ރިޕޯޓުސުލުހައިގެ މަޝްވަރާ އާއި ވާދަވެރި ޕްރައިމަރީ

ސުލުހައިގެ މަޝްވަރާ އާއި ވާދަވެރި ޕްރައިމަރީ

ދެ ލީޑަރުން ސުލުހަ ކުރުމުގެ ވާހަކަތަކެއް ދެކެވޭ ކަމަށް އެ ދެ ފެކްޝަނުން ރަސްމީކޮށް ބުނަން ބޭނުން ނުވިޔަސް، އެއީ ހިނގަމުން އަންނަ ކަމެއް. އަދި ދެ ފެކްޝަނުން ވެސް ދަނީ ޕްރައިމަރީއަށް ވަރުގަދައަށް ތައްޔާރުވަމުން.

އޯގަސްޓް މަހު ބޭއްވި އެމްޑީޕީގެ ކޮންގްރެސްގެ ހަރަކާތެއްގެ ތެރޭގައި ރައީސް ސޯލިހާއި ނަޝީދު އިސްދަށަށް ޖައްސަވައިގެން ހިންގަވާފައި ވަޑައިގަންނަވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
އޯގަސްޓް މަހު ބޭއްވި އެމްޑީޕީގެ ކޮންގްރެސްގެ ހަރަކާތެއްގެ ތެރޭގައި ރައީސް ސޯލިހާއި ނަޝީދު އިސްދަށަށް ޖައްސަވައިގެން ހިންގަވާފައި ވަޑައިގަންނަވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު "ސިޔާސީ ވާދަ" އޮތަސް، ދެ އެކުވެރިން އެކުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވައިފާނެތޯ، މިއީ އަދިވެސް ގިނަ ބައެއް އުފައްދާ ސުވާލެކެވެ.

އެ ސުވާލު އުފެދެނީ، އަދި އުފައްދަނީ އެމްޑީޕީގެ މާޒީ ބުނެދީފައިވާ ވާހަކަތަކުގެ ސަބަބުންނެވެ. ސުވާލަށް ސާފު ޖަވާބެއް އެނގޭ މިންވަރަށް ކަންކަން ތިލަ ނުވިޔަސް، ހާމަވާން ހުރި ކަންކަން އެބަ ހުއްޓެވެ. ވާދަވެރި ޕްރައިމަރީއެއްގެ ކޮޅުމަތި ދައްކާލާފައިވާއިރު، އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުން "ސުލްހަ" ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.

އިއުލާނު ކުރުން ފަސްކޮށްފައިވާ އެމްޑީޕީގެ ޕްރައިމަރީ އެންމެ ލަސްވެގެން ޖެނުއަރީ މަސްތެރޭގައި ބާއްވާނެ ކަމަށް ދެ ފެކްޝަނުން ވެސް ގަބޫލުކުރެ އެވެ. އެހެންވެ، ސުލުހައިގެ ވާހަކަތައް ދެއްކިޔަސް، އެމްޑީޕީގެ އެންމެ ވާދަވެރި ޕްރައިމަރީ އަށް ދެ ފެކްޝަނުން ވެސް ދަނީ ތައްޔާރުވަމުންނެވެ.

ފޮޓޯ އާންމުކުރި ބައްދަލުވުން

ފޮޓޯ އާންމުނުކުރާ އެތައް ބައްދަލުވުންތަކަށް ފަހު ނަޝީދުގެ ޓީމުން ރޭ ވަނީ ބައްދަލުވުމެއްގެ ފޮޓޯ އާންމުކޮށްލައިފަ އެވެ. އެ ބައްދަލުވުމުގެ ފޮޓޯތަކުން ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ، ވިލުފުށީ ދާއިރާގެ މެމްބަރު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ، އަދި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ފެނެ އެވެ.

މޫކައި ސްވިޓުގައި ރޭ ބޭއްވި ނަޝީދުގެ ޕްރައިމަރީއާ ގުޅޭ ބައްދަލުވުން.
މޫކައި ސްވިޓުގައި ރޭ ބޭއްވި ނަޝީދުގެ ޕްރައިމަރީއާ ގުޅޭ ބައްދަލުވުން.

މޫކައި ސްވިޓުގައި ރޭ ބޭއްވި ނަޝީދުގެ ޕްރައިމަރީއާ ގުޅޭ ބައްދަލުވުން.

މޫކައި ސްވީޓުގައި ބޭއްވި ބައްދަލުވުމުގެ ދައުވަތުގައި ލިޔެފައި ވަނީ ރައީސް ނަޝީދުގެ ޕްރައިމަރީގެ ތައްޔާރީތަކާ ގުޅޭ މުހިންމު ބައްދަލުވުމަކަށް ވަޑައިގެން ދެއްވުން އެދޭ ކަމަށެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވިދާޅުވީ ނަޝީދު ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށެވެ. އެ ބައްދަލުވުމުގައި ނަޝީދު ބައިވެރިވެވަޑައިނުގަންނަވަ އެވެ.

"ކުރިއަށް އޮތްތަނުގައި ރައީސް ނަޝީދުގެ ސްޓައިލްގައި، އެމްޑީޕީގެ ސްޓައިލްގައި ކެމްޕޭނުތައް ވެސް ފެނިގެންދާނެ. އެކި ދާއިރާތަކުގެ ފަރާތްތަކާ މިދަނީ ބައްދަލުވެ ކަންކަން ރާވަމުން. ޕްރައިމަރީގައި ރައީސް [ނަޝީދު] ވާދަކުރައްވާނެ،" ފެށުނީއްސުރެ ވެސް ނަޝީދުގެ ފިކުރަށް ތާއިދު ކުރައްވާ އެ މެމްބަރު ވިދާޅުވި އެވެ.

ޕްރައިމަރީއަށް ރައީސް ސޯލިހުގެ ޓީމު ރުކުރުވާލާފައިވާއިރު، ނަޝީދުގެ ޓީމުތައް ވެސް އަތޮޅުތަކަށް ފޮނުވައިގެން ހަރަކާތްތައް ވަނީ ފަށައިފަ އެވެ.

ނަމަވެސް، މި މަހު 1 ގައި ބޭއްވި އާސްކް ސްޕީކާ ޕްރޮގްރާމުގައި އެ މަނިކުފާނު ވިދާޅުވީ ދައުލަތް ހިންގުމުގެ ނިޒާމު ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސް، އެމްޑީޕީގެ ޕްރައިމަރީއެއްގެ ވާހަކަ ދައްކައިގެން ވެސް ނުވާނެ ކަމަށެވެ.

"ހަގީގަތުގައި ރިޔާސީ ޕްރައިމަރީއެއްގެ ވާހަކަ ނުދެއްކޭނެ ފެންނަ ނުފެންނަ ވޯޓެއް ނުނަގައި. [މެނިފެސްޓޯގެ] މި ވައުދު ނުފުއްދައި، ރިޔާސީ ޕްރައިމަރީއަކަށް މިސްރާބު ޖެހުމަކީ ރަނގަޅު ކަމެއް ނޫން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރަން ނަޝީދު ބޭނުންފުޅުވާއިރު، އެކަމަށް ރައީސް ސޯލިހު ތާއިދެއް ނުކުރައްވަ އެވެ.

ދެ ލީޑަރުން ސުލްހަ ކުރުމުގެ ވާހަކަތަކެއް ދެކެވޭ ކަމަށް އެ ދެ ފެކްޝަނުން ރަސްމީކޮށް ބުނަން ބޭނުން ނުވިޔަސް، އެއީ ހިނގަމުން އަންނަ ކަމެކެވެ.

"މަޝްވަރާތައް ކުރިއަށް ދަނީ އެކަމަށް [ނިޒާމީ ވޯޓާ ގުޅޭ ގޮތުން] ހައްލެއް ހޯދައިގެން އެމްޑީޕީގެ ކުރިމަގަށް ރަނގަޅު ގޮތެއް ހޯދަން. ނަމަވެސް އަދި ހައްލެއް ނުހޯދޭ،" އެމްޑީޕީގެ އިސް މެމްބަރަކު ވިދާޅުވި އެވެ.

މާޒީ ކުރަހައިދޭ މަންޒަރު

ސިޔާސީ ޕާޓީތައް އުފެއްދުމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި ދިން ހުއްދައާއެކު އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީ، އެމްޑީޕީގެ އެތެރޭގެ ކޯޅުން އަބަދުވެސް އޮވެ އެވެ. މީގެ ކުރިން ހުރިހާ ކަމެއް ނިމިފައި އޮތީ ނަޝީދު ބޭނުންފުޅުވާ ގޮތަށެވެ. ނަމަވެސް އެކުވެރިޔާ ވެރިކަމަށް ވަޑައިގަތުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އާއި ގައުމީ މަޖިލީހުގެ އިންތިހާބާއި ޗެއާޕާސަންގެ އިންތިހާބު ކާމިޔާބުކުރީ ރައީސް ސޯލިހުގެ ފަޅިންނެވެ. އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި ވެސް ނަޝީދު ބޭނުންފުޅުވި ގޮތެއް ނުވި އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރަން ނަޝީދު ހުށަހެޅުއްވި ގަރާރަށް ފަހުން މަޝްވަރާ ކުރެއްވުމަށްޓަކައި އެ ހުށަހެޅުން އަނބުރާ ގެންދެވުމަށް ފަހު، ހީސަމާސާ ކޮށްލާ މަންޒަރުގެ ފޮޓޯއެއް ނެގުމުގެ ފުރުސަތު ސްޓޭޖުމަތިން ދެ ލީޑަރުން ވެސް ދެއްވުމަށް ފަހު އެ މަޝްވަރާތަކެއް ރަނގަޅަށް ނުހިނގަ އެވެ.

ގަރާރު އަނބުރާ ގެންދަވަން ނަޝީދު ނިންމެވުމާ ގުޅިގެން ރައީސް ސޯލިހު ވިދާޅުވީ މިހެންނެވެ؛

"...އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް ތަފާތު ވިސްނުންތަކާއި ފިކުރުތައް ހުންނާނެ މީހެއް, ސިޔާސީ ލީޑަރުންގެ ގޮތުގައި ތިބޭއިރު އަމިއްލައަށް ބޭނުންވާ ކަންތައްތަކެއް ހުރޭ. މި ހުރިހާ ކަމެއް އެއްކިބާކޮށް އަޅުގަނޑުމެން ޕާޓީއާއެކުގަ މި ގައުމާއެކު ކުރިއަށް ދާން ތިބިކަން މިއަދު ވެސް ހާމަވެގެން މި ދިޔައީ,"

އެމްޑީޕީގެ ކޮންގްރެސްގައި ރައީސް ސޯލިހާއި ނަޝީދު ސަލާމްކުރައްވަނީ. --ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
އެމްޑީޕީގެ ކޮންގްރެސްގައި ރައީސް ސޯލިހާއި ނަޝީދު ސަލާމްކުރައްވަނީ. --ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެމްޑީޕީގެ ކޮންގްރެސްގައި ރައީސް ސޯލިހާއި ނަޝީދު ސަލާމްކުރައްވަނީ. --ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މިފަދަ އެތައް ކަމެއް އެމްޑީޕީގެ މާޒީގައި ކުރަހައިދީފައި ވާއިރު، ދެ ލީޑަރުންގެ ވާދަވެރިކަމަށް ވެސް ހައްލެއް ހޯއްދަވާނެ ކަމަށް ޕާޓީގެ މެމްބަރުން ގަބޫލުކުރެ އެވެ.

ކުރިއަށް އޮތް އިންތިހާބު ކާމިޔާބު ކުރުމާއި ހިޔާލުތައް އެއްގޮތް ކުރުމަށް އަވަސްވެގަންނަން ޖެހޭ ކަމަށް، އޯގަސްޓް މަހު ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި ނަޝީދު ވިދާޅުވި އެވެ. އެ މަނިކުފާނުގެ އެ ދުވަހުގެ ވާހަކައިން ވެސް އެނގިގެން ދިޔައީ އެމްޑީޕީއަށް އެއް ހިޔާލަކަށް އާދެވޭނެ ކަމެވެ.

"...ޔަގީންކަން އަރުވަން ބޭނުން އެކުގައި ތިބެ އެއް ހިޔާލެއްގަ ތިބެ މި ކުރިއަށް އޮތް އިންތިހާބުގައި ކާމިޔާބު ކުރެވޭނެ," ނަޝީދު ވިދާޅުވި އެވެ. "އެތައް ޒަމާނެއް ވަންދެން ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތްކޮށް ދިނުމުގައި އަޅުގަނޑުމެންނަށް ތިބެވޭނެ,"

އެމްޑީޕީގެ މެމްބަރުންގެ އުއްމީދަކީ ވެސް އެއީ އެވެ. އެ ވިދާޅުވި ގޮތަށް ކަންކަން ގެންދިއުމުގެ ބާރު އެންމެ ބޮޑަށް އޮތީ ދެ ލީޑަރުންގެ އަތްޕުޅުގަ އެވެ.

ހުސެއިން ފިޔާޒް މޫސާ

އެޑިޓަރ އިން ޗީފް

ހުސެއިން ފިޔާޒު މޫސާ އަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ބްރޭންޑް ނަމެކެވެ. މި ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ފިޔާޒު ވަނީ ރާއްޖޭގެ ސިޔާސީ ދާއިރާގެ އެންމެ ހޫނު ގަދަ ދުވަސްތަކުގެ ދިލަ އިހުސާސްކޮށްފަ އެވެ. "މިއަދު"، "އާފަތިސް" އަދި "ހަވީރު" ގައި ނޫސްވެރިކަންކުރި ފިޔާޒު ވަނީ ރާއްޖެ ޓީވީގެ ސީއޯއޯގެ މަގާމް ވެސް ފުރައިފަ އެވެ. އެންމެ ފަހުން އަދާކުރީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމެވެ. ފިޔާޒު ވަނީ މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ ރަން ގަލަން ހާސިލްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox