ރިޕޯޓުކޯލިޝަނާއި 20 ޕަސެންޓް: އެމްޑީޕީގެ ދެ ލީޑަރުން ޖައްސަވާ ހިސާބުގެ ތަފާތު

ކޯލިޝަނާއި 20 ޕަސެންޓް: އެމްޑީޕީގެ ދެ ލީޑަރުން ޖައްސަވާ ހިސާބުގެ ތަފާތު

އެމްޑީޕީއަށް ކެންޑިޑޭޓަކު ހޮވުމުގައި ކުރިމަތިވެފައި ވަނީ މިއިން ދުވަހަކު އެ ޕާޓީއަށް ނުޖެހޭ ފަދަ ބޮޑު އިމްތިހާނަކާ އެވެ. އިންތިހާބުގެ ކެމްޕެއިން މިހާރު ފޯރިއާއެކު ފެށިފައިވާއިރު, ދެ ބޭފުޅުން ވެސް އެއްބަސްވެލައްވާ އެއް ކަމެއް އެބައޮތެވެ.

ކޯލިޝަނާއި 20 ޕަސެންޓް: އެމްޑީޕީގެ ދެ ލީޑަރުން ޖައްސަވާ ހިސާބުގެ ތަފާތު

ދެހާސްތޭވީހަށް ޖަހަން އޮތް ބޮޑު ހިސާބުގެ ކުރިން, އެ ހިސާބު ވަޒަންކޮށްލުމަށް އަންނަ އިމްތިހާނު މި ފެށުނު މަހުގެ 28 ވަނަ ދުވަހު އޮންނާނެ އެވެ; އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އެވެ. އެމްޑީޕީގެ ރައީސް އަދި އެ ޕާޓީގެ އެންމެ ބޮޑު ސަޕޯޓެއް ކޮންޓްރޯލް ކުރެއްވި މުހައްމަދު ނަޝީދާއި ވެރިކަމުގެ އާރާއި ބާރުގައި ހުންނެވި, ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވާދަވެރިކަމުގެ އިމްތިހާނެވެ. އާ ގާނޫނުއަސާސީގެ ދަށުން ދެ ފަހަރަށް ވެރިކަމަށް އައި, އެންމެ ކާމިޔާބު ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅިގެންދާ އިންތިހާބެވެ.

އިދިކޮޅު ކެންޑިޑޭޓް, އަބްދުالله ޔާމީންގެ މައްޗަށް 11 އަހަރުގެ ހުކުމެއް އައިސްފައިވާއިރު, އެމަނިކުފާނަށް އޮތީ މިހާރު ރިޔާސީ ރޭހުގައި ވާދަކުރެއްވުމުގެ ހަނި ފުރުސަތެކެވެ. އެހެންވެ, އިދިކޮޅު ބަލިކަށިވެފައި އޮތް މި ދަނޑިވަޅުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓު, ނަޝީދު ވެސް ސޯލިހު ވެސް ވަރަށް ބޭނުންވާނެ އެވެ.

އެކަމަކު އެމްޑީޕީއަށް ކެންޑިޑޭޓަކު ހޮވުމުގައި ކުރިމަތިވެފައި ވަނީ މިއިން ދުވަހަކު އެ ޕާޓީއަށް ނުޖެހޭ ފަދަ ބޮޑު އިމްތިހާނަކާ އެވެ.

އިންތިހާބުގެ ކެމްޕެއިން މިހާރު ފޯރިއާއެކު ފެށިފައިވާއިރު, ދެ ބޭފުޅުން ވެސް އެއްބަސްވެލައްވާ އެއް ކަމެއް އެބައޮތެވެ. އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު އެމްޑީޕީން ކޮންމެހެން ވެސް ކާމިޔާބު ކުރަން ޖެހޭ ކަމެވެ.

"އެމްޑީޕީގެ އަބަދުވެސް އަމާޒަކީ ރައްޔިތުންނަށް ހިދުމަތްކޮށްދެވޭނެ މަގާމެއްގައި ތިބުން” ކަމަށް ރައީސް ނަޝީދު ވިދާޅުވީމާ, އެ ވާހަކައާ ރައީސް ސޯލިހު ދެބަސްވެވަޑައިގަންނަވާ މަންޒަރެއް ނުފެނެ އެވެ. މަސްތަކަކަށްފަހު ބުދަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިން ރައީސް ސޯލިހުގެ ވެސް އަމާޒަކީ އެއީކަން ވަރަށް ސާފެވެ.

އެހެންނަމަވެސް, އެމްޑީޕީގެ އެ އަމާޒަށް ވާސިލްކުރެވޭނެ ފޯމިއުލާއާ މެދު ދެ ބޭފުޅުންނަށް އެއްބަސްވެވަޑައިގަންނަވަން އުނދަގުލެވެ. ސިޔާސީ މައިދާނަށް ފަރިތަ އެ ދެ ބޭފުޅުން ޖައްސަވަނީ މުޅިން ތަފާތު ދެ ހިސާބެކެވެ. ބޭނުންކުރައްވަނީ ދެ ފޯމިއުލާއެކެވެ.

ރައީސްގެ ވިސްނުން ކޯލިޝަނަކާއި ދިމާލަށް

“އަޅުގަނޑަކަށް ނުކެރޭނެ ދަންނަވާކަށް އެއްވެސް ޕާޓީއަކަށް އެކަނި ނިކުމެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމަކަށް.”ރިޔާސީ އިންތިހާބަށް ރައީސް ސޯލިހު ހިސާބު ޖައްސަވަން ފަށަނީވެސް މިހިސާބުންނެވެ.

ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން ބޭއްވުނު ހަމަ ކޮންމެ ރިޔާސީ އިންތިހާބެއް ވެސް ކާމިޔާބު ކުރަނީ ކޯލިޝަން ސަރުކާރަކުންނެވެ. ރައީސް ނަޝީދު ވެސް އަދި ރައީސް ސޯލިހު ވެސް ވެރިކަމަށް ވަޑައިގެންނެވީ އެ މަގުންނެވެ.

ސޯލިހުގެ ވިސްނުމުގައި އެމްޑީޕީގެ ކެންޑިޑޭޓަކީ ކޯލިޝަން ހެދުމުގެ ގާބިލުކަން ހުންނަންޖެހޭ ފަރާތެކެވެ. އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ހަމައެކަނި މަގަކީ އެއީ އެވެ. ސިޔާސީ ހިޔާލު ބައެއް ކަންކަމުގައި އެއްގޮތް ނޫން ފަރާތްތަކާއެކު ކޯލިޝަން ހަދައި 2023 ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެކި ގޮތްގޮތަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

ނަޝީދު: އެމަނިކުފާނުގެ ފޯމިއުލާ އާއި ރައީސްގެ ތަފާތު - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
ނަޝީދު: އެމަނިކުފާނުގެ ފޯމިއުލާ އާއި ރައީސްގެ ތަފާތު - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ނަޝީދު: އެމަނިކުފާނުގެ ފޯމިއުލާ އާއި ރައީސްގެ ތަފާތު - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެހެންނަމަވެސް, ރައީސް ވިދާޅުވީ ރަސްމީކޮށް އެއްވެސް ކޯލިޝަން މެންބަރަކާ އެކު އަދި މަޝްވަރާ ނުކުރާ ކަމަށެވެ. ނުރަސްމީކޮށް އެ ވާހަކަ ދެކެވިފައި ހުންނާނެ ކަމަށާއި, އެ ވާހަކަތަކުގެ ތެރެއިން ގިނަ ކަންކަމުގައި ހިޔާލު އެއްގޮތް ކަމަށް ވިދާޅުވެ, ކުރިން ދެއްވި ޔަގީންކަން އަނެއްކާ ވެސް ދެއްވި އެވެ.

އެންމެ ފަހުގެ ރިޔާސީ އިންތިހާބާ ޖެހެންދެން އޭގެ ކުރިން ކޮންމެ ރިޔާސީ އިންތިހާބެއްގައި ވެސް ކާމިޔާބުކުރާ ކޯލިޝަން އުފެދެނީ ދެވަނަ ބުރުގެ ވޯޓަކަށް ދިއުމުންނެވެ. އެހެންނަމަވެސް, 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް ސޯލިހު ކުރިމަތިލެއްވީވެސް ކޯލިޝަނަކާ އެކު އެވެ. މިފަހަރުވެސް އިންތިހާބު ކާމިޔާބުކުރުމަށް ރައީސް ބޭނުންކުރައްވާ ފޯމިއުލާއަކީ އެއީކަމަށް ގަބޫލުކުރެވެ އެވެ.

"އިރާދަކުރެއްވިއްޔާ އެމްޑީޕީ ޕްރައިމަރީ ބޮޑުތަނުން އަޅުގަނޑު ކާމިޔާބު ކުރާނަން. އެއަށްފަހު އަޅުގަނޑު ކޯލިޝަނެއް އުފެއްދުމުގެ މަސައްކަތް ފަށާނަން،"

އަޅުގަނޑަށް ޔަގީންކަން އެބައޮތް ސިޔާސީ ގޮތުން ބައެއް ކަންތައްތަކުގައި ހިޔާލު އެއްގޮތް ނޫން މީހުންނާއެކީގައި ކޯލިޝަނެއް ހަދައިގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް، އެ ފުރުސަތު އެހެން އޮތީމައި އަޅުގަނޑު ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރަން ނިންމީ،" ބުދަ ދުވަހު ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.

ކޯލިޝަން ހަދާކަމުގައިވާނަމަ ރަނިންމޭޓް ވެސް ނިންމަވާނީ މަޝްވަރާގެ މަތިން ކަމަށާއި ވަކި ޕާޓީއެއްގެ މެންބަރެއް އިހްތިޔާރުކުރުމަށް ނުވިސްނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

ކޯލިޝަނަކާ އެކު ރިޔާސީ އިންތިހާބަށް ނިކުންނަކަމުގައިވާނަމަ އެއީ ރައީސް ނަޝީދުގެ ފެކްޝަނުން ހިތްހަމަނުޖެހޭނެ ކަމެކެވެ. ސިޔާސީ ބާރުތައް ޕާޓީތަކުގެ މެދުގައި ފޮތިފޮތި ކުރަންޖެހޭ ކަމުގެ ޝަކުވާ އެންމެ ގަދަޔަށް ކުރައްވަނީ ރައީސް ނަޝީދެވެ. އެހެންވީމާ އެމަނިކުފާނު ޖައްސަވަނީ ތަފާތު ހިސާބެކެވެ.

"އެ ވިދާޅުވާ ކޯލިޝަންގެ ޗޮއިސްއެއް ނެތް"

ދެހާސް އަށާރަ ވަނަ އަހަރު ސިޔާސީ މައިދާން އޮތްގޮތާއި މިހާރު އޮތްގޮތާއި ހާސްބައި ތަފާތެވެ. ރައީސް ނަޝީދު ހިސާބު ޖައްސަވަން ފަށަނީ ވެސް އެ ވާހަކައިންނެވެ. ވިދާޅުވަނީ އެއީ އޭރު ކަމަށާއި މިހާރު ވަރަށް މުހިންމު ދެ ކަމެއް ބަދަލުވެފައިވާ ކަމަށެވެ.

ފުރަތަމަ ކަމަކީ ސިޔާސީ ލީޑަރުން މިނިވަން ވެފައިވުމެވެ. ރައީސް ނަޝީދު ވިދާޅުވީ, އިއްތިހާދަކުން ވެރިކަން ބަދަލުކުރަން ޖެހުނީ އެކި އެކި ހުކުމްތަކުގައި ގިނަ ސިޔާސީ ލީޑަރުން ހައްޔަރުވެފައި ތިބުމުން ކަމަށާއި އޭރު ސިޔާސީ ޕާޓީތަކަށް އޮތް ހުރަސް މިހާރު ނެތް ކަމަށެވެ. ކޮންމެ ޕާޓީއަކުން ވެސް ކެނޑިޑޭޓަކު ވާދަކުރާނެ ކަމަށް ރައީސް ނަޝީދު ގަބޫލުކުރައްވަ އެވެ. އެހެންވީމާ ކޯލިޝަންގެ ޗޮއިސެއް ނެތީއެވެ.

ދެން އައި އެންމެ ބޮޑު އަނެއް ބަދަލަކީ ރައީސް ޔާމީންގެ މައްޗަށް ހިޔާނާތުގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރަން ޖެހުމެވެ. ނަޝީދު ގަބޫލުފުޅުކުރައްވާ ގޮތުގައި ރައީސް ޔާމީން ކެނޑިޑޭޓެއްގެ ގޮތުގައި ވޯޓު ކަރުދާހަކުން މިފަހަރު ނުފެންނާނެ އެވެ. މިއާއެކު އެހެން ޕާޓީތަކަށް އޮތް އުންމީދު އަނެއްކާވެސް ބޮޑުވީ އެވެ. އެ ޕާޓީތަކުން ކުރިމަތިލާ ކެނޑިޑޭޓުންނަށް ލިބޭނެ ވޯޓުގެ އަދަދު އިތުރުވީ އެވެ.

ރައީސް ސޯލިހު: ކޯލިޝަން ވެރިކަމެއް ގެނައުމުގެ އަޒުމު އެބަ އޮތް - ފޮޓޯ: ރައިސް އޮފީސް
ރައީސް ސޯލިހު: ކޯލިޝަން ވެރިކަމެއް ގެނައުމުގެ އަޒުމު އެބަ އޮތް - ފޮޓޯ: ރައިސް އޮފީސް

ރައީސް ސޯލިހު: ކޯލިޝަން ވެރިކަމެއް ގެނައުމުގެ އަޒުމު އެބަ އޮތް - ފޮޓޯ: ރައިސް އޮފީސް

އެކަމަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ, "ހަމަ ގައިމުވެސް ރައީސް ޔާމީނަށް ސަޕޯޓް ކުރައްވާ މީހުންގެ ތާއީދެއް ރައީސް ސޯލިހަކަށް ލިބިވަޑައެއް ނުގަންނަވާނެ" ކަމަށެވެ.

އެ ވޯޓުތައް ވަކި ރައީސް ނަޝީދަށް ލިބިވަޑައިގަންނަވާނެ ކަމަށް ވެސް ގަބޫލެއް ނުކުރެވެ އެވެ. ހަމައެހެންމެ، އިދިކޮޅުގެ ވިސްނުމުގައި ރައީސް ޔާމީންގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެ އެވެ. އެ ބޭފުޅުން ޖައްސަވާ ހަމައެކަނި ހިސާބަކީވެސް އެއީ އެވެ. އެ ހިސާބުތައް ދިމާވެއްޖެނަމަ, އިސްތިއުނާފު މަރުހަލާއިން ރައީސް ޔާމީން މިނިވަންވާނެ އެވެ. އެހެންވީމާ އެމަނިކުފާނަށް ތާއީދު ކުރާ މީހުންގެ ވޯޓު އިތުރު މީހަކަށް ނުލިބޭނެ އެވެ.

ރައީސް ނަޝީދުގެ ވިސްނުން ވަރަށް ސާފެވެ;

ރިޔާސީ އިންތިހާބަށް ގިނަ ޕާޓީ ތަކަކުން ކުރިމަތިލާނެ އެވެ. ކޯލިޝަނެއް ހެދުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. އެ އަސާސްގެ މައްޗަށް ބިނާކޮށް ދެން އަނެއްކާވެސް ޖައްސަވަނީ އިތުރު ހިސާބެކެވެ. ވިދާޅުވަނީ ސިޔާސީ ތޮބީއަތެއް ދިވެހިރާއްޖޭގައި އޮންނަ ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ތަނުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށްވެއްޖެނަމަ ކުރިއަށް މި އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ލިބޭނެ މިންވަރު ވަރަށް މަދުވާނެ, ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މެންބަރުންނާއި އަދި އެ ނޫން ވެސް ވަޒީފާތަކުގައި ތިއްބެވި މެންބަރުން ރައީސް ސޯލިހަށް ތާއިދު ކުރެއްވި ނަމަވެސް, އާއިލާ އާއި ރަހުމަތްތެރިން ތިބީ ރައީސް ސޯލިހަށް ވޯޓު ދޭ ގޮތަކަށް ނޫން," ނަޝީދު ވިދާޅުވި އެވެ.

"އަލަށް ގައުމީ އިންތިހާބަށް ނުކުތީމާ ގިނަ ފަހަރަށް ލިބިގެންދަނީ ވިއްސަކަށް ޕަސެންޓު،"

މިހާރު އޮތީ 2018 ގައި އޮތް ސިޔާސީ މައިދާނެއް ނޫން ކަމަށާއި, މިއީ ރައީސް ސޯލިހު ގިނިކަންޏާ ނުކުންނަވާ ފުރަތަމަ ފަހަރު ކަމަށެވެ. ތަކުރާރުކޮށް ވިދާޅުވީ ރައީސް ސޯލިހަށް ލިބޭނީ 20 ޕަސެންޓު ކަމަށެވެ. ދެވަނަ ބުރަކަށް ރައީސް ސޯލިހު ދާނެ ކަމަކަށް ނަޝީދު ގަބޫލުފުޅުނުކުރައްވަ އެވެ. އެއާއެކު، ސަރުކާރު ހިންގުމުން އެމްޑީޕީ މަހުރޫމުވާނެ އެވެ. އެމަނިކުފާނުގެ ހިސާބުތައް ދައްކަނީ އެ މަގުންނެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމާއި ގުޅުވައި ރައީސް ސޯލިހާއި ކުރެވޭ ސުވާލުތަކުން ރެކިވަޑައިގަންނަވަން, ކޯލިޝަންގެ ވާހަކަ އަކީ މިހާރު ދެއްކުން މުހިންމު ނޫން ވާހަކައެއް ކަމަށް ވިދާޅުވި ނަމަވެސް, އެ ވާހަކަ ނުދައްކައި ޕްރައިމަރީއިން ސަލާމަތްވާން އުނދަގޫވާނެ އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ފޯމިއުލާ ގްރާސްރޫޓަށް ހުށަހަޅަން ޖެހޭނެ އެވެ. ކޮންމެ ގޮތަކަށް ނިމުނު ނަމަވެސް, ކުރިއަށް އޮތް އެމްޑީޕީގެ އިންތިހާބަކީ ފޯރިގަދަވާނެ އިންތިހާބެކެވެ. އެ ޕާޓީގެ ޓިކެޓު ހޯއްދެވުމަށް ވާދަކުރައްވަނީ ޕާޓީގެ ގްރާސްރޫޓަށް ފަރިތަ ދެ ބޭފުޅުންނެވެ. އެ ޕާޓީގެ އެންމެ އިސް ދެ ބޭފުޅުންނެވެ. އެމްޑީޕީގެ އާންމު މެމްބަރުން ތާއީދު އޮތީ މީގެތެރެއިން ކޮންމެ ލީޑަރެއް ޖެއްސެވި ހިސާބަކަށްތޯ ޕްރައިމަރީގެ ވޯޓުން ހާމަވާނެ އެވެ.

ސާއިފް ޝިޔާދު

ސަބް އެޑިޓަރ

ކުޅިވަރު ނޫސްވެރިޔެއްގެ ގޮތުގައި ނޫސްވެރިކަމަށް ނުކުތް ސާއިފް ޝިޔާދުގެ ގަލަން ގިނަ ދާއިރާތަކެއްގައި ހިނގަ އެވެ. ސިޔާސީ ދާއިރާއަށް ހާއްސަ ސަމާލުކަމެއް ބަހައްޓާއިރު އޭނާ ވަނީ "ރާއްޖެ ޓީވީ" އަދި "ޖަޒީރާ" ގައި ވެސް މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox