ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ކޯލް ސެންޓަރު ފުވައްމުލަކަށް ބަދަލުކޮށްފި އެވެ.
ޖުމްލަ ތޭރަ މުވައްޒަފުންނާއެކު އެ ސެންޓަރުގެ ހިދުމަތް ރަސްމީކޮށް ފެށީ މިއަދެވެ. މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، އައިޝަތު ޖެނިފާ ވިދާޅުވީ މި ބަދަލާ އެކު މަހަކު 8000 ކޯލަށް ޖަވާބު ދެވޭނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އަލަށް ހުޅުވި މި ކޯލް ސެންޓަރާ އެކު ފުވައްމުލަކު ރައްޔިތުންނަށާއި އެރަށުގެ ތަރައްގީއަށް ވެސް ބޮޑެތި ފައިދާތަކެއް ވާނެ ކަމަށެވެ. އެގޮތުން ރަށުގައި ތިބެގެން ވަޒީފާ އަދާ ކުރަން ބޭނުންވާ ފަރާތްތަކަށް މޯލްޑިވިއަންގެ ކޯލް ސެންޓަރުގެ ސަބަބުން އެ ފުރުސަތު ފަހި ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަސްމީކޮށް އެ އެއާލައިންގެ ކޯލް ސެންޓަރު ފުވައްމުލަކަށް ބަދަލުވެފައިވާއިރު، އެ އެއާލައިންއަށް ގުޅޭ ފޯނު ނަންބަރު ވެސް ވަނީ ބަދަލުވެފަ އެވެ. އެގޮތުން މިހާރު އެ އެއާލައިންއާ ގުޅޭނެ ޝޯޓު ކޯޑަކީ 1671 އެކެވެ.
އައިލެންޑު އޭވިއޭޝަންގެ ނަމުގައި 2000 ވަނަ އަހަރު އުފެއްދި އެ ކުންފުނި މޯލްޑިވިއަންގެ ނަމަށް ރީބްރޭންޑު ކުރީ 2008 ވަަނަ އަހަރެވެ. މޯލްޑިވިއަން އިން ވަނީ އެ ކުންފުނީގެ މަތިންދާ ބޯޓު ފުލީޓަށް 2010، ވަނަ އަހަރު ދެ ޖެޓު އެއާ ކުރާފްޓު އިތުރުކޮށް އެ ކުންފުނިން ދެމުން އައި ހިދުމަތް ފުޅާކޮށްފަ އެވެ.
ކުރިއަށް އޮތް ތަނުގައި ވެސް އެ ކުންފުނިން ދެމުން ގެންދާ ހިދުމަތްތައް އިތުރަށް ފުޅާކޮށް ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ލުއި ފަސޭހަތައް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.











