ރިޔާދު، ސައުދީ އަރަބިއްޔާ (ޑިސެމްބަރު 31) - މެންޗެސްޓާ ޔުނައިޓެޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް، މިދިޔަ މަހު އުވާލި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ސޮއިކޮށްފި އެވެ.
ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ރޮނާލްޑޯ، 37، އަލް ނަސްރަށް ބަދަލުވިއިރު، އެ ކްލަބުން އޭނާ އަށް ސީޒަނެއްގެ މައްޗަށް ޖެހޭ މުސާރަ އަކީ މިހާތަނަށް ފުޓްބޯޅަ ކުޅުންތެރިއަކަށް ލިބޭނެ އެންމެ ބޮޑު މުސާރަ އެވެ.
މިއީ ރޮނާލްޑޯގެ ފުޓްބޯޅަ ކެރިއަރުގައި ޔޫރަޕް ނޫން ގައުމެއްގެ ކްލަބަކަށް ކުޅޭ ފުރަތަމަ ފަހަރެވެ. އޭނާ ވަނީ ކުރިން ޔޫރަޕްގެ ހަަތަރު ގައުމުގައި ކުޅެފަ އެވެ. އެއީ ޕޯޗުގަލް، އިންގްލެންޑް، ސްޕެއިން އަދި އިޓަލީގަ އެވެ.
މީގެ ކުރިން ސްޕޯޓިން ލިޒްބަން، ޔުނައިޓެޑް، ރެއާލް މެޑްރިޑް އަދި ޔުވެންޓަސް އަށް ކުޅުނު ރޮނާލްޑޯ ބުނީ އަލް ނަސްރާ ގުޅުނީ އެހެން ގައުމެއްގެ ލީގު ތަޖުރިބާ ކޮށްލުމުގެ ބޭނުމުގެ އިތުރުން އަލް ނަސްރުން ކުރިއަށް ދިއުމަށް ފަށާފައިވާ ޕްރޮޖެކްޓަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.
"އަހަރެން މި ހުރީ ވަރަށް އުފަލުން، މި ޓީމުގައި ތިބި ކުޅުންތެރިންނާ އެކު އެކުގައި ގިނަ ކާމިޔާބީތަކެއް ހޯދަން ބޭނުން،" ރޮނާލްޑޯ ބުންޏެވެ.

ސައުދީގެ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދާފައިވާ އަލް ނަސްރު އެންމެ ފަހުން ތަށި އުފުލާލީ 2019 ވަނަ އަހަރު އެވެ.
އަލް ނަސްރުން ބުނީ އެ ކްލަބުން ރޮނާލްޑޯ ގެންނަން ނިންމި ޑީލަކީ މުޅި ސައުދީގެ ފުޓްބޯޅަ އަށް ފައިދާކުރާނެ ކަމެއް ކަމަށެވެ. ރޮނާލްޑޯގެ ޑީލްގެ ސަބަބުން ސައުދީގެ ލީގުގެ އަގު މައްޗަށް ދިއުމުގެ އިތުރުން އެ ގައުމުގެ ފުޓްބޯޅައިން ކުރިއަށްދިއުމަށް އެ އަޒުމުގައި އަންނަން އޮތް ޖީލުތަކުން މަސައްކަތް ކުރަން ހިތްވަރެއް ލިބޭނެ ކަމަށް އަލް ނަސްރުން ވަނީ ބުނެފަ އެވެ.
ރޮނާލްޑޯ، ޔުނައިޓެޑް ދޫކޮށްލަން ނިންމީ އެ ކްލަބާ ގިނަ ގޮތްގޮތުން މައްސަލަ ޖެހުމަށް ފަހު އެވެ. ޔުނައިޓެޑާ މި ސީޒަނުގައި ހަވާލުވި ކޯޗު އެރިކް ޓެން ހާގާ އެކު މަސައްކަތް ކުރަން ރޮނާލްޑޯ އަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި އެވެ. އެ ގޮތުން ރޮނާލްޑޯ، ޕްރީ ސީޒަނުގައި ބައިވެރިނުވާތީ، އޭނާ ޓީމުގެ ފުރަތަމަ އެގާރަ އަށް ލެވެން ނެތް ކަމަށް ބުނެ، ޓެން ހާގް ވަނީ މީޑިއާގައި ވާހަކަ ދައްކައިފަ އެވެ. އެކަމަކު، ސީޒަން ކުރިއަށް ދިޔަ ވަރަކަށް ވެސް ރޮނާލްޑޯ އަށް ފުރަތަމަ އެގާރައިން ފުރުސަތު ނުލިބި އޭނާ ބެންޗު ކުރަން ފެށުމުން ރޮނާލްޑޯ ރުޅިގަނޑު ފަޅައިގެން ގޮސް، ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުގައި ބެންޗު ދޫކޮށް ދިޔަ އެވެ.
ހުރިހާ ކަމެއް ގޯހުން ގޯހަށް ގޮސް، ރޮނާލްޑޯ އެންމެ ފަހުން ޔުނައިޓެޑްގެ މައްސަލަަތަކުގެ ވާހަކަތައް ދެއްކީ، މަޝްހޫރު ޓީވީ ހޯސްޓް ޕިއާސް މޯގަންގެ އަންސެންސާޑް ޝޯގަ އެވެ. ނުވަދިހަ މިނިޓަށް ދިގުދެމިގެންދިޔަ އެ ޝޯގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑަކީ ވިޔަފާރި ކްލަބެއް ކަމަށް ބުނުމުގެ އިތުރުން، ޔުނައިޓެޑްގެ ކޯޗު ޓެން ހާގަށް އިހުތިރާމް ނުކުރަނީ އޭނާ ވެސް އެކަން ނުކުރާތީ ކަމަށް ބުނެފަ އެވެ.
އިންޓަވިއު މައްސަލައިގައި ޔުނައިޓެޑުން ރޮނާލްޑޯ އަށް ފިޔަވަޅު އަޅަން ނިންމާފައިވަނިކޮށް، އޭނާ ވަނީ އެ ކްލަބާ އެކު ވާހަކަ ދައްކައި، ގަތަރު ވޯލްޑް ކަޕްގައި ޕޯޗުގަލް އިން ފުރަތަމަ މެޗު ކުޅުމުގެ ކުރިން ކޮންޓްރެކްޓް އުވާލައިފަ އެެވެ. ގަތަރު ވޯލްޑް ކަޕްގައި ޕޯޗުގަލް އިން ކުޅުނު ފަހު ދެ މެޗުގައި ރޮނާލްޑޯ ބެންޗުގައި އިންނަންޖެހުނުއިރު، އެ މައްސަލައިގައި ޕޯޗުގަލްގެ ކޯޗަކަށް ހުރި ފެނާންޑޯ ސަންޓޯސް އަށް ފާޑުކިޔުން އަމާޒުވެ، އެންމެ ފަހުން އޭނާ ވަނީ މަގާމުން ވަކިވެފަ އެވެ.












