އަންނަ އަހަރުގެ ފުރަތަމަ އިންޓޭކަށް ފޯމު ހުށަހެލުމަށް ހުޅުވާލި މުއްދަތު ވިލާ ކޮލެޖުން އިތުރު ކޮށްފި އެވެ.
އަންނަ މަހު ކިޔެވުން ފަށާ އިންޓޭކުގައި ތަފާތު ދާއިރާތަކުން ސެޓިފިކެޓު ލެވެލް އެކަކުން ފެށިގެން މާސްޓާސް ޑިގުރީއާ ހަމައަށް ކިޔެވޭ ޖުމްލަ 139 ކޯހެއްގައި ބައިވެރިވުމަށް ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީހެއްގެ ގޮތުގައި މީގެ ކުރިން ކަނޑައަޅާފައި އޮތީ ޖެނުއަރީ، 16، އެވެ. ނަމަވެސް ގިނަ ދަރިވަރުންނަށް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން މިހާރު ވަނީ އެ މުއްދަތު ޖެނުއަރީ، 31، އާ ހަމައަށް އިތުރުކޮށްފަ އެވެ.
ވިލާ ކޮލެޖުގެ ޖެނުއަރީ އިންޓޭކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އެ ކޮލެޖުން ހުޅުވާލީ ހުސްވި މަހު އަށްވަނަ ދުވަހު އެވެ. އެ އިންޓޭކުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި މާސްޓާސް ފެންވަރުގެ 16 ކޯހަކާއި، ޕޯސްޓު ގުރެޖުއޭޓު ޑިޕްލޮމާ/ސެޓިފިކެޓު ފެންވަރުގެ ނުވަ ކޯހަކާއި، ޑިގުރީ ފެންވަރުގެ 38 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 29 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 17 ކޯހަކާއި އަދި ސެޓިފިކެޓު ތިނެއް ފެންވަރުގެ 16 ކޯހަކާއި ސެޓިފިކެޓު ލެވެލް ދޭއްގެ އެއް ކޯސް ހިމެނެ އެވެ.
ހަމަ އެއާއެކު އޭސީސީއޭގެ ނޮލެޖު ލެވެލްއާއި، ސްކިލް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލްގެ އިތުރުން، އޭސީސީއޭ ކިޔަވާ ދަރިވަރުންނަށް ހާއްސަ، އޭސީސީއޭ އެކްސެލެރޭޓު އަދި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރުކްސް ޔުނިވަރސިޓީގެ ބީއެސްސީ (އޮނާސް) އިން އެޕްލައިޑް އެކައުންޓިން ކޯހަށް ވަނުމުގެ ފުރުސަތު ވެސް ކުރިއަށް އޮތް ޖެނުއަރީ އިންޓޭކަށް ވަނީ ހުޅުވާލާފަ އެވެ.
އަދި ޗާޓަޑް އިންސްޓިޓިއުޓު އޮފް މެނޭޖްމަންޓު އެކައުންޓެންޓްސް (ސީމާ) ގެ ސެޓްފިކެޓް ލެވެލްއާއި، އޮޕްރޭޝަންސް ލެވެލްއާއި، މެނޭޖްމަންޓް ލެވެލް އަދި ސްޓްރެޓިޖިކް ލެވެލްގެ އިތުރުން ސެޓިފައިޑް އެކައުންޓިން ޓެކްނިޝަންގެ (ކެޓް) ލެވެލް އެކެއް، ދޭއް އަދި ތިނެއް ވެސް ކިޔަވައި ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ޖެނުއަރީ އިންޓޭކުގައި ހުޅުވާލެވޭ ކޯސްތަކުގެ ތެރޭގައި އޮންލައިންކޮށްނާއި ކިލާހަށް ހާޒިރުވެގެން ކިޔެވޭ ކޯސްތައް ހިމެނެ އެވެ.
ޖެނުއަރީ 2023 އަށް ހުޅުވާލެވުނު ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އިނގިރޭސިވިލާތުގެ މަޝްހޫރު ޔުނިވަރސިޓީ، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ މާސްޓާސް އަދި ފުރަތަމަ ޑިގުރީގެ ކޯސްތައް ހިމެނެ އެވެ. އަދި މި ކޯސްތަކަކީ އެ ދާއިރާތަކުގެ އެންމެ ފުންނާބު އުސް މާހިރުންގެ އިތުރުން، އެކި ސިނާއަތްތައް ގަބޫލުކުރާ މިންގަނޑުތަކަށް ފެތޭ، ދަރިވަރުން ވަޒީފާގެ މައިދާނަށް އެންމެ ފުރިހަމައަށް ތައްޔާރުކޮށްދެވޭނެ ގޮތަށް ފަރުމާ ކުރެވިގެން ހިންގޭ ކޯސްތަކެއް ކަމަށް ވިލާ ކޮލެޖުން ބުނެ އެވެ.
ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކިއުއައި ކެމްޕަހުގެ އިތުރުން ވިލާ ކޮލެޖުގެ ނައިފަރު ކެމްޕަހާއި، ލ. ގަމު ކެމްޕަހާއި، މަހިބަދޫ ކެމްޕަހާއި ވިލާކޮލެޖުގެ ހިތަދޫ ކެމްޕަހާއި ކުޅުދުއްފުށީ ކެމްޕަހުގައި ވެސް އަންނަ އަހަރުގެ ޖެނުއަރީގައި ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ މަގުސަދުގައި ދަރިވަރުންނަށް މަހުންމަހަށް ބަހާލައިގެން ފީ ދެއްކޭނެ ގޮތް ވެސް އެ ކޮލެޖުން ވަނީ އިންތިޒާމުކޮށްފަ އެވެ. މީގެ އިތުރުން ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގުރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ބެޗްލާސް ޑިގުރީ ޕްރޮގްރާމްތަކަށް ކިޔެވޭނެ ކަމަށް އެ ކޮލެޖުން ބުނެ އެވެ.











