މޮރޮކޯ ބަލިކޮށް ކްރޮއޭޝިއާ އަށް ވޯލްޑް ކަޕްގެ ތިން ވަނަ

Dec 17, 2022, 5:40 PM
ކްރޮއޭޝިއާ ކުޅުންތެރިން ތިން ވަނަ ހޯދައި، މެޑަލާ އެކު އުފާފާޅުކުރަނީ.

ކްރޮއޭޝިއާ ކުޅުންތެރިން ތިން ވަނަ ހޯދައި، މެޑަލާ އެކު އުފާފާޅުކުރަނީ.

ދޯހާ، ގަތަރު (ޑިސެމްބަރު 17) - މޮރޮކޯ 2-1 އިން ބަލިކޮށް ކްރޮއޭޝިއާ އިން ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ހޯދައިފި އެވެ.

މިއީ ކްރޮއޭޝިއާ އިން ވޯލްޑް ކަޕްގެ ތިން ވަނަ ހޯދި ދެ ވަނަ ފަހަރެވެ. އެ ޓީމު 1998 ވަނަ އަހަރު ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް ކުޅުނު އިރުވެސް ވޯލްޑް ކަޕްގެ ތިން ވަނަ ހޯދި އެވެ. އޭގެ ފަހުން އެ ޓީމުން ވޯލްޑް ކަޕްގައި ހޯދި އެންމެ ބޮޑު ކާމިޔާބަކީ، އެންމެ ފަހުން ރަޝިއާގައި ބޭއްވި 2018ގެ ވޯލްޑް ކަޕްގެ ދެ ވަނަ ހޯދުމެވެ.

ކްރޮއޭޝިއާ އިން މި މެޗަށް ނެރުނު ފުރަތަމަ އެގާރައިގައި ޑޭޖާން ލޮވްރެން، މާސެލޯ ބޮރޮޒޮވިޗް، ބޯނާ ސޯސާ، ޖޯސިޕް ޖުރަނޮވިޗް އަދި މާރިއޯ ޕަސަލިޗް ހިމަނާފަ އެއް ނުވެ އެވެ. މޮރޮކޯ އަށް އަނިޔާގެ ސަބަބުން ކެޕްޓަން ރޮމައިން ސައިސް އާއި ނުސައިރު މަޒްރައޮއީ އަށް މި މެޗުގައި ނުކުޅެވުނެވެ.

ކްރޮއޭޝިއާ ގޯލު ޖެހުމަށް ފަހު އޯސިޗް އުފާފާޅުކުރަނީ.

މެޗު ފަށައިގެން މާ ގިނައިރުތަކެއް ނުވެ ކްރޮއޭޝިއާ އިން ލީޑު ނެގި އެވެ. ލިބުނު ހިލޭ ޖެހުމަކުން ހުރަސްވި ބޯޅަ އިވާން ޕެރިސިޗްގެ ބޮލުން ޖައްސާލުމުން ލިބުނީ ހުސްކޮށް ހުރި ޖޮސްކޯ ގްވާޑިއޯލް އަށެވެ. އޭނާ ވަނީ ބޮލުން ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލައި ކްރޮއޭޝިއާ އަށް ލީޑު ނަގައިދީފަ އެވެ.

ކްރޮއޭޝިއާ އިން ގޯލު ޖެހިތާ ދެ މިނެޓު ފަހުން މޮރޮކޯ އިން ނަތީޖާ ހަމަހަމަކުރި އެވެ. މޮރޮކޯ އަށް ލިބުނު ހިލޭ ޖެހުމަކުން ނަގައިދިން ބޯޅަ ކްރޮއޭޝިއާ ލޮވްރޯ މާޔާ ބޮލުގައި ޖެހިފައި ލިބުނީ މޮރޮކޯގެ އަޝްރަފް ދާރީ އަށެވެ. ކީޕަރު ލިވަކޮވިޗަށް ފުރުސަތު ނުދީ ޑާރީ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލާފަ އެވެ. މިއީ ޑާރީ ގައުމީ ޓީމަށް ޖަހައިިދިން ފުރަތަމަ ގޯލެވެ.

މޮރޮކޯގެ ގޯލަށް ފަހު ކްރޮއޭޝިއާ އިން އަނެއްކާވެސް ލީޑު ނެގުމަށް ރަނގަޅު ދެ ފުރުސަތެއް ހޯދި އެވެ. އަރިމަތިން ޕެރިސިޗް ނަގައިދިން ހުރަސް އަންދްރޭ ކްރަމަރިޗް ފޮނުވާލުމުން ކީޕަރު ޔަސިން ބޯނޯ ދިފާއުކުރިއިރު، އޭރިއާ ބޭރުގައި ހުރެފައި މޮޑްރިޗް ތިރީ ކަނަށް ފޮނުވާލި ހަމަލާ ވެސް ކީޕަރު ބޯނޯ ދިފާއުކުރި އެވެ. މޮޑްރިޗްގެ ހަމަލާ އިން ކީޕަރު އަތުގައި ޖެހިފައި ނުކުތް ބޯޅަ ކްރަމަރިޗަށް ލިބުމުގެ ކުރިން ކީޕަރު ބޯނޯ އެ ބޯޅަ ސަލާމަތްކުރި އެވެ.

މެޗުގެ 29 ވަނަ މިނެޓުގައި މޮރޮކޯ އަށް ގޯލެއް ޖެހުމަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އަރިމަތިން އަޝްރަފް ހަކީމީ ބޯޅައާ އެކު ވަދެ ނަގައިދިން ހުރަސް ގޯލަށް ފޮނުވާނުލެވުނީ ފޯވާޑް ޔޫސުފް ނަސީރީ އަށް ތަންކޮޅެއް ކުރީގައި ހުރެވުމުންނެވެ. އޭގެ ފަހުން މޮރޮކޯގެ ސުފިއާން ބޫފަލް އަށް އެރިއާ ތެރެއިން ލިބުނު ބޯޅަ ގޯލަށް ފޮނުވާ ނުލެވުނީ ޑިފެންޑަރު ޖޯސިފް ސުޓާލޯ އެ ބޯޅަ ދިފާއުކުރުމުންނެވެ.

މޮރޮކޯގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ލިބުނު ކޯނަރަކުން މެޗުގެ 37 ވަނަ މިނެޓުގައި ވެސް މޮރޮކޯ އިން ނުރައްކާ ކުރި އެވެ. ހަކީމް ޒިޔެޗް ނަގައިދިން ހުރަހަށް އަރައި ނަސީރީ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑިކައިރިން ހުރަސް ވެގެންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ކްރޮއޭޝިއާ އިން ލީޑު ނެގީ މިސްލާވް އޯސިޗް ޖެހި ހިތްގައިމު ގޯލުންނެވެ. މޮރޮކޯގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މާކޯ ލިވާޔާ ދިން ބޯޅައަކުން އޯސިޗް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ކަނަށެވެ. އެ ބޯޅަ ގޯލަށް ގޯލުގެ މަތީޖާ ކަނަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ.

ދެ ވަނަ ހާފު ވެސް ކްރޮއޭޝިއާ އިން ފެށީ ވަރުގަދަ ކޮށެވެ. މި ހާފުގެ ފުރަތަމަ މިނެޓުގައި އޭރިއާ ބޭރުން އޯސިޗަށް ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ގޯލުގެ އަރިމަތީ ދާގަނޑަށް އަމާޒުވީ ކުރިމަތީގައި ހުރި ޑިފެންޑަރުގެ ގައިގައި ޖެހިފަ އެވެ.

މޮރޮކޯގެ ހަކީމީ (ވ) އަތުން ބޯޅަ ހޯދަން ކްރޮއޭޝިއާގެ ގްވާޑިއޯލް ޓެކަލްކުރަނީ.

ފުރަތަމަ ހާފާ ހިލާފަށް ދެ ވަނަ ހާފުގައި ދެ ޓީމަށް ގޯލު ޖަހާނެ މާ ގިނަ ފުރުސަތުތަކެއް ނުލިބެ އެވެ. ކްރޮއޭޝިއާ އިން މިހާފުގައި ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ މިޑްފިލްޑަރު މަޓިއޯ ކޮވަސިޗް އެވެ. ހުސްކޮށް އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ހަމަލާ ކޮވަސިޗް ފޮނުވާލުމުން ދިޔައީ ގޯލާ އަމާޒުނުވެ އެވެ.

މޮރޯކޯ އަށް ނަތީޖާ ހަމަހަމަކުރުމަށް މެޗުގެ 75 ވަނަ މިނެޓުގައި ރަނުގެ ފުރުސަތެއް ލިބުނެވެ. އަރިމަތިން ނެގި ހުރަސް ކޮންޓްރޯލްކުރުމަށް ފަހު ގޯލް އޭރިއާ ތެރޭގައި ހުސްކޮށް ހުރި ނަސީރީ ފޮނުވާލުމުން ކީޕަރު ޑޮމިނިކް ލިވަކޮވިޗް އެބޯޅަ ދިފާއުކުރި އެވެ. އޭގެ ފަހުން މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި އަތިއަތަލާ ނަގައިދިން ހުރަހުން ނަސީރީ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މާދަމާ އެވެ. މާދަމާ ރޭ ރާއްޖެ ގަޑިން 8 ޖަހާއިރު ކުޅޭ މެޗުގައި ވާދަކުރާނީ އާޖެންޓީނާ އާއި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox