ދޯހާ, ގަތަރު (ޑިސެމްބަރު 13) - ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި މިރޭ އާޖެންޓީނާ އާއި ކްރޮއޭޝިއާ ބައްދަލުކުރާއިރު، ޕްރެޝަރު ބޮޑުވާނީ އާޖެންޓީނާ އަށް ކަމަށް ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑާލިޗް ބުނެފި އެވެ.
ކްރޮއޭޝިއާ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރީ ދެކުނު އެމެރިކާގެ ފުޓްބޯޅައިގައި އާޖެންޓީނާއާ ވާދަވެރި ބްރެޒިލް އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ. މިއީ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ކްރޮއޭޝިއާ ޖެހިޖެހިގެން ވާދަކުރާ ދެ ވަނަ ފަހަރު އެވެ.
"ދުނިޔޭގެ އެންމެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނުމަކީ ވަރަށް ބޮޑު އުފަލެއް. އެކަމަކު މިއަށްވުރެ ބޮޑު ކާމިޔާބެއް އަހަރަމެން ބޭނުން،" މެޗުގެ ކުރިން ޑާލިޗް ބުންޏެވެ.
"ސެމީގައި އަހަރަމެންނާ ދެކޮޅަށް މި ނުކުންނަނީ ވަރުގަދަ އާޖެންޓީނާ. ތަފާތު ކުޅުންތެރިން ކަމަށްވާ ލިއޮނަލް މެސީ ލީޑު ކުރާ ޓީމު. އާޖެންޓީނާ އޮތީ ވަރަށް ރަނގަޅު މޯޓިވޭޝަނަކާ އެކު. އެކަމަކު، ކްރޮއޭޝިއާ އަށް ވުރެ މި ވަގުތު ޕްރެޝަރު ބޮޑުވާނީ އާޖެންޓީނާ އަށް،"
ޑާލިޗް އިރުޝާދުގެ ދަށުން 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕްގެ ފައިނަލަށް ކްރޮއޭޝިއާ ދަތުރުކުރި އެވެ.
މިއީ އާޖެންޓީނާ އާއި ކްރޮއޭޝިއާ ވޯލްޑް ކަޕްގައި ކުރިމަތިލާ ތިން ވަނަ ފަހަރު އެވެ. އެކަމަކު، ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗެއްގައި މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. މި ދެ ޓީމު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު މެޗު 1-0 އިން އާޖެންޓީނާ ކާމިޔާބުކުރިއިރު، 2018 ވަނަ އަހަރު ވޯލްޑް ކަޕްގައި ކުޅުނު މެޗު 3-0 އިން ކާމިޔާބުކުރީ ކްރޮއޭޝިއާ އެވެ.
ޑާލިޗް ބުނީ ކްރޮއޭޝިއާގެ ޓީމު އޮތީ އާޖެންޓީނާއާ ދެކޮޅަށް ކުޅެން ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށާއި އާޖެންޓީނާގެ ކުޅުން ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.
"އާޖެންޓީނާގެ މެޗުތައް ވަރަށް ރަނގަޅަށް އެނަލައިޒްކޮށްފިން. އަހަރަމެންނަށް އެނގޭ އާޖެންޓީނާގެ ކުޅުން. އަދި އެމީހުން މެޗު ގެންދަން ބޭނުންވާ ހިސާބު ވެސް. އަހަރަމެން މި ތިބީ އާޖެންޓީނާއާ ކުޅެން ތައްޔާރުވެގެން،" ޑާލިޗް ބުންޏެވެ.
"އަހަރަމެންނަށް އެނގޭ އާޖެންޓީނާގެ ރަނގަޅު ކަންތައްތަކާއި ބަލި ފައިތައް. އެކަމަކު އާޖެންޓީނާގެ ޓީމުގެ ކުޅުމަށް މާބޮޑަށް އަހަރެމެން ނުބަލާނަން. އަހަރަމެން ބަލާނީ އަހަރަމެންގެ ގޭމު ކުޅެން. އޭގެ ނަތީޖާ ނެރެވޭނެކަމުގެ އުންމީދު ބޮޑު."
އާޖެންޓީނާ އާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 00:00 ގަ އެވެ. --












