ނިއު ދިއްލީ، އިންޑިއާ (ޑިސެމްބަރު 31) - އިންޑިއާ ގައުމީ ކްރިކެޓް ޓީމުގެ ވިކެޓްކީޕަރު ރިޝަބް ޕާންޓް، ދުއްވަން އިން ކާރު އެކްސިޑެންޓް ވެގެން ލިބުނު ސީރިއަސް އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، ހާލު ރަނގަޅު ކަމަށް ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިއާ (ބީސީސީއައި) އިން ބުނެފި އެވެ.
ބުރާސްފަތި ދުވަހުގެރޭ، ޕާންޓް، 25، އުފަން ސަރަހައްދު، ރޫރްކީން، ކާރުގައި ދުއްވާފައި އައިއިރު، މަގުގެ ޑިވައިޑަރެއްގައި ޖެހި ކާރު އެކްސިޑެންޓްވިއިރު، ވަގުތުން ކާރުގައި އަލިފާން ހިފި އެވެ. ހާދިސާގެ ތަހުގީގުކުރަމުން އަންނަ ފުލުހުން ބުނީ، އެކްސިޑެންޓްވުމާ އެކު ކާރުގައި އަލިފާން ހިފާފައިވާ ކަމަށާއި ސަލާމަތްވުމަށް، ޕާންޓް ވަނީ ވިންޑްސްކްރީން ތަޅާލުމަށް ފަހު ބޭރަށް ނުކުމެފައި ކަމަށެވެ.
އެންމެ ފުރަަތަމަ ޕާންޓް ގެންދިޔައީ ރޫރްކީ ސަރަހައްދުގެ ހޮޮސްޕިޓަލަކަށް ކަމުގައި ވިޔަސް، އިތުރު ފަރުވާ ދިނުމަށް މިހާރު ވަނީ ބީސީސީއައިގެ އެންގުމުގެ މަތިން އެހެން ހޮސްޕިޓަލަކަށް ބަދަލުކޮށްފަ އެވެ.

ރިޝަބް ޕާންޓް އެކްސިޑެންޓްވި ކާރުގައި ހިފި އަލިފާން ނިންވާލާފައި.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އޮޕަރޭޝަނެއް އަދި ކޮށްފައިނުވި ނަމަވެސް ޕާންޓްގެ ބޮލާއި ބުރަކަށީގެ އިތުރުން ފަޔަށް ވަނީ އެކި ވަރުގެ އަނިޔާތަކެއް ވެފަ އެވެ.
"ރިޝަބް (ޕާންޓް)ގެ ބޮލުގެ ދެ ތަނަކުން ފަޅައިގެން ގޮސްފައި އެބަހުރި. ކަނާތު ކަކުލުގެ ލިގަމެންޓް ވެސް ވަނީ އިރައިގެން ގޮސްފައި. އަތުގެ ކުޑަ ހުޅަށް ވެސް އަނިޔާވެފައިވޭ. ފަޔަށް ވެސް އެކި ވަރުގެ އަނިޔާވެ، ބުރަކަށީގައި ވެސް ޒަހަމްތައް އެބަހުރި،" ބީސީސީއައިގެ ރައީސް ޖޭ ޝާހް ވިދާޅުވި އެެވެ.
ބީސީސީއައިގެ އެންގުމަށް ޕާންޓްގެ ބޭސް ފަރުވާގެ ކަންކަމާ ހަވާލުވެ ހުރި ޑޮކްޓަރު އަޝީޝް ޔަގްނިކް ވަނީ ޕާންޓްގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް ބުނެފަ އެވެ.
އިންޑިއާ އިން އަންނަ ހަފްތާގައި ސްރީ ލަންކާއާ އެކު ކުރިއަށްގެންދާ ޓީ20 އާއި ވަންޑޭއިންޓަނޭޝަނަލް (އޯޑީއައި) އަށް ނެގި ސްކޮޑުން ޕާންޓް އަށް ފުރުސަތު ނުދިނީ އަރާމް ކުރަން ފުރުސަތު ދިނުމުގެ ގޮތުންނެވެ. ޕާންޓް އަކީ ދާދި ފަހުން އިންޑިއާ އިން ކުޅުނު ސީރީސްގައި ބަންގްލަދޭޝް ބަލިކުރިއިރު، މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ.
ކެރިއަރުގައި މިހާތަނަށް ޕާންޓް ވަނީ އިންޑިއާ ގައުމީ ޓީމަށް 33 ޓެސްޓް މެޗާއި 30 އޯޑީއައި މެޗުގެ އިތުރުން 60 ޓީ20 މެޗު ކުޅެފަ އެވެ.












