ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވާދަކުރައްވަނީ، އެމްޑީޕީއަށް އިންތިހާބު ކުރުމުގެ ފުރުސަތު އެންމެ ބޮޑު ވަނީ އެމަނިކުފާނާއެކު ކަމަށް ވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ގިނަ ދުވަސްތަކަކަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީން ބޭނުންވާނެ ކަމަށެވެ. އަދި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު އެމްޑީޕީއަށް އެންމެ ބޮޑުވާނީ އެމަނިކުފާނާއެކު ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތްގޮތުން އެއްވެސް ޕާޓީއަކަށް އެކަނި ނިކުމެ އިންތިހާބު ކާމިޔަބު ކުރެވިދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އެހެންކަމުން އެމްޑީޕީން ނިކުންނަ ކެންޑިޑޭޓަކީ ވޯޓުގެ 50 ޕަސަންޓު ކްރޮސް ކުރެވޭނެ ކެންޑިޑޭޓަކަށް ވާން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަޅުގަނޑަށް ޔަގީންކަން އެބައޮތް ސިޔާސީ ގޮތުން ބައެއް ކަންތައްތަކުގައި ހިޔާލު އެއްގޮތް ނޫން މީހުންނާއެކީގައި ކޯލިޝަނެއް ހަދައިގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް، އެ ފުރުސަތު އެހެން އޮތީމައި އަޅުގަނޑު ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރަން ނިންމީ
ރައީސް ވިދާޅުވީ އެމްޑީޕީން ކެންޑިޑޭޓަކު ކަނޑައަޅާއިރު، ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ފަރާތަކަށް ވޯޓު ދޭނެ ކަމަށެވެ.

އެ މޭރުމުން ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ވާދަކުރެއްވި ކުރީގެ ރައީސް ނަޝީދު ދެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވަން ބޭނުންފުޅު ނުވާކަމަށް ވަރަށް ސާފުކޮށް ވިދާޅުވެފައިވާ ކަމަށާއި، ރައީސް ނަޝީދު ބޭނުންފުޅުވަނީ ރާއްޖޭގެ ބޮޑުވަޒީރުކަން ކުރައްވަން ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު 2018ގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދަމުންދާ ކަމަށާއި، އެކަން ރައްޔިތުން ގަބޫލު ކުރާނެ ކަމަށެވެ. އަދި ދިމާވި ގިނަ ގޮންޖެހުންތަކާއެކުވެސް ފަށައިގެން ކުރިއަށްދާ މަޝްރޫއުތައް އެބަހުރިކަން ފާހަގަކުރައްވާ އެމަނިކުފާނު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރަކީ އެ މަޝްރޫއުތައް ނިންމުމަށް ވަރަށް މުހިންމު ދެ އަހަރު ކަމަށެވެ. އިންތިހާބަށް ކުރިމަތި ލެއްވީ އެ މަޝްރޫއުތައް ނިންމުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ސޯލިހް އިންތިހާބު ކާމިޔާބު ކުރައްވާނީ ރައީސް ޔާމީން ޖަލުގައި ބާއްވައިގެންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް ވިދާޅުވީ ވަކި މީހަކު އެކަހެރިކޮށްގެން، ބާކީ ކޮށްގެން އެކަނި ވާދަކުރައްވައި އިންތިހާބު ކާމިޔާބު ކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި ޝަރުތު ހަމަވާ ކޮންމެ މީހަކަށް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނޭކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.













