މިލާން، އިޓަލީ (ޖެނުއަރީ 5) - ޔޫރަޕްގެ ބޮޑު ފަސް ލީގަށް ބަލާއިރު މި ސީޒަންގައި މިހާތަނަށް ބަލި ނުވެ އޮތް ހަމައެކަނި ޓީމު ކަމަށްވާ ނަޕޯލީ 1-0 އިން ބަލިކޮށް އިންޓަ މިލާނުން ލީގުގެ ހަތަރު ވަނަ އަށް ޖެހިލިއިރު އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާނުން ވެސް އާ އަހަރު މޮޅަކާ އެކު ފަށައިފި އެވެ.
އިންޓަ މިލާން އަތުން ބަލިވި ނަމަވެސް ނަޕޯލީ އޮތީ އިޓާލިއަން ލީގުގެ ތާވަލްގެ އެއް ވަނަގައި 41 ޕޮއިންޓާ އެކުގަ އެވެ. ދެ ވަނަގައި 36 ޕޮއިންޓާ އެކު އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާން އޮތްއިރު، ތިން ވަނަގައި އޮތީ 34 ޕޮއިންޓާ އެކު ޔުވެންޓަސް އެވެ. އިންޓަ މިލާނުން ވަނީ ރޭ ލާޒިއޯ ބަލިވުމުގެ ފައިދާ ނަގައި ތާވަލްގެ ތިންވަނަ އަށް ޖެހިލާފަ އެވެ.
އިންޓަ މިލާން އަތުން ނަޕޯލީ ބަލިވި މެޗުގެ ހަމައެކަނި ގޯލު މެޗުގެ 56 ވަނަ މިނެޓުގައި ޖެހީ އެޑިން ޒެކޯ އެވެ. ނަޕޯލީ އިން ރަނގަޅު ހަމަލާތަކެއް އުފެއްދި މި މެޗުގައި އިންޓަގެ ކީޕަރު އަންދްރޭ އޮނާނާ ރަނގަޅު ހަމަލާތަކެއް ހުއްޓުވި ކުރި އެވެ. އެ ގޮތުން، މެޗުގެ ފަހުކޮޅު ޖިއަކޯމޯ ރަސްޕަޑޯރީ ފޮނުވާލި ނުރައްކާތެރި ހަމަލާ ފާހަގަކޮށްލެވެ އެވެ.
އިންޓަ މޮޅުވެ ހަތަރު ވަނަ އަށް ޖެހިލީ ކުރިން ހަތަރު ވަނައިގައި އޮތް ލާޒިއޯ ލެއްޗޭ އަތުން 2-1 އިން ބަލިވުމުންނެވެ. ޗިރޯ އިމޯބިލޭގެ ގޯލުން ލާޒިއޯ މި މެޗުގައި ލީޑު ނެގި ނަމަވެސް ލެއްޗޭ އިން ވަނީ ދެ ވަނަ ހާފުގައި ދެ ގޯލު ޖަހައި މެޗުން މޮޅުވެފަ އެވެ.
ލީގުގައި ރޭ އޭސީ މިލާން މޮޅުވީ ސެލަނިޓާނާ އަތުން 2-1 އިންނެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު އޭސީ މިލާނުގެ ދެ ގޯލް ޖަހައިދިނީ ރަފައެލް ލެއާއޯ އާއި ސަންދްރޯ ޓޮނާލީ އެވެ. މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ސެލަނިޓާނާ އަށް ފަރަގު ކުޑަކޮށްދިނީ ފެޑެރިކޯ ބޮނަޒޮލީ އެވެ.
ސެރިއާ ތާވަލްގެ ތިން ވަނައިގައި އޮތް ޔުވެންޓަސް ރޭ ކުޅުނު މެޗުން މޮޅުވީ ކްރެމޮނީސީ އަތުން 1-0 އިންނެވެ. މެޗުގެ ހަމައެކަނި ގޯލު އިތުރު ވަގުތުގެ ތެރޭގައި ލިބުނު ހިލޭ ޖެހުމަކުން ޔުވެންޓަސް އަށް ޖަހައިދިނީ އަރްކަޑޫޝް މިލިކް އެވެ. މިއީ ލީގުގައި މި ފަހަރު އުނދަގޫތަކެއް ކުރިމަތިވި، ޔުވެންޓަސް އިން ފޯމަކަށް އެޅި، ޖެހިޖެހިގެން ހޯދި ހަތް ވަނަ މޮޅެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އުދިނޭސީ އާއި އެމްޕޯލީ ވާދަކުރި މެޗު 1-1 އިން އެއްވަރުވިއިރު، ހޯސޭ މޮރީނިއޯ ކޯޗުކޮށްދޭ ރޯމާ އިން ވަނީ 1-0 އިން ބޮލޯނިއާ ބަލިކޮށްފަ އެވެ. ފިއޮރެންޓީނާ އާއި މޮންޒާ ވާދަކުރި މެޗު ވެސް 1-1 އިން އެއްވަރުވިއިރު، އެޓްލަންޓާ އާއި ސްޕެޒިއާ ވާދަކުރި މެޗުވެސް ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.












