ކޮޗީ، އިންޑިއާ (ޑިސެމްބަރު 24) - ދުނިޔޭގެ އެންމެ ފޯރިގަދަ ކްރިކެޓް ފްރެންޗައިސް މުބާރާތް، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ތާރީހުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ޝަރަފް އިންގްލެންޑުގެ އޯލްރައުންޑަރު، ސޭމް ކަރަން އަށް ލިބިއްޖެ އެވެ.
އައިޕީއެލްގެ 16 ވަނަ ސީޒަނަށް ޓީމުތަކަށް ކުޅުންތެރިން ގަތުމަށް ނީލަން (އޯކްޝަން) ބާއްވާފައިވަނީ އިއްޔެ އެވެ. ނީލަމުގައި ދުނިޔޭގެ އެކި ގައުމުތަކުގެ ކުޅުންތެރިންނަށް އައިޕީއެލްގެ އަށް ޓީމުން ވަނީ ބިޑުކޮށްފަ އެވެ.
އެ ގޮތުން ކުރިއަށްދިޔަ އައިޕީއެލްގެ ނީލަމުގައި ޕަންޖާބު ކިންގްސް އިން ވަނީ އައިޕީއެލްގެ ރެކޯޑެއް މުގުރާލާފަ އެވެ. އެއީ 18.50 ކްރޯޑް ރުޕީސް (2،239،591 ޑޮލަރު) އަށް އެ ޓީމުން ގަތް އިންގްލެންޑުގެ އޯލްރައުންޑާ ސެމް ކަރަން ވެފައިވަނީ އައިޕީއެލްގެ ތާރީހުގައި ޓީމަކުން ގަތް އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ. ކުރިން މި ރެކޯޑު އޮތީ މިދިޔަ ސީޒަންގެ ނީލަމުގައި ރާޖަސްތާން ރޯޔަލްސް އިން ގަތް ކްރިސް މޮރިސްގެ އަތުގަ އެވެ. އެ ފަހަރު ރާޖަސްތާން ޓީމުން ވަނީ ކްރިސް މޮރިސް އަށް 16.25 ކްރޯޑް ރުޕީސް (1،967،208 ޑޮލަރު) ހޭދަކޮށްފަ އެވެ.
މި އަހަރު ނިމުނު ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ސެމް ކަރަން ގަތުމަށް ޕަންޖާބާ އެކު އިތުރު ފަސް ޓީމަކުން ވާދަކުރި އެވެ. ސޭމް އަށް ފުރަތަމަ ބިޑުކުރި ދެ ޓީމަކީ މުމްބާއީ އިންޑިއަންސްއާ ރޯޔަލް ޗެލެންޖާސް ބެންގަލޫރެވެ. އޭގެ ފަހުން ރާޖަސްތާނުން ވެސް ބިޑުގެ ތެރެއަށް ވަނެވެ.
ވަކި ހިސާބަކުން ބެންގަލޫރުން ދޫކޮށްލި ނަމަވެސް ރާޖަސްތާނާއި މުމްބާއީ ޓީމުން އެއް ވާނެއްގައި ހިފެހެއްޓި އެވެ. ދެން ފެނުނީ ޗެންނާއީ ސުޕަ ކިންގްސް އާއި ލަކްނޯ ސުޕަ ޖަޔަންޓްސް އަދި ޕަންޖާބުން ވެސް ބިޑުކުރަން ފެށިތަނެވެ. ކުޅުންތެރިޔާގެ އަގު މަތިވަމުން ގޮސް އެންމެ ފަހުން ރެކޯޑު އަގަކާއިއެކު 24 އަހަރުގެ ސޭމް ގަތީ ޕަންޖާބުންނެވެ.
އަންނަ އަހަރުގެ އައިޕީއެލް ބިޑުގައި ދެ ވަނަ އަށް އެންމެ އަގުބޮޑުކޮށް ވިކުނު ކުޅުންތެރިޔަކީ އޮސްޓްރޭލިއާގެ ކެމެރޮން ގްރީން އެވެ. މުމްބާއީ ޓީމުން ވަނީ 17.5 ކްރޯޑް ރުޕީސް (2،118،532 ޑޮލަރު) އަށް ގްރީން ގަނެފަ އެވެ.
އިންޑިއާ ކުޅުންތެރިންގެ ތެރެއިން އެންމެ އަގުބޮޑުކޮށް ވިކުނު ކުޅުންތެރިއަކީ 8.25 ކްރޯޑް ރުޕީސް (998،736 ޑޮލަރު) އަށް ވިކުނު މަޔަންކް އަގަރްވާލް އެވެ. އޭނާ ގަތީ ސަންރައިޒާސް ޓީމުންނެވެ. މީގެ އިތުރުން ކުރިން އައިޕީއެލްގައި ނުކުޅޭ ކުޅުންތެރިންގެ ތެރެއިން ޝީވަމް މާވީ އަށް ގުޖުރާތު ޓައިޓަންސް ޓީމުން 6 ކްރޯޑު ހޭދަކުރި އެވެ.
އައިޕީއެލްގައި މި ފަހަރު ވިކުނު އެހެން ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާއިރު ޗެންނާއީ ޓީމުން އިންގްލެންޑްގެ ބެން ސްޓޯކްސް ގަތީ 16.25 ކްރޯޑް (1،967،208 ޑޮލަރު) އަށެވެ. 16 ކްރޯޑު ރުޕީސް (1،936،943 ޑޮލަރު)އާ އެކު އައިޕީއެލްގެ އެންމެ އަގުބޮޑު ވިކެޓްކީޕަރުގެ ގޮތުގައި ނިކޮލަސް ޕޫރަން ގަތީ ލަންކޯ ޓީމުންނެވެ. މީގެ އިތުރުން އުއްމީދީ ކްރިކެޓަރު ހެރީ ބްރޫކަށް ސަންރައިޒާސް ހައިދްރާބާދު ޓީމުން 13.25 ކްރޯޑު ރުޕީސް ( 1،604،031 ޑޮލަރު) ހޭދަކުރި އެވެ.
މި ފަހަރުގެ އައިޕީއެލްގައި އެންމެ އަގުބޮޑުކޮށް ވިކުނު ކުޅުންތެރިންގެ ތެރޭގައި އިންގްލެންޑުގެ ގައުމީ ޓީމުގެ ކުޅުންތެރިން ގިނަ އެވެ. ސަބަބަކީ އެންމެ ފަހުގެ ޓީ20 ވޯލްޑް ކަޕްގައި އެޓީމުގެ ކުޅުންތެރިން ދެއްކި މޮޅު ކުޅުމެވެ.
އަންނަ މާޗް މަހު ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން ޕްރިމއާ ލީގުގެ ނީލަމުގައި މިފަހަރު 405 ކުޅުންތެރިން ޓީމްތަކުން ގަތުމަށް ހުޅުވާލި އެވެ. ޓީމްތަކުގެ ސްކޮޑުތަކަށް ނީލަމުން ގަނެވޭނީ 87 ކުޅުންތެރިންނެވެ. ސަބަބަކީ ކޮންމެ ޓީމެއްގައިވެސް މިދިޔަ އަހަރު ކުޅުންތެރިންގެ ތެރެއިން ދޫކޮށްނުލާ ކުޅުންތެރިން ތިބުމެވެ.












