ދޯހާ (ޑިސެމްބަރު 13) - ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި މިރޭ ކްރޮއޭޝިއާއާ ދެކޮޅަށް އާޖެންޓީނާ ނުކުންނައިރު، އާޖެންޓީނާ އިން މި މެޗަށް ނުކުންނާނީ އުނދަގޫ މެޗެއްކަން ދަނެގެން ކަމަށް އެ ޓީމުގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފި އެވެ.
"އަހަރަމެން މި ބަލަނީ ސެމީ ފައިނަލަކީ ވަރަށް އުނދަގޫ މެޗަކަށް ވާނެ ކަމަށް. ކްރޮއޭޝިއާ އަކީ ވަރަށް ރަނގަޅު ޓީމެއް،" މިރޭގެ މެޗުގެ ކުރިން ސްކަލޯނީ ބުންޏެވެ.
"ކްރޮއޭޝިއާ އަކީ ރަނގަޅު ޓީމެއް. ޓީމެއްގެ ގޮތުގައި އެމީހުން ކުޅެނީ. މި މެޗަކީ އަހަރަމެންނަށް ބޮޑު ޗެލެންޖަކަށްވާނެ."
އާޖެންޓީނާ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ ޕެނަލްޓީ ޖަހައިގެން ނެދަލޭންޑްސް އަތުން މޮޅުވެގެންނެވެ. ކްރޮއޭޝިއާ ސެމީ އަށް ދަތުރުކުރީ މުބާރާތުގެ އެންމެ ބޮޑު ފޭވަރިޓްގެ ގޮތުގައި އޮތް ބްރެޒިލް އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެގެނެވެ.
ސްކަލޯނީ ބުނީ ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗަށް އާޖެންޓީނާގެ "ސްޓައިލް" ބަދަލެއް ނުކުރާނެ ކަމަށެވެ.
"ކްރޮއޭޝިއާ އިން ކޮންމެ މެޗެއް ވެސް ކުޅެނީ އެއް ސްޓައިލަކަށް. އަހަންނަށް ހިޔެއް ނުވޭ އެމީހުން ސްޓައިލް ބަދަލުކުރާނެހެނެއް. ކްރޮއޭޝިއާ ކުޅެނީ ޑިފެންސިވް ގޭމެއް ވެސް ނޫން އެޓޭކިން ގޭމެއް ވެސް ނޫން. ރަނގަޅު ކުޅުންތެރިން އެ ޓީމުގައި އެބަތިބި،" ސްކަލޯނީ ބުންޏެވެ.
"އަހަރަމެންގެ ސްޓައިލް ބަދަލެއް ނުކުރާނަން. އަހަރަމެން ކުޅޭ ސިސްޓަމާއި ސްޓައިލްގައި އަހަރަމެންނަށް ކުޅެނީ."
ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން ބަލިވި ނަމަވެސް، އެ މެޗުގެ ނަތީޖާ އަށް ފަހު އާޖެންޓީނާ އެނބުރި އައީ ވަރުގަދަ ކޮށެވެ.
ނެދަލޭންޑްސް އަތުން އާޖެންޓީނާ މޮޅުވި މެޗަކީ ވާދަވެރި މެޗެކެވެ. ދެ ޓީމުގެ ކުޅުންތެރިން ހޫނުވެ، ބޮޑެތި ޒުވާބުތަކާއި ކުރިމަތިލުންތައް ވެސް ދިޔައެވެ. އެ މެޗުގެ ތެރެއިން އަދި މެޗަށް ފަހު އާޖެންޓީނާގެ ކުޅުންތެރިންގެ އަހުލާގު ހުރި ގޮތުން، ގިނަ ބައެއްގެ ފާޑުކިއުންތަކެއް ވަނީ އާޖެންޓީނާ އަށް އަމާޒުކޮށްފަ އެވެ. މި މެޗުގެ މައްސަލަތަކެއް ބަލަމުންދާ ކަމަށް ފީފާ އިން ވަނީ ބުނެފަ އެވެ.
ފާޑުކިއުންތަކާ ގުޅިގެން ސްކަލޯނީ ވަނީ އާޖެންޓީނާގެ ކުޅުންތެރިންގެ ދިފާއުގައި ވާހަކަދައްކައިފަ އެވެ. ސްކަލޯނީ ބުނީ އެ މެޗުގައި ގޯހެއް ހިނގި ކަމަށް ގަބޫލެއް ނުކުރާ ކަމަށާއި އެ މެޗަކީ "ރަނގަޅު ގޮތުގައި ކުޅުނު" މެޗެއް ކަމަށެވެ.
"މެޗުތަކުގައި ބައެއް ފަހަރު އެޓޭކް ކުރާނެ، އަނެއްބައި ފަހަރު ޑިފެންޑްކުރާނެ. އަދި ބައެއް ފަހަރު ޒުވާބުތައް ވެސް ދާނެ. އެ މެޗުގައި ދެ ޓީމުން ވެސް ކުޅުނީ ރަނގަޅު ގޮތުގައި. އެއީ ފުޓްބޯޅައަކީ،" ސްކަލޯނީ ބުންޏެވެ.
ސެމީ ފައިނަަލަށް ނުކުންނައިރު، އާޖެންޓީނާގެ މާކޮސް އަކުންޔާ އާއި ގޮންޒާލޯ މޮންޓިއެލް އަށް ވަނީ ދެ ކާޑު ހަމަވެފައެވެ. އެކަމަކު ރޮޑްރިގޯ ޑެޕޯލް އާއި އަންހެލް ޑިމާރިއާ މި މެޗަށް ވަނީ ފިޓުވެފަ އެވެ.
ކްރޮއޭޝިއާގެ ޓީމުގައި ސަސްޕެންޝަން އަދި އަނިޔާގެ މައްސަލައެއް ވެސް ނެތެވެ. މެޗުގެ ކުރިން ބަލިވެ އުޅުނު ބޯނާ ސޯސާ އާއި މިސްލާވް އޮރްސިޗް ވަނީ މި މެޗަށް ފިޓުވެފަ އެވެ.
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މީގެ ކުރިން އާޖެންޓީނާ އާއި ކްރޮއޭޝިއާ ވަނީ ދެ ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. އެ ދެ މެޗަކީ ވެސް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅެފައިވާ މެޗުތަކެކެވެ. ފްރާންސްގައި 1998 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި އާޖެންޓީނާ އިން ވަނީ 1-0 އިން ކްރޮއޭޝިއާ ބަލިކޮށްފަ އެވެ. އޭގެ ފަހުން، 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި މުބާރާތުގައި އާޖެންޓީނާގެ މައްޗަށް ކްރޮއޭޝިއާ އިން ކުރިހޯދީ 3-0 އިންނެވެ.
ވޯލްޑް ކަޕްގައި އެންމެ ފަހުން އާޖެންޓީނާ އިން ޔޫރަޕްގެ ޓީމުތަކާ ދެކޮޅަށް ކުޅުނު ހަތް މެޗުގެ ތެރެއިން 90 މިނިޓަށް ބަލާއިރު، މޮޅުވި މެޗަކީ މި ފަަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ޕޮލެންޑް އަތުން 2-0 އިންނެވެ. އާޖެންޓީނާ، ވަނީ އެ ހަތް މެޗަށް ބަލާއިރު ދެ ފަހަރު ޕެނަލްޓީ ޖަހައިގެން ވެސް ޔޫރަޕްގެ ޓީމުތައް ބަލިކޮށްފަ އެވެ. އެއީ މި ފަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލާއި 2014 ވަނަ އަަހަރުގެ ސެމީ ފައިނަލުގައި ނެދަލެންޑްސް ބަލިކުރި މެޗުތަކެވެ.
އާޖެންޓީނާ އާއި ކްރޮއޭޝިއާ ކުޅޭ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެެ.












