މި މަހުގެ ތިން ވަނަ ދުވަހު އިޒްރޭލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު، މަސްޖިދުލް އަގްސާގެ ހަރިންމައަށް ވަތް މައްސަލައިގައި އޭނާ ދެކޮޅަށް އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން އދ. ގައި ކުރަމުންދާ މަސައްކަތުގައި ރާއްޖެއިން ބައިވެރިވަމުންދާ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފި އެވެ.
އެ މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލުގެ މިނިސްޓަރުގެ މި އަމަލުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު އިތުރަށް ހަލަބޮލިވެގެންދާނެ ކަމަކަށް ވުމާއެކު އެކަން ކުށްވެރިކޮށް އެކަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ރާއްޖެއިން ބައިވެރިވަމުން އަންނަ ކަމަށެވެ.
"(މި މައްސަލައިގައި) ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު މެދިއިރުމަތީގެ ހާލަތާ ބެހޭގޮތުން ޑިބޭޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ޑިބޭޓުގައި ދިވެހިރާއްޖެއިން ބައިވެރިވެ، ވާހަކަދައްކާނެ," ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
މީގެއިތުރުން އިޒްރޭލުން ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ވެރިވެގަނެފައިވާ ފަލަސްތީނުގެ ބިންތައް މިނިވަންކޮށް، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާކަން ފާހަގޮށް މިނިސްޓްރީއިން ބުނެފައިވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑުއުފުލުމުގައި ރާއްޖެއިން އަބަދުވެސް ފަސްނުޖެހި ކުރިއަށްދާނެ ކަމަށެވެ.
އިޒްރޭލުގެ މިނިސްޓަރު އަގްސާގެ ހަރިންމައަށް ވަނުން އިސްލާމީ ގިނަ ގައުމުތަކުން ވަނީ ކުށްވެރިކޮށްފަ އެވެ. އެގޮތުން ފަލަސްތީނުގެ އިތުރުން ސައުދީ އަަރަބިއްޔާ އާއި ޔޫއޭއީ އަދި އުރުދުންއިން ވަނީ އިޒްރޭލް މިނިސްޓަރުގެ ޒިޔާރަތް ކުށްވެރިކޮށްފަ އެވެ.














