ފްރާންސް ބަލިކޮށް މެސީގެ އާޖެންޓީނާ ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދައިފި

Dec 18, 2022, 5:56 PM
ފްރާންސް ބަލިކޮށް މެސީގެ އާޖެންޓީނާ ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދައިފި

ދޯހާ، ގަތަރު (ޑިސެމްބަރު 18) - ފީފާ ވޯލްޑް ކަޕްގެ ތަށި ދިފާއުކުރަން ނުކުތް، ފްރާންސް ޕެނަލްޓީ ޖަހައިގެން ބަލިކޮށް ލިއޮނަލް މެސީގެ އާޖެންޓީނާ އިން ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މެޗުގެ ފުރިހަމަ ވަގުތު (90 މިނިޓް) ހަމަވިއިރު، ދެ ޓީމު 2-2 އިން އެއްވަރުވެފައި އޮތްއިރު، އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ދެ ޓީމުން ވެސް ގޯލު ޖަހައި ޕެނަލްޓީ އަށް ދިޔައީ ދެ ޓީމު 3-3 އިން އެއްވަރުވެގެންނެވެ. ޕެނަލްޓީގައި އާޖެންޓީނާ މޮޅުވީ 4-2 އިންނެވެ.

މިއީ އާޖެންޓީނާ އިން ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދި ތިން ވަނަ ފަހަރެވެ. އެ ޓީމުން އެންމެ ފަހުން ވޯލްޑް ކަޕެއް ކާމިޔާބުކުރީ 1986 ވަަނަ އަހަރު އެވެ. އޭގެ ކުރިން، 1978 ވަނަ އަހަރު ޗެމްޕިއަންކަން ހޯދި އެވެ.

އާޖެންޓީނާ އިން މިރޭގެ މެޗަށް ނުކުތްއިރު ޓީމުގެ ފުރަތަމަ އެގާރައިން ވަނީ އަންހެލް ޑި މާރިއާ އަށް ފުރުސަތު ދީފަ އެވެ. އަނިޔާގެ ސަބަބުން އެންމެ ފަހުން މެޗުތަކުގައި ޑި މާރިއާ އަށް އަނިޔާވެގެން ކުޅެވޭ ގޮތެއްނުވި އެވެ. އާޖެންޓީނާ އިން ވަނީ ފަހު ވަގުތު ފުރަތަމަ އެގާރަ އަށް އެހެން ބަދަލެއް ވެސް ގެެނެސްފަ އެވެ. މާކޯސް އަކޫނިއާގެ ބަދަލުގައި ނިކޮލަސް ޓަގްލިއަފިކޯ ވަނީ ހިމަނައިފަ އެވެ.

ލުސައިލް އައިކޮނިކް ސްޓޭޑިއަމްގައި ކުޅުނު މިރޭގެ ފައިނަލުގައި އާޖެންޓީނާ އިން ވަނީ 23 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މިއީ ޑި މާރިއާ އަށް އޭރިއާތެރެއިން ފްރާންސްގެ އޮސްމާން ޑެމްބެލޭ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. މި ޕެނަލްޓީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި މެސީ ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ.

މެސީ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ: މެސީ ވަނީ ފައިނަލުގައި ޖެހި ގޯލުތަކާ އެކު ރެކޯޑެއް ހަދައިފައި.

މެސީ އަކީ ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖާއި ގަދަ 16 ބުރާއި ކުއާޓާ ފައިނަލް އަދި ސެމީ ފައިނަލްގެ އިތުރުން ފައިނަލުގައި ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. އަނެއްކޮޅުން އުމުރުން 35 އަހަރުގެ މެސީ އަށް މިރޭ އިތުރު ރެކޯޑެއް ވަނީ ލިބިފަ އެވެ. އެއީ ވޯލްޑް ކަޕްގެ ހުރިހާ މުބާރާތެއްގައި 26 ވަނަ މެޗުގައި ކުޅެ، ވޯލްޑް ކަޕެއްގެ އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑެވެ.

ފްރާންސުން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް، އާޖެންޓީނާ އިން ވަނީ 36 ވަނަ މިނިޓްގައި ދެ ވަނަ ގޯލު ޖަހައިފަ އެވެ. މިއީ ރޮޑްރީގޯ ޑެ ޕޯލް އާއި މެސީ ގުޅިގެން ކުރި ޕާސްތަކެއްގައި ކުރިއަށް ކުޅުނު ބޯޅައެއްގައި އަލެކްސިސް މެކަލިސްޓާ ޖައްސާލި ބޯޅައަކަށް އޭރިއާތެރެއިން އަރައި، ޑި މާރިއާ ޖެހި ގޯލެކެވެ. މިއީ މުބާރާތުގައި ފެނިގެންދިޔަ އެންމެ މޮޅު އެއް ޓީމު ގޯލެވެެ. ޑި މާރިއާ އަކީ އާޖެންޓީނާ އަށް ފައިނަލުތަކުގައި ގޯލު ޖެހުމުގައި ރަނގަޅު ރެކޯޑެއް އޮތް ކުޅުންތެރިއެކެވެ.

ފުރަތަމަ ހާފުގައި ފްރާންސްގެ ފަރާތުން އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ހާސްކޮށްލެވޭ ވަރުގެ އެއްވެސް ކަމެއް ނުކުރެވޭއިރު ހާފުގެ ފަހުކޮޅުގައި ދެ ބަދަލެއް ގެނަ އެވެ. ޑެމްބެލޭ އާއި އޮލިވިއޭ ޖިރޫގެ ބަދަލުގައި ކޯލޯ މުއާނީ އާއި މާކަސް ތުރާމް ވަނީ ކުޅެން އަރުވައިފަ އެވެ.

ފްރާންސް އިން ދެ ވަނަ ހާފް ކުޅުން ފަށައިގެން ފުރަތަމަ ހާފަށް ވުރެ ބޮޑަށް ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް ގޯލާ ނުރައްކާކޮށް ހަމަލާއެއް ފޮނުވާނުލެވުނެވެ. އެ ޓީމުގެ ފުރަތަމަ ޝޮޓް ފެނުނީ 70 ވަނަ މިނިޓްގަ އެވެ. އެމްބާޕޭ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ފްރާންސްގެ އެމްބާޕޭ ގޯލެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ: އެމްބާޕޭ ވަނީ މި މެޗުގައި ހެޓްރިކެއް ހަދާފައި.

ފަހު ވިއްސަކަށް މިނިޓަށް ފްރާންސް އިން ވަނީ ކިންގްސްލީ ކޯމަން އާއި އެޑުއާޑޯ ކަމަވިންގާ ކުޅެން އަރުވައިފަ އެވެ. އޭގެ ފަހުން ފްރާންސްގެ ކުުޅުން އަވަސްވެ، އާޖެންޓީނާގެ ފަހަތަށް ބާރު ބޮޑުވެފަ އެވެ. ނަތީޖާ އަކަށްވީ މެޗުގެ 80 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން އެމްބާޕޭ ގޯލު ޖަހައި ފްރާންސަށް އުންމީދެއް ހޯދައިދިނުމެވެ. މިއީ ކޯލޯ މުއާނީ އަށް އާޖެންޓީނާގެ ނިކޮލަސް އޮޓަމެންޑީ ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. ޕެނަލްޓީ ޖެހިތާ، މިނިޓެއް ތެރޭ އެމްބާޕޭ ވަނީ އިތުރު ގޯލެއް ޖަހައި، ފްރާންސަށް އެއްވަރުކޮށްދީފަ އެވެ. މިއީ އޭރިއާތެރެއިން ވެއްޓިގެންފައި ވޮލީ އަކުން އެމްބާޕޭ ޖެހި ގޯލެކެވެ. އެމްބާޕޭ މި ދެ ގޯލު ޖެހީ 90 ސިކުންތު ތެރޭގަ އެެވެ.

ދެ ޓީމު އެއްވަރުވެގެން އިތުރު ވަގުތުގެ ދެ ހާފް ކުޅުނުއިރު، އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އާޖެންޓީނާ އަށް ލަނޑު ޖަހައިދޭން ލަޓާރޯ މާޓީނޭޒް އަށް ދެ ފުރުސަތު ލިބުނުއިރު ވެސް ގޯލެއް ޖެހޭގޮތެއްނުވި އެވެ.

އެކަމަކު، އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި މެސީ ވަނީ އާޖެންޓީނާ މޮޅުކޮށްދިން ގޯލު ޖަހައިފަ އެވެ. އޭރިއާތެރެއިން ލަޓާރޯ ޖެހި ޝޮޓް ކީޕަރު ލޮރިސް އަތުގައި ޖެހިފައި މެސީ އަށް ލިބުނު ވަގުތު އޭނާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ލައިންސްމަން ފުރަތަމަ އޮފްސައިޑަށް ދިދަ ނެގި ނަމަވެސް ރެފްރީ ވަނީ ގޯލެއް ކަމަށް ނިންމައިފަ އެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ވެސް ނިންމީ އޮފްސައިޑް ނުވެ، މިއީ ގޯލެއް ކަމަށެވެ.

މެސީ އާޖެންޓީނާގެ ތިން ވަނަ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

އާޖެންޓީނާ އަށް މި ފަހަރު ވެސް ލީޑު ހިފަަހައްޓައި ނުލެވުނެވެ. އޭރިއާތެރެއިން އާޖެންޓީނާގެ ގޮންޒާލޯ މޮންޓިއެލް އަތުގައި ބޯޅަ ޖެހުމުން، ރެފްރީ ދިން ޕެނަލްޓީ، ކާމިޔާބުކޮށް އެމްބާޕޭ ވަނީ ހެޓްރިކް ހަދައި، ފްރާންސަށް އަނެއްކާ ވެސް އެއްވަރުކޮށްދީފަ އެވެ. މިއީ 1966 ވަނަ އަހަރަށް ފަހު ވޯލްޑް ކަޕެއްގެ ފައިނަލުގައި ހެޓްރިކެއް ފެނުނު ފުރަތަމަ ފަހަރެވެ. އެމްބާޕޭގެ ކުރިން ވޯލްޑް ކަޕެއްގެ ފައިނަލުގައި ހެޓްރިކް ހެދި ހަމައެކަނި ކުޅުންތެރިއަކީ އިންގްލެންޑްގެ ކުރީގެ ކުޅުންތެރިޔާ، ޖިއޯފް ހާސްޓް އެވެ.

އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ ފަހުކޮޅުގައި މޮޅުވާން ދެ ޓީމަށް ވެސް ފުރުސަތު ލިބުނެވެ. ހުސްކޮށް ލިބުނު ފުރުސަތުގައި ފްރާންސްގެ ކޯލޯ މުއާނީ އޭރިއާތެރެއިން ހުސްކޮށް އަރައި ޖެހި ބޯޅަ އާޖެންޓީނާގެ ކީޕަރު މާޓީނޭޒް ވަނީ މަތަކޮށްފަ އެވެ. އެ ބޯޅަ އެޓޭކަށް ބަދަލުކޮށްލައި، އާޖެންޓީނާގެ ލަޓާރޯ މާޓީނޭޒް ހުސް އަރައި ބޮލުން ޖެހި ބޯޅަ ދިޔައީ ބޭރަށެވެ.

ޕެނަލްޓީގައި އެންމެ ފުރަތަަމަ ފްރާންސްގެ އެމްބާޕޭ ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު މާޓީނޭޒް އަތުގައި ޖެހިފަ އެވެ. އާޖެންޓީނާގެ ފުރަތަަމަ ޕެނަލްޓީ މެސީ ތިރިތިރިން ގޯލަށް ފޮނުވާލި އެވެ. ފްރާންސްގެ ދެ ވަނަ ޕެނަލްޓީ ކޯމަން ޖެހިިއިރު، ކީޕަރު މާޓީނޭޒް ވަނީ މަތަކޮށްފަ އެވެ. އާޖެންޓީނާގެ ދެ ވަނަ ޕެނަލްޓީ ޕައޮލޯ ޑިބާލާ ވަނީ ގޯލުގެ މެދަށް ވައްދާލައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ.

ފްރާންސްގެ ތިން ވަނަ ޕެނަލްޓީ އައުރެލިން ޗުއަމެނީ ޖެހިއިރު ދިޔައީ ބޭރަށެެވެ. އާޖެންޓީނާގެ ތިން ވަނަ ޕެނަލްޓީ ލެއަންޑްރޯ ޕަރޭޑޭސް ވަނީ ގޯލަށް ވައްދާލައި، އެ ޓީމަށް އިތުބާރު ބޮޑުކޮށްދީފަ އެވެ. އާޖެންޓީނާގެ ހަތަރު ވަނަ ޕެނަލްޓީ ޖަހަންދިޔަ މޮންޓިއެލް ގޯލަށް ބޯޅަ ވައްދާލައި، އާޖެންޓީނާ އަށް ޗެމްޕިއަންކަން ހޯދައިދިނެވެ.

ފްރާންސް އިން 2006 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލުގައި ވަނީ އިޓަލީ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox