ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންގެ ބީޗް ވޮލީބޯލް ޓުއާގައި ގްރޫޕް ބީ ގައި ކުޅުނު ތިން ވަނަ މެޗުން ވެސް މޮޅުވެ، ފުރިހަމަ ރެކޯޑަކާ އެކު ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ ސެމީ އަށް ތައްޔާރުވެއްޖެ އެވެ.
އިއްޔެ ހެނދުނު ކުޅުނު މެޗުން، ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ވަނީ ކިރްގިސްތާންގެ މެޑެޓްބެކް އޫލޫ އާއި ޒީންބެކް އޫލޫގެ ޕެއާ، އަތުން 21-12، 21-12 އިން މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި މެންދުރު ފަހު ސެޝަންގައި، ބޫޓާންގެ ޑޯޖީ އާއި ޖިގްމޭގެ ޕެއާއާ ވާދަކޮށް މޮޅުވީ 21-09، 21-09 އިންނެވެ. މިއަދުގެ މެޗަށް ނުކުތްއިރު ވެސް އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އަށް ސެމީ ފައިނަލުގެ ޖާގަ ލިބިފައި އޮތް ނަމަވެސް މެޗު ފަސޭހަކޮށްލުމެއް ނެތި ވަނީ ފުރިހަމަ ކާމިޔާބެއް ހޯދައިފަ އެވެ.
މިއަދު، ބަންގްލަދޭޝްގެ މޮންސޫރާއި ހައިދަރުގެ ޕެއާއާ ވާދަކޮށް، އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ މޮޅުވީ 21-12، 12-11 އިންނެވެ. ސެމީ ފައިނަލުގައި މިއަދު މެންދުރު ފަހު، ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ބައްދަލުކުރާނީ ބަންގްލަދޭޝްގެ ބިސްވާސް އާއި ޕަވެލްގެ ޕެއާއާ އެވެ.

ބަންގްލަދޭޝްގެ ބިސްވާސް އާއި ޕަވެލްގެ ޕެއާ އާއި ރާއްޖޭގެ ޝަމާއިލް އާއި ކޯކޭގެ ޕެއާ ކުޅުނު މެޗަށް ފަހު.
ބިސްވާސް އާއި ޕަވެލްގެ ޕެއާ އިން ސެމީ އަށް ދަތުރުކުރީ މިއަދު ހެނދުނު ރާއްޖޭގެ އަނެއް ޕެއާ, ޝަމާއިލް ހުސެއިން އާއި އަހުމަދު މުހައްމަދު (ކޯކޭ)ގެ ޕެއާ ބަލިކޮށްގެންނެވެ. މޮޅުވާ ޕެއާ އަކަށް ސެމީގެ ޖާގަ ލިބޭ ގޮތަށް އޮތްއިރު، ބިސްވާސް އާއި ޕަވެލްގެ ޕެއާ އިން ކާމިޔާބު ހޯދީ 21-15، 21-12 އިންނެވެ.
ރާއްޖޭގެ ޝަމާއިލް އާއި ކޯކޭގެ ޕެއާ މުބާރާތް ފެށީ ވަރުގަދަކޮށެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި ބަންގްލަދޭޝްގެ ނޫރު ނަބީ އާއި ޝައިފުއްދީންގެ ޕެއާ އަތުން ޝަމާއިލް އާއި ކޯކޭގެ ޕެއާ ވަނީ 21-09، 21-12 އިން މޮޅުވެފަ އެވެ.
އެކަމަކު، ދެ ވަނަ މެޗުގައި ނޭޕާލްގެ ސުނަރު އާއި މަން ބަހާދުރު ޝްރެސްތާގެ ޕެއާއާ ކުޅެގެން ކޯކޭ އާއި ޝަމާއިލްގެ ޕެއާ ބަލިވީ 2-1 ސެޓުންނެވެ. ސެޓުތައް ދިޔައީ، 21-17، 14-21 އަދި 09-15 އިންނެވެ. އަދި މިއަދު ގްރޫޕްގެ ފަހު މެޗުން މޮޅުނުވެވި، ޝަމާއިލް އާއި ކޯކޭގެ ޕެއާ ކެޓީ އެވެ.
މިއީ ޝަމާއިލް އާއި ކޯކޭ، ޕެއާއެއްގެ ގޮތުގައި އެއްވެސް ލެވަލެއްގައި ކުރިމަތިލި ފުރަތަމަ މުބާރާތެވެ. މީގެ ކުރިން ކޯކޭ ކުޅެމުން އައީ މުހައްމަދު އަލީ (ޑެންޒޯ)އާ އެއް ޕެއާ އަކަށެވެ. އެކަމަކު، މި ފަހަރު ސްކޮޑުގައި ޑެންޒޯ ނެތްއިރު، ކޯކޭ ކުޅެން ޖެހުނީ ޝަމާއިލްއާ އެއް ޕެއާ އަކަށެވެ. މިއީ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކަށް ފަހު، ކުޅުމަށް އެނބުރި އައިސް އުންމީދީ ކުޅުންތެރިޔާ، ޝަމާއިލް ކުޅުނު ފުރަތަމަ މުބާރާތެވެ. ޝަމާއިލް ވަނީ މީގެ ކުރިން އިންޑޯ ވޮލީގެ ސީނިއާ ގައުމީ ޓީމަށް ކުޅެފަ އެވެ.
ސެންޓްރަލް އޭޝިއަން ބީޗްވޮލީ ޓުއާގެ ދެ ވަނަ ސެމީ ފައިނަލުގައި ކުޅޭނީ ނޭޕާލްގެ ސުނަރު އާއި މަންގެ ޕެއާ އާއި ކިރްގިސްތާންގެ މެޑެޓްބެކް އޫލޫ އާއި ޒީންބެކް އޫލޫގެ ޕެއާއާ އެވެ.












