ދޯހާ، ގަތަރު (ޑިސެމްބަރު 12) - ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އިންގްލެންޑާއި ފްރާންސް ބައްދަލުކުރި މެޗުގެ ކުރިން ފްރާންސްގެ ބައެއް ކުޅުންތެރިންނަަށް އަމާޒުވާ ގޮތަށް އިނގިރޭސި މީޑިއާ އިން ދެއްކި ވާހަކަތައް ބަލައިގަންނަން އުނދަގޫވި ކަމަށް ފްރާންސްގެ ޒުވާން މިޑްފީލްޑަރު އައުރެލިން ޗުއަމެނީ ބުނެފި އެވެ.
ފްރާންސް އިން 2-1 އިން އިންގްލެންޑް ބަލިކުރި މެޗުގައި، ފްރާންސްގެ ފުރަތަމަ ގޯލު ޖެހީ އޭރިއާބޭރުން ޖެހި ޝޮޓަކުން ޗުއަމެނީ އެވެ. ހެރީ ކޭންގެ ޕެނަލްޓީން އިންގްލެންޑުން އެއްވަރުކުރިއިރު، ފްރާންސް އިން ވަނީ އޮލިވިއޭ ޖިރޫ ޖެހި ގޯލުން އަލުން ލީޑުނަގައިފަ އެވެ.
އިންގްލެންޑަށް ދެ ވަނަ ފަހަރަށް އެއްވަރުކޮށްދޭން ލިބުނު ޕެނަލްޓީން ކޭން ފޮނުވާލި ބޯޅަ ހުރަސް ދަނޑިމަތިން ގޮސް، އެ ޓީމު މެޗުން ބަލިވެ، މުބާރާތުން ކެޓީ އެވެ.
އިންގްލެންޑާއި ފްރާންސް ކުޅުނު މެޗުގެ ކުރިން އިނގިރޭސި މީޑިއާ އިން ބުނަމުންދިޔައީ، ފްރާންސްގައި އޮތީ 2018 ވަނަ އަހަރު ތަށި ހޯދި ޓީމަށް ވުރެ "ބަލި" ޓީމެއް ކަމަށެވެ.
މީގެ އިތުރުން، ފްރާންސް އިން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގައި ތަށި ހޯދި ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން، މި ފަހަރުގެ ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިންނަށް ބަލާއިރު، ފްރާންސްގެ ގޯލްކީޕަރު، ހޫގޯ ލޮރިސް އަކީ އެ ޓީމުގެ "ބަލިފައި" ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އިންގްލެންޑް މެޗުގެ ތެރެއިން ފްރާންސްގެ ކުޅުންތެރިން ލޮރިސްއާ އެކު.
އެ ވާހަަކަތަކަށް ޗުއަމެނީ ވަނީ މެޗަށް ފަހު ރައްދުދީފަ އެވެ.
"އިނގިރޭސި މީޑިއާ އިން ބުނަމުން އައީ އަހަރެމެންގެ ކީޕަރު ލޮރިސް އަކީއޭ މި ޓީމުގެ ބަލިފަޔަކީ، އެއީ ހަމަ ވަރަށް ހަގީގަތާ ހިލާފު ޒާތީ ގޮތަކަށް ދެކެވުނު ވާހަކައެއް،" ފްރާންސްގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ޗުއަމެނީ ބުންޏެވެ.
"އެ ގޮތަށް މީޑިއާ އިން އަހަރެމެންނާ (ފްރާންސް ޓީމާ) މެދު ދެއްކި ވާހަކައިން އަހަރެމެންގެ ގުޅުން އިތުރަށް ބަދަހިވެގެންދިޔައީ، ޓީމެއްގެ ގޮތުގައި ނުކުމެ އެއްޗެއް ސާބިތުކޮށްދޭން ބޭނުންވީ، އެ ރޫހު ޓީމުން ޔަގީނުން ވެސް ފެނިގެންދިޔަ،"
ޗުއަމެނީ ބުނީ ލޮރިސް ކަހަލަ ލީޑަރެއް ޓީމުގައި ހުރުމުން މުޅި ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް އެކަމާ އުފާކުރާ ކަމަށެވެ.
އިންގްލެންޑް މެޗާ އެކު، ލޮރިސް ވަނީ ފްރާންސް ގައުމީ ޓީމަށް 134 މެޗު ހަމަކޮށް، އެ ގައުމަށް އެންމެ ގިނަ މެޗު ކުޅެގެން ކުރީގެ ޑިފެންޑަރު، ލިލިއަން ތުރާމް ހަދާފައި އޮތް ރެކޯޑް މުގުރާލާފަ އެވެ.
ފްރާންސް އިން މި ފަހަރުގެ ވޯލްޑް ކަޕްގައި ދެން ނުކުންނާނީ އަންނަ ބުދަ ދުވަހުގެރޭ މޮރޮކޯއާ ދެކޮޅަށް ކުޅޭ ސެމީ ފައިނަލް މެޗަށެވެ.












