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީސްކޮޅުން ނުކުމެވަޑައިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންނާއި ސަރުކާރުގެ ވަޒީރުންނާއި، ރަސްމީ ސެކިއުރިޓީއާއެކު ހިންގަވާފައި، މަގުމަތިން ދިމާވިހާ ބަޔަކާ ސަލާންކުރައްވަމުން ހާލު އައްސަވަމުން ވަޑައިގެން، ބަނދަރުގައި އޮތް، ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުތަކަށް ހާއްސަ ލޯންޗުކޮޅަށް އަރާވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ. ރ.އަތޮޅު އަލިފުށްޓާ ހަމައަށް ވަޑައިގެންނެވުނުއިރު ވެސް އެއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެވެ. ބަނދަރުމަތިން ހިންގަވާފައިވާ އެމްޑީޕީގެ ހަރުގެއަށް ވަދެވަޑައިގެން، ޕޯޑިއަމުގައި ހުއްޓިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތާ ވެސް އެކުގަ އެވެ.
އޭގެ 14 އަހަރު ފަހުން، ހަމަ އެރަށުގެ އެއާޕޯޓުގެ ބިންގާ އަޅުއްވައިދެއްވުމަށް މާލެއިން ފުރާވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ. އެރަށުގައި އެކަމަށް ބޭއްވި ރަސްމިއްޔާތު ކެމްޕޭނު ޖަލްސާއަކަށް ބަދަލުވެގެންދިޔައިރު، ޕޯޑިއަމުގައި ވާހަކަފުޅު ދައްކަވަން ހުންނެވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓު 'ރައީސް އިބޫ' އެވެ.
ދެހާސް އަށް ވަނަ އަހަރުގެ ކުރިއަށް ޖެހިލައި، ލިޔެވިފައި އޮތް ތާރީހުން ފެންނަން އޮތް އެންމެ ދުރަށް ބަލާއިރުވެސް ހުރިހައި ވެރިކަމެއްގައިވެސް ކަންހިނގަމުން ގޮސްފައި ހުރީ އެއްކަހަލަ ގޮތަކަށެވެ. ރަދުންގެ އަމިއްލަފުޅު ބަޖެޓާއި ދައުލަތުގެ ބަޖެޓުގައި ތަފާތެއް ނޯވެ އެވެ. އަމިއްލަފުޅު ކަމެއް ދައުލަތުގެ ބަޖެޓުން ކުރައްވަފާނެ އެވެ. ދައުލަތުގެ ކަމެއް އަމިއްލަފުޅު ބަޖެޓުންވެސް ކުރައްވަ އެވެ. މިކަން ނިމުމަކަށް ގެނައުމަށް ދިވެހިން އެއްބަސްވީ 2008 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނު އަސާސީގަ އެވެ.
ގާނޫނު އަސާސީއަށް ގެނެވުނު ބޮޑު ބަދަލާއި، ދިވެހިންގެ ހޭލުންތެރިކަން އިތުރުވެގެން ދިޔަ ގޮތަށް ބަލާއިރު، ބަދަލުވެ އިސްލާހުވެގެން ދިޔަ ކަންކަން ނުހަނު ގިނަ އެވެ. އެހެންނަމަވެސް، ކެމްޕޭނުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުން އޮތީ އިހު އޮތްގޮތަށެވެ. ނަޝީދާއި ވަހީދާއި ޔާމީނާއި މިހާރު ވެރިކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާއަށް ވެސް ވީ ހަމަ އެވަރެވެ. އިންތިހާބަށް އިއުލާނުކޮށްފައި އޮއްވައި މާލެއިން ފުރާވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ދަތުރުފުޅުގެ ވަކިހިސާބަކުން ދެވަނަ ޝަހުސިއްޔަތެއް ފާޅު ވެ އެވެ. ޕާޓީގެ ރައީސް، ނުވަތަ ކެންޑިޑޭޓުގެ ހައިސިއްޔަތެވެ.
ދެ ހައިސިއްޔަތުގައި ތިލަފަތްހަމަކުރުން
ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަ މީހަކީ ސިޔާސީ މީހެކެވެ. އޭނާއަކީ ސިޔާސީ ޕާޓީއެއްގެ ފިކުރުގެ ތެރެއިން އެ މަގާމަށް އަންނަ މީހެކެވެ. އޭނާގެ ސިޔާސީ އެކުވެރިން ތިބެ އެވެ. ސިޔާސީ އެޖެންޑާއެއް އޮވެ އެވެ. އެހެންވީމާ، އޭނާގެ މަގާމުގެ ދައުރުގެ ތެރޭގައި ބޭއްވޭ ސިޔާސީ އިންތިހާބުތަކުގައި އޭނާއަށް ނުވަތަ އޭނާއަށް ކަމުދާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރައްވާނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ކޮންމެ ތަނަކަށް ވަޑައިގެންނެވި ނަމަވެސް، ސެކިއުރިޓީ ހަމަޖައްސައި ދިނުމަކީ ސަލާމަތީ ހިދުމަތްތަކަށް އޮތް ގާނޫނީ ވާޖިބެކެވެ. ވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުންތޯ، ކެންޑިޑޭޓެއްގެ ހައިސިއްޔަތުންތޯ ނުވަތަ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުންތޯ ބަލާކަށް ނުޖެހެ އެވެ. ކޮންމެ ހާލަތެއްގައިވެސް އެއީ ރައީސުލްޖުމްހޫރިއްޔާ އެވެ. ރައީސުލްޖުމްހޫރިއްޔާއަށް ސެކިއުރިޓީ އެރުވޭނީ އެކަމަށް ހަމަޖެހިފައި ހުރި ވަސީލަތްތައް ބޭނުންކޮށްގެންނެވެ. ރަސްމީ ލޯންޗުކޮޅާއި، ރަސްމީ ފާލަމާއި، ހާއްސަ މާލަން ތަކަކީ ސަލާމަތީ ސަބަބުތަކަށްޓަކައި ކޮންމެހެން ބޭނުންވާނޭ ވަސީލަތްތަކެވެ. އެހެންވީމާ، ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މިފަދަ ދަތުރުތަކުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންނުކުރެވޭނޭ ގޮތެއް ނޯންނާނެ އެވެ.
މިއީ ހުރިހާ ގައުމެއްގައި ވެސް މިކަން އޮތްގޮތެވެ. ތަފާތަކީ ބައެއް ގައުމުތަކުގައި މިކަންކަމަށް ރަނގަޅު އިންތިޒާމުތަކަކާއި އުސޫލުތަކެއް ހަމަޖެހިފައި ހުންނަކަމެވެ.
ދައުލަތުގެ މަގާމުތަކުގައި ތިބޭ މީހުން ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވުމާއި، ކެމްޕޭނުގައި ދައުލަތުގެ އުސޫލުތައް ބޭނުންކުރުމުގައި އެމެރިކާގައި 'ހެޗް އެކްޓު' އޭ ކިޔާ ގާނޫނެއް އޮވެ އެވެ. އެ ގާނޫނަށް އަމަލުކުރަން ފެށީ 1938 ވަނަ އަހަރު އެވެ. އޭރު ސެނެޓުގައި ނިއުމެކްސިކޯ ތަމްސީލުކުރައްވާ މެންބަރު، ކާރލް ހެޗް ހުށަހެޅުއްވި އެ ބިލު ގާނޫނަކަށް ވިޔަނުދެއްވުމަށް ރައީސް ރޫސްވެލްޓުވެސް މަސައްކަތްކުރެއްވި އެވެ. އެހެންނަމަވެސް ގިނަ ފިއްތުންތަކާއެކު އެންމެފަހުން ބިލު ތަސްދީގުކުރެއްވި އެވެ.
ހެޗް އެކްޓުގެ މަގުސަދަކީ، ދައުލަތުގެ ވަސީލަތްތަކާއި، ދައުލަތުގެ މުވައްޒަފުން ސީޔާސީ ކެމްޕޭނުތަކުގައި ބޭނުންކުރުން މަނާކުރުމެވެ. ސެކެރެޓަރީންނާއި، ސެނެޓަރުންނާއި ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުން، އިންތިހާބުތަކަށް ކުރިމަތިލުމާއި، ކެމްޕޭނުކުރުމާއި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގައި އަމަލުކުރާނޭ ގޮތާއި، ބައިވެރިވެވޭނޭ މިންވަރު މި ގާނޫނުގައި ބުނެފައި ވެ އެވެ. އެހެންނަމަވެސް، ރައީސްކަމުގެ މަގާމުގައި ހުންނަ މީހާއާއި، ނާއިބު ރައީސްގެ މައްޗަށް އެ ގާނޫނެއް ނުހިނގަ އެވެ.
ރައީސްގެ ކެމްޕެއިން ދަތުރުތައް - އެމެރިކާގައި އަމަލުކުރާ އުސޫލު
އެމެރިކާގެ ރައީސް ދަތުރުފުޅުތަކަށް ބޭނުންކުރައްވަނީ އެއަރފޯސް1 އެވެ. އޮބާމާގެ ރައީސްކަމުގައި، ކެމްޕޭނު ދަތުރުތަކުގައި ރަސްމީ އުޅަނދު ބޭނުންކުރައްވާތީ އެކަމާ ގުޅޭގޮތުން، ސުވާލުކުރުމުން އޭރު ވައިޓްހައުސްގެ ތަރުޖަމާނު ވިދާޅުވީ، 'ރައީސްކަމުގައި ހުންނަ މީހާއަކީ، ހިނގަމުންދާ ދައުރުގެ ހުރިހާ ވަގުތެއްގައި ވެސް ރައީސެވެ. ކެމްޕެއިން އިވެންޓެއް ނުވަތަ ރަސްމީ އިވެންޓެއް ވިޔަސް، ކޮންމެ ދަތުރެއްގައި ވެސް ރައީސްގެ ރަސްމީ މަސައްކަތުގެ ކޮންމެވެސް ދައުރެއް އަބަދުވެސް އަދާކުރައްވަމުން ގެންދަވާނެ އެވެ. އެހެންވީމާ އޭނާ ދަތުރުކުރަންޖެހޭނީ އެއަރފޯސް1 ގަ އެވެ. އެކަމަށް ހަރަދު ކުރާނޭ ގޮތް ނިންމާނީ ދަތުރުގެ ބާވަތަށް ބަލައިގެންނެވެ.'
ރައީސްއާއި ރިޔާސީ ކެންޑިޑޭޓުންގެ ކެމްޕޭނުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރަނީ 'ފެޑެރަލް އިލެކްޝަންސް ކެމްޕެއިން އެކްޓް' ގަ އެވެ. ރައީސްގެ ދަތުރުފުޅުތަކަށް ރަސްމީ އުޅަނދާއި ވަސީލަތް ބޭނުންކުރުމުގައި އަމަލުކުރަނީ އެ ގާނޫނުގެ ދަށުން ފެޑެރަލް އިލެކްޝަންސް ކޮމިޝަންއިން ހަދާފައި އޮންނަ އުސޫލަށެވެ.
އެ އުސޫލު ބުނާގޮތުން، ރައީސްގެ ރަސްމީ ދަތުރުތަކުގެ ހަރަދު ހަމަޖައްސާނީ ދައުލަތުންނެވެ. އެހެންނަމަވެސް، އިންތިހާބުގެ ދުވަސްވަރު، ނުވަތަ އެނޫން ކަމެއްގައިވެސް ރައީސްގެ ރަސްމީ ބޭނުން ފިޔަވައި، އެނޫން ބޭނުމަކު ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާނަމަ، އެ ވަސީލަތަކަށް ހިނގާ ހަރަދު ދައްކާނީ ރައީސް އަމިއްލަފުޅަށެވެ. ރަސްމީ ދަތުރުފުޅެއްގައި ވެސް ކެމްޕޭނުގެ ހަރަކާތެއް ހިންގަވައިފިނަމަ، އެ ދަތުރެއްގެ ހަރަދުގެ ދެބައިކުޅައެއްބައި ދައްކާނީ ރައީސް އަމިއްލަފުޅަށެވެ.
ރަސްމީ ދަތުރެއްތޯ ނުވަތަ ކެމްޕެއިނެއްތޯ ރޮނގު ދަމާލާނީ ކިހާހިސާބަކުންކަން ދެނެގަތުން ވެފައި އޮންނަނީ އުނދަގޫ ކަމަކަށެވެ. މިސާލަކަށް، ރިޔާސީ އިންތިހާބުގެ ތެރޭގައި، ޓްރަމްޕް އެރިޒޯނާއަށް ކުރެއްވި ދަތުރުފުޅު ފެއްޓެވީ ރަސްމީ ދަތުރުފުޅެއްގެ ގޮތުގަ އެވެ. ދަތުރުގެ ޝެޑިއުލްގައި އޮތީ އެރިޒޯނާގައި ހުރި ސްޓޭޓް އިދާރާތަކަށް ޒިޔާރަތްކުރުމާއި، ސަރުކާރުގެ ހިންގުންތެރިންނާ ބައްދަލުކުރުމެވެ. އެހެންނަމަވެސް ހަމަ އެދަތުރުގައި 'މޭކް އެމެރިކާ ގްރޭޓް އެގެއިން' ޝިއާރު ފާޅުކޮށް އެއްވުމެއްވެސް ބޭއްވި އެވެ. އެ ހިސާބުން އެ ދަތުރުގެ ސައްތައިން ސައްތަ ރަސްމީކަން ކެނޑި، ދަތުރުގެ ހަރަދުގެ 50 އިންސައްތައަށް ޒިންމާވުމަށް ފެޑެރަލް އިލެކްޝަންސް ކޮމިޝަނުން ޓްރަމްޕަށް އެންގި އެވެ. އޭރު އެކްޓިވިސްޓުން ވަކާލާތުކުރަމުން ގެންދިޔައީ، އިންތިހާބެއް ބޯމަތިވުމަށްފަހު، ރައީސް ކުރައްވާ ހުރިހާ ދަތުރުފުޅުތައްވެސް އެއީ އަމިއްލަ-ރަސްމީ ދަތުރުފުޅުތަކުގެ ގޮތުގައި ގުނުމަށެވެ.
ރާއްޖޭގައި މި މައްސަލަ ހައްލުކުރާނީ ކިހިނެއް؟
ރާއްޖޭގައި ގާނޫނު ފަރުމާކުރުމުގެ ވައްޓަފާޅިހުރީ ހައްލު ދެއްކުމުގެ ބަދަލުގައި މަނާކޮށްގެން ހުއްޓުވުމުގެ އުސޫލުންނެވެ. އެހެންނަމަވެސް މި ހާލަތަކީ ކޮށްގެން ނުވާނެއޭ ގާނޫނެއްގައި ލިޔުނަސް ނުކޮށް ނުވާނޭ ހާލަތެކެވެ. ރައީސުލްޖުމްހޫރިއްޔާ އޭނާގެ ރަސްމީ ވާޖިބު އަދާކުރުމަށް ދަތުރުފަތުރު ކުރަންޖެހެ އެވެ. ކެންޑިޑޭޓު އޭނާއަށް ތާއީދު ހޯދުމަށް މަސައްކަތްވެ ސް ކުރަންޖެހެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަ މީހަކު، ރިޔާސީ އިންތިހާބުގައި ވާދަކުރާ ހާލަތަކީ، ރައީސްކަމުގެ ހައިސިއްޔަތާއި ކެންޑިޑޭޓުގެ ހައިސިއްޔަތު ވަކިނުކުރެވޭނޭ ހާލަތެކެވެ. އެހެންވީމާ، މި ދެ ހައިސިއްޔަތުގައި ތިލަފަތް ހަމަކުރެވޭނޭ ގޮތަކީ، ކެންޑިޑޭޓުގެ ހައިސިއްޔަތުން ދަތުރުފަތުރުކުރުމަށް ރައީސްކަމުގެ މަގާމުގައި ހުންނަ މީހާއަށް ގާނޫނުން ހުއްދަ ދިނުމާއެކު، އެކަމަށް ހިނގާ ހަރަދަށް އޭނާ ޒިންމާ ކުރުވުމެވެ.
ރިޔާސީ އިންތިހާބުގެ ގާނޫނަށް އިތުރުކުރާ މި ބާވަތުގެ މާއްދާތަކަކުން މި މައްސަލައަށް ފުރިހަމަ ހައްލެއް ލިބިދާނެ ކަމަށް ފެނެ އެވެ. ރިޔާސީ ކެންޑިޑޭޓަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރަމުން ގެންދާ މީހެއްނަމަ، އޭނާއަށް ސެކިއުރިޓީ ދިނުމާއި، ދަތުރުފަތުރު ކުރުމުގައި ރަސްމީ އުޅަނދުތައް ބޭނުންކުރުމުގައި އަމަލުކުރާނޭ ގޮތުގެ އުސޫލެއް އެ ގާނޫނުގައި ބަޔާންކުރެވިދާނެ އެވެ. މިއީ ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގެ ކުރިން ފާސްކޮށް އަމަލުކުރަން ފެށިދާނޭ ގާނޫނެކެވެ.








