ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ރަސްމީ ދަތުރުފުޅެއްގައި ރ. އަލިފުއްޓަށް ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި ރައީސް ސޯލިހުގެ މި ދަތުރުފުޅަކީ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން އަލިފުށީގައި ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މިރޭގެ ރަސްމީ ޖަލްސާގެ އިތުރުން ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން މިއަދު ހަވީރު އެ ރަށުގައި ބާއްވާ ކުޑަކުދިންގެ ހަވީރުގައި ވެސް ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ މި ދަތުރުފުޅުގައި ރ. އަތޮޅާއި، އަލިފުށީ ކައުންސިލާ، ރައީސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން އެ ރަށު ސްކޫލުގައި އިމަރާތްކޮށްފައިވާ މަލްޓިޕާޕޯސް ހޯލު ރައީސް ހުޅުއްވައިދެއްވާނެ އެވެ.
ރައީސްގެ އަލިފުއްޓަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލައްވާނީ މާދަމާ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރަސްމީ ދަތުރުފުޅަށްފަހު، ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ނ. އަތޮޅަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.













