ލަންޑަން (ޖެނުއަރީ 2) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އަތުން 2-0 އިން ބަލިވެ، ޓޮޓެންހަމް ހޮޓްސްޕާސް ޕްރެޝަރަށް ވެއްޓުނުއިރު، ރެލިގޭޝަނުގައި އޮތް ނޮޓިންހަމް ފޮރެސްޓުން 1-1 އިން އެއްވަރުކޮށް، ޗެލްސީ ހުއްޓުވައިފި އެވެ.
މިރޭގެ ނަތީތާތަކާ އެކު ގަދަ ހަތަރެއްގެ ރޭހުގައި ޓޮޓެންހަމާއި ޗެލްސީ އަށް ވެސް ވަނީ އުނދަގޫތަކާ ކުރިމަތިވެފަ އެވެ. އަލުން ހަތަރަަކަށް އަރަން ފުރުސަތު އޮތް ޓޮޓެންހަމް ފަސް ވަނައިގައި އޮތީ 17 މެޗުން 30 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި މެންޗެސްޓާ ޔުނައިޓެޑް އޮތީ 16 މެޗުން 32 ޕޮއިންޓް ހޯދައިގެންނެވެ. މާދަމާރޭ ބްރެންޓްފޯޑް ބަލިކޮށްގެން ލިވަޕޫލަށް ފަސް ވަނަ އަށް އެރޭނެ އެވެ.
ޗެލްސީ، މިރޭގެ ނަތީޖާއާ އެކު އަށް ވަަނައިގައި އޮތީ 16 މެޗުން 25 ޕޮއިންޓާ އެކު އެވެ. ހަތް ވަނައިގައި އޮތް ފުލަމް އަށް ވަނީ 17 މެޗުން 25 ޕޮއިންޓް ލިބިފަ އެވެ.
ޓޮޓެންހަމް ދަނޑުގައި މިރޭ ކުޅުނު މެޗުގައި އެސްޓަން ވިލާ އިން ދެ ގޯލު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. އެ ޓީމުން ލީޑުނެގީ މެޗުގެ 50 ވަަނަ މިނިޓްގައި އެމީ ބުއެންޑީއާ ޖެހި ގޯލުންނެވެ. މިއީ އެސްޓަން ވިލާގެ ފޯވާޑް، އޮލީ ވަޓްކިންސް އޭރިއާތެރެއިން ދިން ބޯޅައަކުން ބުއެންޑީއާ ޖެހި ގޯލެކެވެ. މެޗުގެ 73 ވަނަ މިނިޓްގައި އެސްޓަން ވިލާއިން ދެ ވަނަ ލަނޑެއް ޖެހީ ޑަގްލަސް ލުއީޒް އެވެ. މިއީ ޖޯން މެކްގިން ދިން ބޯޅައެއް ކޮންޓްރޯލް ކުރުުމަށް ފަހު ލުއީޒް ޖެހި ލަނޑެކެވެ.

ލަނޑު ޖެހުމަށް ފަހު އެސްޓަން ވިލާގެ ކުޅުންތެރިން އުފާފާޅުކުރަނީ.
މި މެޗުގައި ޓޮޓެންހަމް އިން ލަނޑެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ.
އެސްޓަން ވިލާގެ ކޯޗު އުނާއި އެމެރީ ހަވާލުވި ފަހުން އެ ޓީމު ލީގުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ވަނީ މޮޅުވެފަ އެވެ. އެމެރީ ވަނީ އެސްޓަން ވިލާ ގޮވައިގެން ރަށުންބޭރުގައި ކުޅުނު ލީގުގެ ދެ މެޗުން މޮޅުވެފަ އެވެ. މިއީ 1998 ވަނަ އަހަރަށް ފަހު އެސްޓަން ވިލާއާ ހަވާލުވި ކޯޗަކަށް މިކަން ހާސިލްވި ފުރަތަމަ ފަހަރެވެ.
ޗެލްސިން މިރޭ ލީޑުނެގީ 16 ވަނަ މިނިޓްގައި އޭރިއާތެރެއިން ލިބުނު ރީބައުންސް ބޯޅައަކުން ރަހީމް ސްޓާލިން ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް، ނޮޓިންހަމް ފޮރެސްޓުން ވަނީ އެއްވަރުކޮށްފަ އެވެ.
ނޮޓިންހަމް ފޮރެސްޓްގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ 63 ވަނަ މިނިޓްގައި އެ ޓީމުގެ ފުލްބެކް، ސާޖް އޯރިއޭ އެވެ. މިއީ އޭރިއާތެރެއިން ނޮޓިންހަމް ފޮރެސްޓްގެ ވިލީ ބޮލީ ބޮލުން ޖައްސާލި ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު އޯރިއޭ ޖެހި ލަނޑެކެވެ. އެ ލަނޑު ޖެހުމުގެ ކުރިން ނޮޓިންހަމް ފޮރެސްޓްގެ މޯގަން ގިބްސް-ވައިޓް ޖެހި ޝޮޓެއް ވަނީ ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ.
ބަދަލުތަކެއް ގެނެސްގެން ޗެލްސީން މޮޅުވާން ކުރި މަސައްކަތް ކާމިޔާބުނުވިއިރު، ޖެހުނީ ޕޮއިންޓަކުން ފުއްދާލާށެވެ.
ޗެލްސީގެ ކޯޗުކަމާ ގްރަހަމް ޕޮޓާ ހަވާލުވި ފަހުން ފުރަތަމަ ތިން މެޗުން މޮޅުވި ނަމަވެސް ދެން ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. ތިން މެޗުން ބަލިވިއިރު، ތިން މެޗު ވަނީ އެއްވަރުވެފަ އެވެ. ޕޮޓާ ބުނީ އެއް ފެންވަރެއްގައި ކުޅުން ދަމަހައްޓައިގެން ނޫން ގޮތަަކަށް ޗެލްސީ އަށް ނަތީޖާ ނުނެރެވޭނެ ކަމަށެވެ. އަދި ކުރިއަށް ހުރި މެޗުތަކުގައި ބަދަލުތަކެއް ފެންނާނެ ކަމަށް ޕޮޓާ ވަނީ ބުނެފަ އެވެ.
ނޮޓިންހަމް ފޮރެސްޓުން ޗެލްސީ އަތުން ހޯދި ޕޮއިންޓާ އެކު ލީގުގެ 18 ވަނައިގައި އޮތީ 17 މެޗުން 14 ޕޮއިންޓް ހޯދައިގެންނެވެ.












