ބަދަލު ހިފުމުގެ ގޮތުން ކަމަށް ބުނެ އިންޑިއާ އެމްބަސީގައި ހުޅުޖަހަން އައްބާސް އާދިލް ރިޒާ ގޮވާލި މައްސަލަ ސަރުކާރުން ތަހުގީގު ކުރާނެ ކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދެއްވައިފި އެވެ.
ސަރުކާރުގެ އިސް މަގާމުތަކެއް ފުރާފައިވާ އައްބާސް އިއްޔެ ދެއްކި ވާހަކައާ ގުޅިގެން ސޯޝަލް މީޑިއާ އެޕްލިކޭޝަން ޓުވިޓާގައި މާރިޔާ މިއަދު ލިޔުއްވި މެސެޖެއްގައި ބުނެފައި ވަނީ "އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލުމަކީ ޓެރަރިޒަމްގެ އަމަލެއް" ކަމަށާއި އެކަން "ހަރުކަށިކޮށް ކުށްވެރިކުރާ" ކަމަށެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޒީރޯ ޓޮލެރަންސް އޮން ޓެރަރިޒަމް ތަންފީޒު ކުރެވޭނެ. އިންޑިއާއަކީ އަޅުގަނޑުމެންގެ ތަރައްގީގެ އެންމެ ގާތް ގައުމު އަދި ދިވެހިންގެ ތަރައްގީއަށް ހުރަސްއަޅަން ކުރާ އެއްވެސް ކަމެއް ބަލައެއްނުގަނެވޭނެ،" މާރިޔާ ވިދާޅުވެފައިވެ އެވެ.
އައްބާސްއަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެ ތަރުޖަމާނުގެ މަގާމުގައި ހުރި މީހެކެވެ. ފައިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ވެސް ވަހީދުގެ ވެރިކަމުގައި އައްބާސް ހުރި އެވެ. އަދި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމާއި މެލޭޝިޔާގައި ހުންނަ ސަރުކާރުގެ ޓްރޭޑް ރެޕްރެޒެންޓިވްގެ މަގާމު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފުރި އެވެ. އައްބާސްގެ ލިންކްޑްއިން ޕްރޮފައިލްގައިވާ ގޮތުން އޭނާއަކީ މިހާރު މާލޭގައި ހިންގާ ކޮލެޖެއްގެ ލެޗްޗަރާއެކެވެ.
އިންޑިއާ އެމްބަސީގައި ހުޅުޖަހަން އައްބާސް ގޮވާލީ، ސިފައިންނާއި ފުލުހުން ހިންގި މިއުޓިނީއެއްގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ފެބްރުއަރީ، 2012، ގައި އިސްތިއުފާ ދެއްވުމާ ވިދިގެން ހިނގި ހަމަނުޖެހުންތަކުގައި އައްޑޫގައި ބަޔަކު ހުޅުޖެހި މައްސަލައިގެ ބަދަލެއްގެ ގޮތުގައި ކަމަށް ބުނެ އެވެ.

އައްބާސް ކުށްވެރިކޮށް، އޭނާގެ މައްސަލަ ބެލުމަށް ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓުން ވަނީ ގޮވާލައިފަ އެވެ. އޭގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް ވެސް ވަނީ އައްބާސް ކުށްވެރިކޮށްފަ އެވެ.












