ކުރިން ގޯލްކީޕަރަކަށް ކުޅުނު އަހުމަދު އަހުސަން (ބަރޯ)، މީގެ އަށް ވަރަކަށް އަހަރު ކުރިން ގޯލްކީޕަރު ޓްރެއިނަރަކަށް ވުމުގެ ޝައުގުވެރިކަމާ އެކު މަަސައްކަތް ފެށީ ޓީސީ ސްޕޯޓްސް ކްލަބުންނެވެ. ޓީސީ، ދެ ވަނަ ޑިވިޝަނުން، 2014 ވަނަ އަހަރު ޕްރޮމޯޓްވެ، އޭގެ ފަހުން އެ ޓީމު ރާއްޖޭގެ ފުރަތަމަ ޑިިވިޝަނުގައި ފައިތިލަ ސާބިތުކުރިއިރު، ޓީމުގެ އެންމެ މުހިންމު އެއް މަގާމު ގޯލްކީޕަރު، ޓްރެއިން ކުރަން އެ ޒިންމާ ހަވާލުވެ ހުރި، ކޯޗަކަށް ހުރީ އަހުސަން އެވެ.
އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް، ގޯލްކީޕަރުން ޓްރެއިން ކުރުމުގައި އަހުސަން ކުރަމުން އައި ކާމިޔާބު މަސައްކަތްތަކުގެ ތެރެއިން، އޭނާ އަށް ގަބޫލުކުރެވުނީ ޒަމާނީ ވައްޓަފާޅިތަކަށް ކީޕަރުން އަހުލުވެރިކުރުމާއި ސްޓައިލްގެ ގޮތުން ވެސް ފުޓްބޯޅަ ބަދަލުވަމުން އަންނާތީ، ގޯލްކީޕަރު ޓްރެއިނިންގައި ވީ އެންމެ ރަނގަޅަށް ތައުލީމު ހޯދައިގެން ކުރިއަށް ދިއުމަށެވެ. އެކަމަށް އަމިއްލަ ޖީބުން ހަރަދުކޮށްގެން ކަންކަން ނިންމަން ޖެހުނު ކަމުގައި ވިޔަސް އޭނާ އަށް މާ ބޮޑު ނުތަނަވަސްކަމެއް ހިތުގައި ނެތެވެ.
މި ދާއިރާ އިން މި ހޯދާ ތަޖުރިބާ އާއި ތައުލީމުގެ ބޭނުން ހިފެން އޮތީ، މީގެ ވަރަށް ބޮޑަށް ބައިވެރިވެގެން -- އަހުސަން
އަހުސަން ވަނީ މިހާތަނަށް ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ޓީސީގެ އިތުރުން، ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކްލަބް ވެލެންސިއާގައި ވެސް މަސައްކަތްކޮށްފަ އެވެ. އޭގެ އިތުރުން ޖޫނިއާ ލެވަލްގައި ކީޕަރުން ޓްރެއިން ކުރުމުގެ މަސައްކަތް ވެސް ވަނީ ކޮށްފަ އެެވެ.
ޓީސީން ހޯދި ކޮންމެ ކާމިޔާބެއްގައި ކަހަަލަ ގޮތަކަށް އަހުސަންގެ ދައުރު އޮތްއިރު، އޭނާ ވަނީ މި އަހަރު ޕްރެޒިޑެންޓްސް ކަޕް ހޯދި ވެލެންސިއާ ޓީމުގައި ވެސް ފާހަގަކޮށްލެވޭ މަސައްކަތެއް ކޮށްފަ އެވެ. އޭގެ އިތުރުން ވެލެންސިއާގެ ޔޫތު ޓީމު، (16 އަހަރުން ދަށުގެ ޓީމު)، އެފްއޭއެމް އެ އުމުރުފުރާގެ މުބާރާތް ކާމިޔާބުކުރިއިރު، އެ ޒުވާން ޓީމުގެ ގޯލްކީޕަރު ކޯޗަކަށް ހުރީ ވެސް އަހުސަން އެވެ.

އަހުސަން، މެލޭޝިއާގައި ގޯލްކީޕަރު ކޯޗިން ބީ ލައިސަންސް ހާސިލްކުރަން ބައިވެރިވި ކޯހުގެ ތެރެއިން.
އޭގެ އިތުރުން މި އަހަރު ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ބުރު ސްޕޯޓްސް ކްލަބާއި ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމު ފެނަކައިގެ މަސައްކަތަކީ ވެސް އޭނާ މުހިންމުކޮށް ފާހަގަކުރާ ކާމިޔާބީތަކެވެ. އެއީ ކީޕަރު ތަމްރީން ކުރަން ލިބޭ ކޮންމެ ފުރުސަތެއްގެ ވެސް ބޭނުން ހިފަން އޭނާ ހާއްސަ ޝައުގުވެރިކަމެއް ހުންނާތީ އެވެ.
"ކީޕަރުން ޓްރެއިން ކުރަން އަސްލު އެހާ ޝައުގުވެރިކަން މި ހުންނަނީ، ކުރިން ކީޕަރަކަށް ކުޅެފައި، އެ ހުންނަ ގޮންޖެހުންތައް ވެސް އެނގޭތީ، ދެން މިހާރު، މި ދާއިރާއިން މި ހޯދާ ތަޖުރިބާ އާއި ތައުލީމުގެ ބޭނުން ހިފެން އޮތީ، މީގެ ވަރަށް ބޮޑަށް ބައިވެރިވެގެން. ލިބޭ ކޮންމެ ފުރުސަތެއްގައި ވެސް އެންމެ ރަނގަޅަށް މަސައްކަތް ކޮށްގެން،" ޔޫތު ލެވަލްގެ ގޯލްކީޕަރުންނާއި ސީނިއާ ލެވަލްގެ ގޯލްކީޕަރުންނަށް ތަމްރީން ދިނުމުގައި މިދިޔަ އަށް އަހަރު މަސައްކަތް ކުރި އަހުސަން، "އަދަދު" އަށް ބުންޏެވެ.
ޒަމާނީ މޮޑެލަށް ކީޕަރުން ތަމްރީން ކުރުމަށް ކުރަން ޖެހޭނެ އެންމެ ބޮޑު ކަމަކީ، ކޯސް ހަދައި، ވީ ވަރަކުން ގޯލްކީޕަރު ކޯޗުންގެ ކޮންފަރެންސްތަކުގައި ބައިވެރިވުން ކަމަށް އަހުސަން ވަނީ ބުނެފަ އެވެ.
އަހުސަން، ގޯލްކީޕަރު ކޯޗިންގެ ތައުލީމީ ލެވަލުން ބަލާއިރު، ކުރިއަށްދާން ބިންގާ އެޅީ، ރާއްޖޭގައި 2016 ވަނަ އަހަރު ބޭއްވި ސީ ލައިސަންސް ކޯހެއް ހެދުމަށް ފަހު އެވެ. އޭގެ ތިން އަހަރު ފަހުން، 2019 ވަނަ އަަހަރު ރާއްޖޭގައި އޮތް ބީ ލައިސަންސް ކޯހެއް ފުރިހަަމަ ކުރި އެވެ.

ދެ ވަނަ ޑިިވިޝަންގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ބުރު ސްޕޯޓްސް ކްލަބްގެ ކީޕަރު ކޯޗު، އަހުސަން (ކ) އާއި އެ ޓީމުގެ ހެޑް ކޯޗަކަށް ހުރި އާފިއު.
ފުޓްބޯޅަ އެނަލިސްޓެއްގެ ގޮތުގައި ވެސް މި އަހަރު މަސައްކަތް ފެށި، އަހުސަން ވަނީ މިހާރު، އޭއެފްސީ ގޯލްކީޕަރު ކޯޗިން ކޯހުގެ ސީ ލައިސަންސް އާއި ބީ ލައިސަންސް ވެސް ހާސިލްކޮށްފަ އެވެ. އެ ގޮތުން، ސީ ލައިސަންސް ނެގީ ބަންގްލަދޭޝްގައި ބޭއްވި ކޯހެއްގަ އެވެ. އަދި ބީ ލައިސަންސް ހާސިލްކުރީ ދާދި ފަހުން މެލޭޝިއާގައި ބޭއްވި ކޯހެއްގައި ބައިވެރިވެގެންނެވެ.
މީގެ އިތުރުން ވެސް އަހުސަން އަމިއްލަ އަށް ވިސްނައިގެން ބައިނަލްއަގުވާމީ ލެވަލްގެ ހުނަރުވެރި ގޯލްކީިޕަރު ކޯޗުން ބައިވެރިވާ ކޮންފަރެންސްތަކަށް ވެސް ގޮސްފައިވެ އެވެ. އެ ގޮތުން، 2019 ވަނަ އަހަރު، އިނގިރޭސިވިލާތުގެ ރެޑިންގައި އެވޮލޫޝަން ގޯލްކީޕަރު ކޯޗިންގެ ފަރާތުން ކުރިއަށްގެންދިޔަ ނެޝަނަލް ގޯލްކީޕާ ކޮންފަރެންސްގައި އަހުސަން ވަނީ ބައިވެރިވެފަ އެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ ކޮންފަރެންސްގައި ބައިވެރިވި ގޯލްކީޕަރު ކޯޗުންނަށް ބަލާއިރު އިންގްލެންޑްގެ ކުރީގެ ކުޅުންތެރިޔާ އަދި ތަޖުރިބާކާރު ޓްރެއިނަރު އެރިކް ސްޓީލް، ޓޮޓެންހަމްގެ ކުރީގެ ކުޅުންތެރިޔާ އަދި އިނގިރޭސި ޔޫތު ޓީމުތަކުގައި މަސައްކަތްކުރަމުން އަންނަ ޓޯނީ ޕާކްސް އާއި ހަޑްސްފީލްޑް އާއި ވުލްވްސްގައި މަސައްކަތްކުރި ޕައުލް ކްލެމެންޓްސް އާއި އިންގްލެންޑް ގައުމީ ޓީމަށް ކުޅެފައިވާ، މިހާރު ކްރިސްޓަލް ޕެލަސްގެ ކީޕަރު ޖެކް ބަޓްލަންޑް ތަމްރީންކުރި ގޯލްކީޕަރު ކޯޗު އެންޑީ ކުއި އަދި ތަޖުރިބާކާރު ކޯޗު މާސެލޯ ބިއެލްސާއާ އެކު، ލީޑްސް ޔުނައިޓެޑްގެ ގޯލްކީޕަރު ޓްރެއިނަރަކަށް ހުރި މާކޯސް އަބަޑް އެވެ.
"އަސްލު މި ހެން މިދާ ކޯޗިން ކޮންފަރެންސްތަކާއި، ކޯސްތަކުގައި މި ދިމާވާ ޓްރެއިނަރުން ކޯޗުންގެ ފަރާތުން އެބަ ލިބޭ ވަރަށް މުހިންމު މައުލޫމާތު، އެނގިފައި ހުރި އެއްޗެއް އިތުރަށް ރަނގަޅު ކުރެވޭނެ ގޮތްތައް އެ މީހުން އެބަ ބުނެދޭ، މަސައްކަތް ކުރާއިރު މި ބަލަނީ އެއް ދުވަހަށް ވުރެ އަނެއް ދުވަސް ރަނގަޅުކުރަން، އެ ގޮތުގައި ކުރިއަށްދާއިރު، މި ލިބޭ ތައުލީމާއި ތަޖުރިބާ ވަރަށް މުހިންމު ރޯލެއް އެބަ ކުޅޭ، އެއީ މި ލިބޭ ކާމިޔާބީތަކުގެ އަސްލަކީ،" އަހުސަން ބުންޏެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލު މެޗަށް އަލިފުށީގައި ކުރިއަށްގެންދިޔަ ޓްރެއިނިންއެއްގެ ތެރެއިން ކީޕަރު ފައިސަލް (ކ) އަހުސަން (މ) އަދި ކީޕަރު ތޮލާކް.--- ފޮޓޯ: އަދަދު
މިހާތަނަށް އަހުސަން ވަނީ ރާއްޖޭގެ ލެވަލްގެ ގިނަ ގޯލްކީޕަރުންނާ އެކު، މަަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި ގައުމީ ޓީމުގެ ގޯލު ބަލަހައްޓައި، ތަފާތު ދެއްކި ކީޕަރުން ވެސް ހިމެނެ އެވެ. އަހުސަން، ޓްރެއިން ކުރާ ކޮންމެ ކީޕަރެއްގެ ފަރާތުން ލިބެނީ "ޕޮޒިޓިވް ފީޑްބެކް" އެވެ. އެއީ އަބަދުވެސް ކީޕަރުން ދަސްކުރަން ބޭނުންވާ އެއްޗެއް އޮޅުންފިލުވަން އޭނާ ހުރީ އެހީތެރިވެދޭން ތައްޔާރަށް ހުންނާތީކަން އަހުސަންގެ ވާހަކައިގައި ފާހަގަކުރި އެވެ. އެ ނޫން ގޮތަކަށް އޭނާ އަށް ލިބޭ ތައުލީމާއި ކާމިޔާބީތަކުގެ "އަސްލު ބޭނުން ނުފުއްދޭ" ކަމަށް އަހުސަން ގަބޫލުކުރެ އެވެ.
ކްލަބްތަކުގެ އިތުރުން އަހުސަން ވަނީ ގައުމީ ޖޫނިއާ ޓީމުތަކުގައި ވެސް މަސައްކަތް ކޮށްފަ އެވެ. އޭނާ މަސައްކަތް ކުރި ގައުމީ ޖޫނިއާ ޓީމުތަކަށް ބަލާއިރު، 2017 ވަނަ އަހަރު، 19 އަހަރުން ދަށުގެ ގައުމީ ޓީމުގައި އަހުސަން މަސައްކަތް ކުރި އެވެ. އޭގެ އެއް އަހަރު ފަހުން، 2018 ވަނަ އަހަރު، އަހުސަން ވަނީ 16 އަހަރުން ދަށުގެ ގައުމީ ޓީމުގައި މަސައްކަތް ކޮށްފަ އެވެ. އަދި 2018 އާއި 2019 ގައި އަހުސަން ފެނިފައިވަނީ ގައުމީ އަންހެން ޓީމުގެ ގޯލްކީޕަރު ކޯޗެއްގެ ގޮތުގަ އެވެ.
ކާމިޔާބު ހޯދުމަށް ބަލާއިރު، މިދިޔަ އަހަރުތަކުގައި އަހުސަނަށް ލިބުނު ތަޖުރިބާތަކުގެ އަލީގައި އޭނާ ހުރީ ކުރިއަށް ވިސްނައިގެންނެވެ. ބުރު ސްޕޯޓްސް ކްލަބްގެ ގޯލްކީޕަރު ކޯޗެއްގެ ގޮތުގައި މި ވަގުތު ހުރި އަހުސަން، އޭނާގެ ގޯލްކީޕަރު ކޯޗިންގައި ގަބޫލުކުރާ ހަމައަކީ ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފަން ޖެހޭނެ ކަމެވެ.












