ގޮނޑުދޮށުން މަސްމަހާމެއްސަށް

ތުލުސްދޫ އަތިރިމަތި

ތުލުސްދޫ އަތިރިމަތި

ޗުއްޓީ ނިންމާލުމުގެ ގޮތުން އާއިލީ ރަހުމަތްތެރިންނާއެކު ކުދިވެރިން ގޮވައިގެން ގޮނޑުދޮށަށް ދަތުރެއް ދިޔައިމެވެ. ގެންދިޔަ ސާމާނު ކަމާލު ކޮށްލުމަށްފަހު ކުދިވެރިން ގޮވައިގެން މޫދަށް އެރިލީ އެ ކުދިންނަށް ވަލުތެރެ އާއި ތޮށިމަތީގެ ތަފާތު ދައްކާލުމުގެ ބޭނުމުގަ އެވެ.

ގެންގޮސްފަ ހުރި ބާޒާރު ލުއިކާނާ އަކީ އެންމެ ރަނގަޅު ތަކެތި ނޫން ކަމާއި މިހެން އައިސް އުޅޭއިރު އަހަރުމެން ކާންވީ "ތޮށިމަތި ކާނާ" ކަމާއި އެތަކެތީގެ ތަފާތު ރަހަ ބަލައި ދަސްކުރުމަކީ ވެސް އަހަރުމެން ކޮށްލަންޖެހޭ ކަމެއް ކަމަށް ބުނެދިނުމަށެވެ.

އެކުދިންގެ ތެރެއިން މާސްކު އަޅަން އެނގޭ ކުދިންނާއެކު ފަތާފައި މާދުރަކަށް ދާކަށް ނުޖެހުނެވެ. ޖެހިގެން އޮތީ ތަފާތު ގާތަކުން ފުރިގެންވާ ގަލުގެ ބަގީޗާއެވެ. ބަގީޗާގެ ކޮންމެ މަންޒަރަކީ ކޮންމެ ދުވަހަކު ކޮންމެ ދިމާއަކަށް އެރި ބެލިޔަސް ތަފާތުވާނެ ފޫހިވުމެއް ނެތް މަންޒަރެކެވެ. ކުދިންނޭވޭ، މިތަނުގައި ރާކަންޏާއި ހަންދަޔާއި ފޫއެނބުރިޔާއި، ދޮންއަނގަޔާއި، ތުނިޔަ މަސްލާ ދުވާނެ އެވެ. ތިކުދިން ހޯދާށެވެ. ބައެއް ތަކެތި ހާމައަށް އޮތަސް ފެންނާނީ ވަރަށް ބަލައިގެންނެވެ. ގާގަލުގެ ބައްޓަމާއި ކުލަޔަށް އެސޮރުމެން ބަދަލުވާނެ އެވެ. އަނެއް ބައިތަކެތި ގައުގަލުގެ ހޮރުތަކުގައި ތިބޭއިރު އަނެއް ބައިތަކެތި ދޮންވެލިގަނޑުގެ ތެރޭގައި ތިބޭނެ އެވެ. އަދި ބޯވައަކީ ހޯދަން މާ އުނދަގޫ އެއްޗަކެވެ. އެއީ އެސޮރު އިންނަތަނަކާ އެއްގޮތަށް ހިނދުކޮޅެއްގެ ތެރޭގައި ކުލަބަދަލުކޮށްލުމުގެ ކުޅަދާނަކަން ލިބިގެންވާތީ އެވެ.

މޫދުން އެރި ކައިރީގައި ހުރި ތާނގީ ވަޅުމަތީގައި އޮތް ޕުލާސްޓިކް ދާނިން ހައެއްކަ ދާނި ފެން އަޅައިގެން އައިސް މެންދުރު ކާލީ ބަނޑުން ހޯހޯ ގޮވާލާންދެންނެވެ. ކައިގެން ބަނޑު ދަމާލެވޭނޭ ވަގުތު ކޮޅެއް ލިބެން ޖެހޭނޭ ބުނަމުން ދެމިލީ، ދޮންވެލިގަނޑު މައްޗަށް ހިޔާ އަޅުވަން ލެނބިލައިގެން އޮތް ކާނިގަހުގެ ހިޔަލުގަ އެވެ. ގޮނޑުދޮށްތަކުގެ ދުސްމިނެއް ކަމުގައިވާ، ފަސްލިޓަރު ފުޅިއެއް ބޯދަށަށް ހެޔޮވަރުކޮށްލީ އެއާ ދޭތެރެ ހިތްހެޔޮވެގެންނެއް ނޫނެވެ.

އިރުވައިގެ ހިތްގައިމު ވައިމަޑު ދުވަހެކެވެ. އެކި އުމުރުފަރައިގެ ކުދިން މޫދުގައި ކުޅެއުޅެނީ އެއްގަމެއް ކަނޑެއް ވަކިނުވާހާ ފަރިތަކޮށްނެވެ. ހިތްވަރުގަދަ ކުދިން މާސްކް އަޅައިގެން ގުރޫޕް ގުރޫޕަށް އެރި އުރަފަށާއި ހަމައަށް ޖެހިލައި އެނބުރި އާދެ އެވެ. އޭގެ ހަގު ކުދިން ގޮންޑޮޅި ބުޑުގައި ފައިޖެހޭ ނުޖެހޭ ހިސާބުގައި ކުޅެން ތިއްބެވެ. ތުއްތުކުދިން ބާނި ބީއްސާފަށުގައި ވެލިކުޅެން ތިއްބެވެ.

ސާފު އަލި ޓޭންކެއް ފަދަ މޫދުގެ ތެރެއިން, ކޮޅިހަދައިގެން ތިބި ކުދިންގެ ވަށައިގެން އެކުދިން ގެންގުޅޭ ހަދިޔާގެ އަވާގައި ޖެހެމުންދާ ކޮރަކައްޔާއި ކިރުޅިޔަމަހާއި އެކަވާއްޔާއި ގޮރުވާއްޔާއި ރިނދަވާލިތައް ބާރު ބާރަށް އޮއިލައި ދުވެ އެވެ. ވެލިގަނޑުގައި ތުންހަރައިގެން ކުދިވެރިންގެ ފިޔަވަޅުން ހިލޭ ފަނިފަކުސާ ހޮވާކާން ބޯ ހިއްލާނުލައި ކަޅުއޮށް ކޯޅިއެއް ތިއްބެވެ. ގުޑުމެއް އަރުވާނުލައި ނޫންކަމަށް ހެދިގެން ތިބި ލައްފިލޮޅާއި ކިރުއުނިޔަވެސް ފެނެ އެވެ. އެންމެ އައްދޮށުގައި ބީހިބީހި ތިބި ކުދި ކޭލަޔާއި މީމަހާއި ގޮރުބޮޅު މެކުނުބައި ކެވި އަރައިގެންދަނީ ބީހޭ ބާނި ފަށުގައި އުރަހަ ހިއްލައިގެން ފޯރިމަރަމުންދާ ދެތިން ޅަމިޔަރުގެ އުނދަގުލުންނެވެ.

ބޭރުބޭރުން މާ ނޫންކަމަށް ހަދައިގެން އޮތް ދިގަށް، ބައިބަޔަށް ފައިބައިގެންދާ މާމެކުނު ބައިބައިގަނޑުގެ ވިދުން މޫނަށް އެޅޭހާވެ އެވެ. ދޭތެރެދޭތެރެއިން މި ސޮރުމެންގެ ބޯކޮޅު ބަލަމުން ފަސްފަހަތުން އެނބުރޭ ފަނިހަނދި، މުޑަހަނދި މޫދުގެ ނޫ ސާލު ގައިގަލައިގެން ކުލަ ތިކި ބުރުވައިގެން ތިބެ އެނބުރި ބުރު ޖަހައެވެ.

ދުރުން އައިސް ހުސްވެފައި އޮތް އާނުގަނޑު ކޮޅުގައި ކުލަ ހެޔޮވަރުކޮށްލަދޭ ގަޅިކެނޑި ގުއިއޮޑިއާއި ފުއްބޫރާއި ރާބުޅުތައް ފުރޮޅަފުރޮޅާ ތިއްބެވެ. ދޭތެރެ ދޭތެރެއިން އެބައިގެ ތެރެއިން ބާރުބާރަށް ވާދަޖަހާ އަންގަލަ ޖޯޑުޖޯޑަށް ފައިބައިގެންދެ އެވެ. ލަނޑަޔާ ވާނީ ލަނޑަޔާކަން ނޭނގޭ، މާޑުތަކުގައި އުޅޭ ދެތިން އަށްމަސް ނޫލަނޑަޔާއި ލޯހުދު ލަނޑާ ބައިގެ ތެރޭގައި ނަގާ އުރަހަ ހިއްލަހިއްލަފައި އުޅެ އެވެ.

މެންދުރުގެ އިރުމެދު ޖެހިއްޖެއެވެ. މުދިމު މާމިސްކިތުން ބަންގި ގޮވަން ފަށައިފިއެވެ. މެދު އުޑުން އަނބުރާލި ހަނދާއެކު ދިޔަވަރު ހިކެން ޖަހައިފި އެވެ. އަޅައިފައި އޮތް އުދޮއެ ވަވޮޔަށް ބަދަލުވެއްޖެއެވެ. ފަޅުތެރޭގައި ބައިބަޔަށް ދުވެދެވެ ތިބި މަސްބައިތައް ގެއްލިއްޖެ އެވެ.

"މިހާރު ނިދީދޯއޭ" ބުނެލި އަޑަށް އެނބުރިލައިފައި ބަލައިލިއިރު އެކުވެރިޔާ ކައިރީގައި ހުއްޓެވެ. "ނޫނެކެވެ, ނިދޭކަށް ނެތޭ" މޫދަށް ބަލައިބަލާށެވެ. މޫދުގެ އެކި ހިސާބުތަކުގައި ތިބިހާ ކުދިން ހެމުން ފުމެމުން އެއްގަމަށް އަރަމުން ގޮސް ހުސްވެއްޖެ އެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox