ރިޕޯޓު"ސިޔާސީ ފައިސާ"ގެ ހިޔަނިން ޔާމީނަށް ނެއްޓެވޭ ގޮތެއް ނުވޭ

"ސިޔާސީ ފައިސާ"ގެ ހިޔަނިން ޔާމީނަށް ނެއްޓެވޭ ގޮތެއް ނުވޭ

އެހެން ރަށެކެވެ. އެހެން އެއް މިލިއަން ޑޮލަރެވެ. އެހެން ދައުވާ އެކެވެ. އެހެން ޝަރީއަތެކެވެ. ބަދަލުނުވީ އެންމެ ކަމެކެވެ. ޔާމީންގެ ސިޔާސީ ފައިސާގެ ދިފާއު އެވެ.

ޔާމީން: ސިޔާސީ ފައިސާގެ ދިފާއު މިފަހަރު ވެސް ކޯޓުން ބަލައެއްނުގަތް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
ޔާމީން: ސިޔާސީ ފައިސާގެ ދިފާއު މިފަހަރު ވެސް ކޯޓުން ބަލައެއްނުގަތް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ރިޝްވަތާއި މަނީ ލޯންޑަރިންގެ ސީރިއަސް ތުހުމަތު ކުރެވެ އެވެ. ދައުލަތުން ބުނާ ގޮތުގައި އެއީ ދައުލަތުގެ ފައިސާ އެވެ. އެކަމަކު ޔާމީން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނުގެ އެކި އެކައުންޓުތަކުގައި މިލިއަނުން ހުރި ފައިސާއަކީ ސިޔާސީ މަސައްކަތަށް ލިބުނު ފައިސާ ކަމެވެ.

އެ އަދަދު 100 މިލިއަން ރުފިޔާއާ ގާތްކުރާކަން ޔާމީންގެ މާލީ ބަޔާންތަކުން ފެންނަން އޮތްއިރު ވެސް، އެ ދިފާއުގެ މަތީގައި އެމަނިކުފާނު ހުންނެވީ ސާބިތުކަމާއެކު އެވެ. ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ޔާމީންގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައިގައި ކުރި ދައުވާތަކާ އެމަނިކުފާނު ކުރިމަތިލެއްވީ ވެސް އެ ދިފާއު ނަންގަވައިގެނެވެ.

އެކަމަކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، އެންމެ މަތީ ކޯޓުން ޔާމީން ސަލާމަތްވީ އެ ދިފާއު ވަރުގަދަވެގެން ނޫނެވެ. ހަމައެކަނި ދެ އަކުރެއްގެ ތަފާތެއް ފެންމަތިވެގެނެވެ. ދެ އަކުރެއްގެ ތަރުތީބުގެ ތަފާތެވެ. 45 އޮންނަންވާ ތަނެއްގައި އޮތީ 54 ޖެހިފައި އޮތީމަ އެވެ. އެހެންނަމަވެސް، މި ކުޑަކުޑަ ތަފާތުގެ ސަބަބުން ނުކުތް ނަތީޖާއަކީ އެ ޗެކުން ޖަމާކުރީ ކޮން ފައިސާއެއްކަން ސާފުނުވެ، އޮޅުންތަކެއް އެރުމެވެ.

އެ ޝައްކާއި ސުވާލުގެ ތެރެއިން, އެންމެ ދެ ހިސާބު އަކުރެއްގެ ތަފާތުން ފަސް އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއިން ސަލާމަތްވެ ޔާމީން މިނިވަންވީ އެވެ.

އެކަމަކު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި އެ ފައިސާގެ ހަގީގަތް ހޯދަން ބުނެފައި އޮތެވެ. އެ ފައިސާގެ އަސްލާމެދު އުފެދިފައިވާ އޮތް ސުވާލަށް ޖަވާބު ނުލިބޭތީ އެވެ. އެއީ ދައުލަތަށް ލިބެންޖެހޭ ފައިސާތޯ ނޫނީ ހަގީގަތުގައި ވެސް ޔާމީނަށް ލިބެންޖެހޭ ފައިސާކަން ޔަގީންކުރުމަށެވެ.

އެއް ހަރަކުން ދެވަނަ ފަހަރަށް ކަށި

އޭގެ އަހަރެއްހާ ދުވަސް ފަހެވެ. އެހެން ރަށެކެވެ. އެހެން އެއް މިލިއަން ޑޮލަރެވެ. އެހެން ދައުވާ އެކެވެ. އެހެން ޝަރީއަތެކެވެ. ބަދަލުނުވީ އެންމެ ކަމެކެވެ. ޔާމީންގެ ސިޔާސީ ފައިސާގެ ދިފާއު އެވެ.

ނަމަވެސް، މިފަހަރު ވެސް ޕޮލިޓިކަލް ކެމްޕޭނަށް ލިބުނު ފައިސާގެ ދިފާއު ކޯޓަށް ބަލައިނުގަނެ އެވެ. ކްރިމިނަލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ކުރި ހުކުމުގައި ބުނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ ފަރާތަކަށް އަމިއްލަ ކެމްޕޭނަށް ފައިސާ ހޯދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ހުކުމާއި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި އެ ފައިސާއަކީ ޕޮލިޓިކަލް ކެމްޕޭނަށް ލިބުނު ފައިސާ ނޫން ކަން ޕީޕީއެމްގެ 2016، 2017 އަދި 2018 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުތަކުން އެނގޭ ކަމަށް ބުނެފައިވެ އެވެ.

"އެގޮތުން، 2016 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހިސާބަށް ޕީޕީއެމްއަށް ވަދެފައިވާ ފައިސާއަށް ބަލާއިރު، މިއިން އެއްވެސް ރިޕޯޓެއްގައި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓަށް އަމިއްލަ ފަރާތްތަކުންނާއި ވިޔަފާރިވެރިން ޖަމާކޮށްފައިވާ ފައިސާ ލިބިފައިވާކަން ހާމަކޮށްފައިނުވާ ކަން އެނގެ އެވެ،" ހުކުމުގައި ބުންޏެވެ.

މީގެ އިތުރުން، އެ ފައިސާ ދިން ކަމަށް ބުނާ ޔޫސުފް ނައީމުގެ އަތުން އެއްވެސް ފައިސާއެއް ލިބުނުކަން ޔާމީންގެ މާލީ ބަޔާނުގައި ވެސް ހިމަނާފައިނުވާކަން ވެސް ކްރިމިނަލް ކޯޓުން ފާހަގަކޮށްފައިވެ އެވެ.

ދެން އޮތީ ގާނޫނުތަކާ ހިލާފަށް ޔާމީން ހިންގެވި އަމަލުތަކެވެ. އިންތިހާބުތަކާބެހޭ ގާނޫނާއި ސިޔާސީ ޕާޓީތަކާބެހޭ ގާނޫނެވެ. އެ އެއް މިލިއަން ޑޮލަރު ޔާމީންގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވަނީ އެ ގާނޫނުތަކާ ހިލާފަށެވެ.

މިގޮތުން، ޔޫސުފް ނައީމު ދިން ޗެކު ޖަމާކުރަން ބޭންކަށް ފޮނުވި ސިޓީގައި އެ ފައިސާގެ ބޭނުމަކީ ޕޮލިޓިކަލް ކެމްޕޭނަށް އެހީތެރިވުމުގެ ގޮތުން ކަމަށް ބަޔާންކޮށްފައިވަނީ އިންތިހާބުތަކާބެހޭ ގާނޫނުގެ 68 ވަނަ މާއްދާއާ ހިލާފަށެވެ.

އެއީ އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ލިބޭ މާލީ އެހީ ބަލައިގަތުމާއި ހަރަދުކުރުމާއި ހިސާބު ބެލެހެއްޓުމުގެ އުސޫލުތައް ބަޔާންކޮށްފައިވާ މާއްދާ އެވެ.

ހުކުމުގައި އިތުރަށް ބުނީ މިގޮތަށް ލިބޭ ފައިސާ ބަލަހައްޓަންޖެހެނީ ހާއްސަ އެކައުންޓެއްގައި ކަމަށް އެ ގާނޫނުގެ 67 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.

"...މި ފައިސާއަކީ އިންތިހާބެއްގެ ބޭނުމަށް ދިން ނުވަތަ ލިބުނު ސައްހަ ފައިސާކަމުގައި ބެލެވޭނެ އެއްވެސް ސަބަބެއް ނެތް ކަން އެނގެ އެވެ،"

މީގެ އިތުރުން، ޕީޕީއެމްގެ އޮޑިޓު ރިޕޯޓުތަކުގައި ޔާމީންގެ އެކައުންޓަށް އަމިއްލަ ފަރާތްތަކުންނާއި، ވިޔަފާރިވެރިން ޖަމާކޮށްފައިވާ ފައިސާ ލިބިފައިވާކަން ހާމަކޮށްފައިނުވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 40 ވަނަ މާއްދާއާ ހިލާފަށެވެ.

އަދި އެ ގާނޫނުގައި ބުނާ ގޮތަށް އެހީ ދޭ ފަރާތްތަކުގެ ތަފްސީލު ބަލަހައްޓަފައި ނުވެ އެވެ. އަދި އެގޮތަށް ލިބޭ ފައިސާއަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ހޯދާފައިނުވުމަކީ ވެސް ޔާމީނާ ދެކޮޅަށް ހުކުމުގައި ފާހަގަކޮށްފައިއޮތް ނުކުތާ އެކެވެ.

މުޅި ހުކުމަށް ބަލާއިރު، ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތުގައި ހިފައި, ރިޝްވަތުގެ އެ އެއް މިލިއަން ޑޮލަރު ލޯންޑާކޮށް އޭގެން ނަހަމަ ފައިދާ ނެގި ކަމުގެ ކުށް ޔާމީންގެ މައްޗަށް ސާބިތުވީ އެ ފައިސާގެ އަސްލު އެމަނިކުފާނަށް ޝަރީއަތަށް ގަބޫލުކުރެވޭ މިންވަރަށް ސާފުކޮށް ދެވިފައިނުވާތީ އެވެ.

ސިޔާސީ ފައިސާގެ ދިފާއު ކޯޓަށް ބަލައިނުގަނެވުނީމަ އެވެ. ސިޔާސީ މީހެއްގެ އަމިއްލަ ބޭނުމެއް އެފަދަ ބޮޑެތި އަދަދުތަކުން ފައިސާ ލިބޭނެކަން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނައިގެން ވެސް ފަނޑިޔާރަށް ގަބޫލުނުކުރެވުނީމަ އެވެ.

ގއ. ވޮޑުމުލާގެ އިތުރުން ވ. އާރަށުގެ މައްސަލައިގައި ވެސް ތިލަފަތް ޔާމީންގެ ކޮޅަށް ބުރަވީ ހަމަ އެއް ނުކުތާތަކެއްގެ މައްޗަށެވެ. އަދި އިތުރު ރަށެއްގެ މައްސަލަ ވެސް އޮތީ އެވެ. ރ. ފުއްގުރި ކުއްޔަށް ދޫކޮށްގެން މަންފާ ހޯދި ކަމަށް ބުނާ މައްސަލަ އެވެ. އެއީ ވެސް އެހެން އެއް މިލިއަން ޑޮލަރުގެ ހިޔާނާތެއް ކަމަށް ދައުލަތުން ތުހުމަތު ކުރެ އެވެ.

އެ ދައުވާއަށް ވެސް ޔާމީން ނަންގަވަން އޮތީ ހަމަ ސިޔާސީ ފައިސާގެ ދިފާއު އެވެ. ރިޔާސީ އިންތިހާބަށް ފައި ނަންގަވައިގެން ހުންނެވި ޔާމީނަށް މިހާރު އޮތް ފަނޑު އުއްމީދު ވެސް ބަރޯސާވެފައި އޮތީ ސިޔާސީ ފައިސާގެ ދިފާއުއާ އެވެ.

މުހައްމަދު ވިޝާމް

--

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox