ރަށްރަށުން ކާށި ލިބުން މަދުވެ މާލޭ ބާޒާރުގައި ކާށީގެ އަގު ދެގުނަ އަށްވުރެ ބޮޑުވެއްޖެ އެވެ.
މާލޭ މާރުކޭޓުގައި ކުރިން ހަ ރުފިޔާ އާއި 12ރ. އާ ދެމެދުގައި ހުރި ކާށީގެ އަގު މިހާރު ވަނީ 10ރ. އާއި 30ރ. އާ ދެމެދުގެ މިންވަރަކަށް ބޮޑުވެފަ އެވެ. މާލެ އާއި ހުޅުމާލޭގެ ފިހާރަ ތަކުގައި ހެޔޮވަރުގެ ކާއްޓެއް މިހާރު ވިއްކަނީ 20ރ. އާއި 25ރ. އަށެެވެ.
"މިހާރު ރަށްރަށުން ގެންނަ ކާށި ގަންނަން ލިބެނީ 8ރ. އާ 10ރ. އަށް. [100 ކާށީގެ] ބަސްތާ އެއްގެ އަގު 1000ރ. އަށްވުރެ ބޮޑު،" މާރުކޭޓުގެ ގޮޅިއެއްގައި ކާށި ވިއްކާ ބިދޭސީއަކު ބުންޏެވެ.
ކާށި ވިއްކާ ފަރާތްތަކުން ބުނާ ގޮތުގައި ރަށްރަށުން ކާށި ލިބުން މަދުވާ ސަބަބެއް ނޭނގެ އެވެ. އެމީހުން ފާހަގަ ކުރާ ގޮތުގައި ކާށީގެ އަގު އަދިވެސް އަންނަނީ އުފުލެމުންނެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ކާށީގެ އަގު ބޮޑުވުމުން، ކެފޭތަކުގައި ވިއްކާ މަސްހުނީގެ އަގު ބޮޑު ކުރުމަކީ ގާތްކަމެކެވެ.
ބާޒާރުގައި ކާށީގެ އަގު އުފުލުނު ނަމަވެސް ކުރުނބާގެ އަގު ހުރީ 20ރ. އާއި 25ރ. އާ ދެމެދުގައި ހިފެހެއްޓިފަ އެވެ.
ރުއްތަކުގެ މަތިވަރު ގޯސް ވުމުގެ ސަބަބުން ކާށީ ލިބުން ދަތިވުމަކީ މަދުން ނަމަވެސް ދިމާވާ ކަމެކެވެ.











