އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅޭ ހަތަރު މައްސަލައް ސީރިއަސް ގޮތުގައި ބެލުމަށް އެދި އެ ޕްރައިމަރީގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން އެ ޕާޓީގެ ސެކްރެޓޭރިއަޓަށް ހުށަހަޅުއްވައިފި އެވެ.
މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް ކަނޑައެޅުމަށް އޮންނަ އެތެރޭގެ ޕްރައިމަރީގައި ނަޝީދުގެ އިތުރަށް ވާދަކުރައްވަނީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.
2008 އަދި 2013 ވަނަ އަހަރު ވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދެވި ނަޝީދު ހުށަހެޅުއްވި ފުރަތަމަ މައްސަލައަކީ ޕްރައިމަރީގެ ކުރިއަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގައި އޮންނަ އެމްޑީޕީގެ ދަފްތަރުގައި ނެތް ކަމަށް ބުނެ 39،398 މެންބަރުން ވަކިކުރުމެވެ.
އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު ގަބޫލުކުރައްވާ ގޮތުގައި އެއީ ޕްރައިމަރީގައި އެމަނިކުފާނަށް ވޯޓުދިނުން އެންމެ ގާތް މެންބަރުންގެ ވޯޓުލުމުގެ ޙައްގު ނިގުޅައިގަތުމަށް ހިންގާފައިވާ އަމަލެކެވެ.
ދެވަނަ މައްސަލައަކީ، އެމްޑީޕީގެ ގައުމީ މަޖިލީހުން އިންތިހާބީ ކޮމިޓީ އިންތިހާބު ކުރުމުގެ ކުރީން، އެ ކޮމިޓީން ކުރާން ޖެހޭ މަސައްކަތް ކޮންމެވެސް އެހެން ފަރާތަކުން ކުރުމެވެ. ނަޝީދުގެ ކެމްޕޭން ޓީމުން ދެކޭ ގޮތުގައި އެއީ އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ހިންގާފައިވާ ކަމެކެވެ.

ތިންވަނަ މައްސަލައަކަށް ހުށަހެޅުއްވީ ޕްރައިމަރީއަށް އިއުލާން ކުރުމުގެ މާ ކުރިން، ޕްރައިމަރީގައި ވާދަކުރުމަށް ހުށަހަޅަން ޖެހޭ ތާއީދު ފޯމުތައް ރައީސް ސޯލިހުގެ ކެމްޕޭން ޓީމުން ފުރަމުން ގެންދިއުމެވެ. މިދިޔަ މަހުގެ ފަސްވަނަ ދުވަހު، އޭގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ޕޯސްޓްކުރި ކަން ފާހަގަކޮށްފައިވެ އެވެ.
"މިކަން މިހައި ހާމަކަން ބޮޑުކޮށް ކުރުމުން ވެސް، އެ ކަން ހިންގާފައިވާ ފަރާތްތައް ދެނެގަނެ އެފަރާތްތަކާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުމުން އެނގެނީ، ހިނގަމުންދާ ޕްރައިމަރީގެ މަސައްކަތުގައި އިންސާފުވެރިކަން ގެއްލިފައިވާ މިންވަރެވެ." ނަޝީދުގެ ފަރާތުން ނެރުއްވި ބަޔާނުގައިވެ އެވެ.
ހަތަރުވަނަ މައްސަލައަކީ އީސީގެ ދަފްތަރުގައި މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މެންބަރުންގެ ގޮތުގައި ހިމެނޭ މެންބަރުންނަށް ވޯޓު ދެވޭ ގޮތަށް ނިންމާފައި އޮއްވާ، އެ ދަފްތަރުގައި ނެތް 457 މީހަކު އެމްޑީޕީގެ ދަފްތަރުގައި ހިމަނާފައި އޮތުމެވެ.
މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސެއްގެ ގޮތުގައި ހުންނެވި ނަޝީދު ގެންދަވަނީ ރައީސް ސޯލިހަށާއި އެމްޑީޕީ އިސްވެ މިހާރު އުފައްދާފައި އޮތް ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. އަދި ނަޝީދު ދައްކަވާ އެފަދަ ވާހަކަތަކަށް ރައީސަށް ތާއީދުކުރައްވާ ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ ރައްދު ދެއްވަމުންނެވެ.












