ސިޓީބިޓީ: ޖަލަކީ ފުރާނަހުރެ ބިމުންމަތީގައި ވަޅުލުމެވެ.

މާފުށި ޖަލު - ފޮޓޯ: މެކްސިމަސް ފިލްމު

މާފުށި ޖަލު - ފޮޓޯ: މެކްސިމަސް ފިލްމު

ކުރިމީހާ އާއި ކުރި ކުށަށް ނުބަލާ ހަމަ އެކަނި ޖަލަށް ބަލައިފިނަމަ އެއީ ނުހަނު ބޮޑު ވޭނެކެވެ. އަމިއްލަ ނަފުސާއި ދެން ވެސް ތިމާގެ ބާރުގެ ދަށުގައި ތިބި ބަޔަކާއި ކަމެއްގެ މައްޗަށް އިންސާނާ ކުރަމުން އައި ވެރިކަން އެހިނދު ބަދަލުވަނީ އެކަނިވެރިކަމާއި މާޔޫސްކަމާއި ފޫހިކަމާއި ފަޅުކަމަށެވެ.

ހުރިހާ ކަމަކުން ތިމާގެ މިނިވަން ކަމާއި އިހުތިޔާރު އެހެން ބައެއްގެ އަތް މައްޗަށް ފަޅި ސިކުންތަކުން ނަގުލުވާ ހިތްދަތިކަމުގެ އިންތިހާ އެވެ. ދެންފަހެ އޭ ވިދާޅުވުމަށް ފަހު ހުކުމްގައި އެވާ ކުށް ސާބިތުވެއްޖެ ކަމަށް ގާޒީ ކަނޑައެޅި ކަމަށް ވިދާޅުވާ ހިސާބުން އިންސާނާގެ ހަތަރެސްކަން ހަމަވެ އެ ގޮޅީގެ ތެރެއަށް ފެތި ނިމުނީ އެވެ. ހަމަ އެ ވަގުތުން ފެށިގެން ވަކީލުންނާއި އާއިލާއާއި ގާތްތިމާގެ އެކުވެރި ބައިވެރިންނާ ވަކިވެ މުޖުތަމައާ ގުޅުން ކެނޑި ކުރީގެ ހައިސިއްޔަތު ކުށްވެރިއަކަށް ބަދަލުވެ އެވެ. ސިޓީބިޓީގެ އިހުތިޔާރާއި ފޯނު އަތުން ދޫވީ އެވެ. ކިތަންމެ ސްޕީޑް އަވަހަސް އޭނާގެ އިންޓަނެޓް ގަނޑުވެ، ޔުނިފޯމް އެޅި އެހެން ބައެއްގެ ފައިބުޑަށް މީހާ ސޮހުނީ އެވެ.

އެހިނދުން ފެށިގެން ދެން ތިމާއަށް ހިނގޭނީ ވެސް އެ މީހުން ދެއްކި މަގަކުންނެވެ. އެރޭނީ އެ މީހުން ދެއްކި އުޅަނދަކަށެވެ. އިށީނދެ، އޮށޯވެ، ހެލިފެލި ވެވޭނީ އެމީހުން ދެއްކިތާކު ބުނި ގޮތަކަށެވެ.

ހުކުމަށް ފަހު

މާލޭގެ ދެކުނު ފަރާތު ބޮޑު ތަކުރުފާނު މަގުގައި އުސް ފާރެއްލާފައި އެހުރީ މާލޭ ޖަލެވެ. އެތެރޭގައި ހުސްކޮށް އޮންނަ ޔާޑަކީ ގައިދީންގެ އާއިލީ ބައްދަލުވުން ބޭއްވޭ ހާމަ ބިމެވެ. އޭގެ ބިއްދޮށުގައި އެހުރި އުސް އިމާރާތަކީ ޖަލުގެ މައި އިމާރާތެވެ. ވަރުގަދަ ދަގަނޑު ދޮރުގެ އެތެރޭގައި އެހުރީ ދަގަނޑު ދޮރުލީ އެކި ސައިޒްގެ ގޮޅިތަކެވެ. ޖަލަށް ވައްދާ މީހާ ބަލާ ފާސްކޮށް ގަވައިދަށް ނުފެތޭ ހުރިހާ އެއްޗެއް ނެގުމަށް ފަހު އެމީހާއަށް ނަސީބު ކުރެއްވި ގޮޅިއަކަށް އެމީހާ ގެންދާނީ އެކި ބާވަތުގެ އަހުލާގުން މުއާމަލާތުކޮށް ގޮވާ ހަޅޭއްލަވާ ގައިދީންގެ ކުރިމަތިންނެވެ. އަލަށް ގެންދާ މީހަކަށް އެގަައިދީން ތިބޭ ގޮތާއި ސިފައާއި ބަންދު ވެފައި ތިބޭ ގޮތް ފެނުނަސް ހިތްމޯޅިވެ އެތެރެހައްޓަށް މިލަން ފަށާނެ އެވެ. މާޔޫސްކަމާއި ބިރުވެރިކަން މުޅި މީހާ ލާވަށައިލާނެ އެވެ. މިކަމުގެ ތެރޭގައި ސިކުނޑި ގަބަރާވެފައި ހުރެ އަޅަމުންދާ ފިޔަވަޅުތަކުން މީހާ ހޭލެވޭނީ އޭނާ ވައްދާ ގޮޅީގެ ދަގަނޑު ތަންޑު ނައްޓާލާ ބާރު އަޑުފައްގަނޑުންނެވެ.

ދެންމެ ދިން ކުނަލާއި ބާލީސް އެއްކިހިލީގައި، އަދި އަނެއް އަތުން ބަތްކާ ތަށްޓަކާއި ޖޯޑެއް ހިފައިގެން ގިރާކުރާ އޮޅީގެ އެތެރޭގައި އެވަނީ ހަޔާތުގެ ކުރިއަށް އޮތް ބައެވެ. ގޮޅީގެ ތެރެއިން ދުވައިގަންނަ ކަށްވަހާއި ފެންނަ ތަތްކަން، އެއީ ޒީނަތެއް ކަމުގަައި ބަލަންޖެހެ އެވެ. ގޮޅިއަށް ވައްދާނީ ކޮންމެވެސް ވަރެއްގެ ގިންތި ކުރުމަކުން އެ ވަގުތަށް އޭނާއާ އެންމެ ގާތްކުރާ ގިންތިއެއްގައި ތިބި ބައެއްގެ ގާތަށެވެ. އެއީ މުޅިއަކުން ބަރާބަރު މިންކުރުމެއް ވެސް ނޫނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ނޫކަށި ޒުވާން އާޒަރުގެ ގޮޅިވެސް އެއް ދުވަހަކު ބަދަލުކުރި އެވެ. މާފުށީ ޔޫޓޫގައި އޭނާ ވެއްދި ގޮޅީގައި އިނީ އެންމެ ގައިދީއެކެވެ. އޮބައި ބާއްވާ ނިޔަފަތި ކަނޑާ ދައްޗަކުން އާޒަރުގެ ބޮލުގެ ނާށިގަނޑުގެ އެތަން މިތަން ޗަސްކުރުމުން އިމާޖެންސީގައި މާލެ ގެނަ އެވެ. އޭގެ ފަހުން އާޒަރުގެ ގޮޅި ބަދަލު ކުރާކަށް ނުޖެހެ އެވެ. ބަދަލުކުރީ އައިސީޔޫއިން އާސަހަރާ އަށެވެ.

މާލޭ ޖަލާއި މާފުށީގެ އެކިއެކި ޔުނިޓްތަކުގައި އޮންނަނީ އެކިވަރުގެ ލުޔާއި ބުރަ އެވެ. ކުރު މުއްދަތާއި ދިގު އެތަކެއް އަހަރުގެ މާޔޫސީ ޖަލު ހުކުމެއްގައި ހުންނަ ނަމަ އެހުރެވެނީ ބިމުންމަތީގައި ވަޅުލެވިފައިވާ ފުރާނަ ހުރި ގަބުރެއްގެ ގޮތުގަ އެވެ.

ރައީސް މައުމޫނުގެ ދިގު ތިރީސް އަހަރުގެ ޖަލުގެ އަނިޔާގެ ދުވަސްވަރު ބޭނުން ކުރެވުނު އެކަހެރި ކޮންކްރީޓް ގޮޅިތައް ފަޅަށް ދޫކޮށްލެވިފައި ހުއްޓާ އެތަން މަރާމާތުކޮށް އާ ބަދަލުތަކާއެކު އަލުން ބޭނުން ކުރުމަށް ނިންމެވީ ރައީސް ޔާމީނެވެ. އެއީ މާފުށީ ޖަލުގެ އެންމެ ހުޅަނގުން ހުޅަނގު މޫސުމުގެ އުދަބާނި އެތަނުގެ ފާރުބުޑަށް ބިންދާ ގަދައަޑާއި އޭގެ ބިރުވެރިކަން ގައިދީންގެ ހިތްތަކަށް ވެރިކުރުވާ ނާމާން ގޮޅިތަކެވެ.

ޒަމާންތަކަކަށް ފަޅަށް ހުރި މި ގޮޅިތައް އަލުން މަރާމާތު ކުރީ އުމަރު ނަސީރުގެ ހޯމް މިނިސްޓަރުކަމުގައި އެ މަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ. ދުވަހަކު ވެސް ގައިދީންނަށް ނުލިބޭ ހިދުމަތާއެކު ރައީސް ޔާމީނު އެ ޔުނިޓް ތައްޔާރު ކުރެއްވީ ބެޑްރޫމް ސެޓާއި ޓީވީ އާއި ޑީވީޑީ ޕްލޭޔަރާއި އެންމެ ފަހުގެ ދޮންނަ މެޝިނާއި އައިސް އަލަމާރި އާއި ގޮނޑި ސެޓާއި އޭސީއާ ވެސް އެކުގަ އެވެ. ހައި ސެކިއުރިޓީގެ އިންތިހާ އެވެ. މުޅި ތަން ވަށައި ކަށިނަރާއި ކެމެރާ އެވެ. އެޓޭޗް ފާހާނާ އެވެ. އެ ފެންވަރުގައި ގޮޅިތައް ތައްޔާރު ކުރެވެމުންދިޔައިރު ސިޔާސީ ގިނަ ބޭފުޅުންގެ ތަހުގީގުތަކާ ޝަރީއަތްތައް ދިޔައީ ހިނގަމުންނެވެ.

އާހިރުގައި ރައީސް ޔާމީން އެ ޖަލުގައި ހައްޔަރު ކުރެއްވީ ހަމަ އެ ބޭބޭ ފުޅުންނެވެ. ކުރީގެ ރައީސުންނާއި ނައިބު ރައީސުންނާ ވަޒީރުންނާ ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ވެސް މެއެވެ. އެ ޔުނިޓަށް އެންމެ ފަހުން ޔުނިޓް 13ގެ ނަމްބަރު ވެސް ދެއްވި އެވެ. އަދި އެންމެ ފަހުން އެ ޖަލުގައި ހުކުމް ތަންފީޒު ކުރައްވާ ބޭފުޅަކަށްވީވެސް ހުދު ރައީސް ޔާމީނެވެ.

ކުށަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ހަމަ އެގޮތަށް ޖަލަކީ ދޭން ހެޔޮވާވަރުގެ އަދަބެއް ވެސް ނޫނެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި މަނީ ލޯންޑަކުރުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ހުކުމެއް އެ މަނިކުފާނަށް އިއްވިއްޖެ އެވެ. އެއީ ދެން ވެރިކަމަށް ވަޑައިގެންނެވުނަސް މީސްމީހުންނަށް ދެއްވާނެ އަދަބާއި އިއްވޭނެ ހުކުމްތަކުގެ ވާހަކައިން ގަދަ އަޑުން އިންޒާރު ދެއްވަ ދެއްވާ ހުއްޓާ އައި ހުކުމެކެވެ.

އިންސާނުންނަށް އަނިޔާއާ އަދަބު ދޭ ވާހަކަ ދެއްކުމަކީ މާ ހިތްގައިމު ކަމެއް ނޫނެވެ. އަނެއްކޮޅުގެ ކުރީގެ ރައީސުން ދިގު މުއްދަތުގެ ޖަލު ހުކުމުގައި ތިބުމަކީ ގައުމީ ނަޒަރުން ދެކޭއިރު ލިބޭ އުފަލެއްވެސް ނޫނެވެ.

-- އިބްރާހިމް ރަޝީދު (ހޯރަ އިއްބެ)

އަދަދު ސިޓީބިޓީ

ސިޔާސަތާ މެދު ފާޑެއް ކިޔަން އޮތީ ހެއްޔެވެ؟ ކަމެއް އިސްލާހުކުރަން މުއައްސަސާއެއްގެ ސަމާލުކަމަށް ގެންނަން ބޭނުންވަނީ ހެއްޔެވެ؟ ޝަކުވާއެއް ބޮޑުވެ އާއްމުންނާ ހިއްސާކުރަން ބޭނުންވީ ހެއްޔެވެ؟ އެހެން ކަމެއްގައި ވިޔަސް ހިޔާލެއް ހިއްސާކުރަން ބޭނުން ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލާއި ފިކުރު މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަށް "އަދަދު"ން ތަނަވަސްކޮށްދީފައިވަނީ "އަދަދު ސިޓީބިިޓީ" އެވެ. ހިޔާލުތައް ލިޔުމަށް ތިރިކޮށްލުމަށް ފަހު، "އަދަދު"ގެ އެޑިޓަރަށް އެޑްރެސްކޮށް info@adhadhu.com އަށް އީމެއިލްކޮށްލާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox