ކޭން އަތުން ޕެނަލްޓީ ބޭކާރުވެ، ޗެމްޕިއަން ފްރާންސް ސެމީ އަށް

Dec 10, 2022, 9:16 PM
ކޭން އަތުން ޕެނަލްޓީ ބޭކާރުވެ، ޗެމްޕިއަން ފްރާންސް ސެމީ އަށް

ދޯހާ، ގަތަރު (ޑިސެމްބަރު 11) - އިންގްލެންޑްގެ ކެޕްޓަން، ހެރީ ކޭން އަތުން ބޭކާރުވި ޕެނަލްޓީއާ އެކު 2-1 އިން އިންގްލެންޑް އަތުން މޮޅުވެ، 60 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ތަށި ދިފާއުކުރުމުގެ ފުރުސަތު ފްރާންސުން ދަމަހައްޓައިފި އެވެ.

ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ބުދަ ދުވަހުގެރޭ ފްރާންސް ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ. އަނެއް ސެމީ ފައިނަލުގައި އަންގާރަ ދުވަހުގެރޭ އާޖެންޓީނާ ނުކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ.

ދެ ވަނަ ބުރުގެ މެޗުތަކަށް އިންގްލެންޑާއި ފްރާންސުން ނެރުނު ފުރަތަމަ އެގާރަ އަށް މިރޭގެ މެޗަށް ނުކުތްއިރު ބަދަލެއް ގެނެސްފައިނުވާއިރު މިރޭގެ މެޗަކީ ފްރާންސްގެ ކެޕްޓަން ހޫގޯ ލޮރިސް އަށް ހާއްސަ މެޗެކެވެ. މި މެޗާ އެކު ގައުމީ ޓީމަށް 134 މެޗު ހަމަކޮށް އެ ގައުމަށް އެންމެ ގިނަ މެޗު ކުޅެގެން ކުރިން ލިލިއަން ތުރާމް ހަދާފައި އޮތް ރެކޯޑު ލޮރިސް ވަނީ މުގުރާލާފަ އެވެ.

މެޗު ފަށައިގެން ނުރައްކާކޮށް ފެނިގެންދިޔަ ފްރާންސުން ފޮނުވާލި ފުރަތަމަ ހަމަލާއަކީ އޮލިވިއޭ ޖިރޫ ބޮލުން ފޮނުވާލި ބޯޅަ އެކެވެ. އަރިމަތިން ފްރާންސްގެ އޮސްމާނޭ ޑެމްބެލޭ ނަގައިދިން ހުރަސް ޖިރޫ އުނދަގޫ ގޮތަކަށް ހުރެ ބޮލުން ފޮނުވާލުމުން ދިޔައީ ކީޕަރު ޖޯޑަން ޕިކްފޯޑު އަތަށެވެ.

ގޯލު ޖެހުމަށް ފަހު ފްރާންސްގެ ޗުއަމެނީ (ވ) އުފާފާޅުކުރަނީ.

ފްރާންސުން ގޯލު ޖަހައި ލީޑު ނެގީ މެޗުގެ 17 ވަނަ މިނެޓުގަ އެވެ. އެރިއާ ބޭރުގައި ހުރެފައި އޮއުރެލިއެން ޗުއަމޭނީ ފޮނުވާލި ބާރު ހަމަލާ ވަނީ ގޯލުގެ ތަރީ ކަނަށެވެ. މިއީ އޭރިއާ ބޭރުން ފޮނުވާލި ބޯޅައަކުން މި ފަހަރުގެ މުބާރާތުގައި ފްރާންސުން ޖެހި ފުރަތަމަ ގޯލެވެ.

ފްރާންސްގެ މި ގޯލަށް ފަހު ދެން ފެނުނީ ފުލު ފުލުގައި އިންގްލެންޑުން ހަމަލާތައް ފޮނުވާލަން ފެށިތަނެވެ. އެ ގޮތުން ކޭން ފޮނުވާލި ހަމަލާއެއް ކީޕަރު ލޮރިސް ދިފާއުކުރިއިރު، ލިބުނު ހިލޭ ޖެހުމަކުން ލޫކް ޝޯ ފޮނުވާލި ބޯޅަވެސް ދިޔައީ ކީޕަރު ލޮރިސް އަތަށެވެ. އޭރިއާ ބޭރުން ކޭން ފޮނުވާލި ބޯޅައެއް ގޯލުގެ ކަނަށް ދަނިކޮށްވެސް ދިފާއުކުރީ ލޮރިސް އެވެ.

ދެ ވަނަ ހާފު ފަށައިގެން ވެސް އިނގިރޭސިން ފެނުނީ ނުރައްކާކޮށެވެ. މިހާފު ފެށިގޮތަށް ލިބުނު ކޯނަރުން ފްރާންސްގެ އޭރިއާ ބޭރަށް ނުކުތް ބޯޅައިން ޖޫޑް ބެލިންހަމް ފޮނުވާލި ބާރު ހަމަލާ ކީޕަރު ލޮރިސް އަތުގައި ޖެހިފައި ދިޔައީ ބޭރަށެވެ.

އިންގްލެންޑުން ހުއްޓާ ނުލައި ކުރަމުންދިޔަ ޕްރެޝަރުގެ ނަތީޖާ އަކަށްވީ މެޗުގެ 52 ވަނަ މިނެޓުގައި އެ ޓީމަށް ޕެނަލްޓީއެއް ލިބުމެވެ. އޭރިއާ ތެރެއިން ބުކާޔޯ ސަކާ އަށް ފްރާންސްގެ ޗުއަމޭނީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްދިނީ ކޭން އެވެ. މިއީ ގައުމީ ޓީމުގެ ޖާޒީގައި ކޭން ޖެހި 53 ވަނަ ގޯލެވެ. މި ގޯލާ އެކު އިންގްލެންޑުގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހާފައިވާ ވޭން ރޫނީގެ ރެކޯޑާ ކޭން އަށް އަރާ ހަމަކުރެވުނީ އެވެ.

ފްރާންސްގެ ވަރާން (ކ) އާއި އުޕަމެކާނޯ (ވ) ކައިރިން ކޭން ބޯޅަ ހިފައިގެންދަނީ

އިންގްލެންޑުގެ ގޯލަށް ފަހު މިނެޓެއް ފަހުން ފްރާންސްގެ އަޑްރިއަން ރަބިއޯ ރަނގަޅު ހަމަލާއެއް ފޮނުވާލި އެވެ. އޭރިއާ ބޭރުން ހުސްކޮށްލިބުނު ބޯޅަ ރަބިއޯ ފޮނުވާލުމުން ކީޕަރު ޖޯޑަން ޕިކްފޯޑު އެބޯޅަ ދިފާއުކުރި އެވެ.

ދެން ފެނުނީ އަނެއްކާ ވެސް ފުލުފުލުގައި އިންގްލެންޑުގެ ހަމަލާތަކެވެ. ސަކާ ފޮނުވާލި ބޯޅައާއި ޖޯޑަން ހެންޑަސަން ފޮނުވާލި ބޯޅަތަކުގެ ހުރަހަކަށްވީ ކީޕަރު ލޮރިސް އެވެ.

އޭގެ ފަހުން ލިބުނު ހިލޭ ޖެހުމަކުން ހެންޑަސަން ނަގައިދިން ހުރަސް ހެރީ މެގުއާ ބޮލުން ފޮނުވާލުމުން ބޭރަށް ދިޔައީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ. އޭގެ ފަހުން ލޫކް ޝޯ ނަގައިދިން ހުރަހުން ސަކާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ފްރާންސްގެ ތެއޯ ހެނާންޑޭޒް ނަގައިދިން ބޯޅައަކުން ޖިރޫ ބޮލުން ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވެ ދިޔައިރު، ޑެމްބެލޭ ދިން ބޯޅައަކުން ޖިރޫ ފޮނުވާލި ފޮނުވާލި ހަމަލާ ހުށިހާރު ކަމާ އެކު ޕިކްފޯޑް ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލި އެވެ.

ފްރާންސުން ގޯލު ޖެހީ އެ ކޯނަރުން ތަނަވަސްވި ބޯޅައަކުންނެވެ. ގްރީޒްމަން ނެގި ކޯނަރު އިނގިރޭސި ޑިފެންޑަރުން ފުރަތަމަ ދިފާއުކުރި އެވެ. އޭގެ ފަހުން އެ ބޯޅަ ލިބުނީ ފްރާންސްގެ ކުޅުންތެރިންނަށެވެ. އަނެއްކާވެސް އެ ޓީމުން ނުރައްކާތެރި ހުރަހެއް އޭރިއާ ތެރެއަށް ނެގި އެވެ. މި ފަހަރު އެ ބޯޅައަށް އަރައި ފްރާންސް މެޗުން މޮޅުވި ގޯލު ޖަހައިދިނީ ޖިރޫ އެވެ. ޖިރޫ ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ މެގުއާ ގައިގައި ޖެހިފަ އެވެ.

ފްރާންސުން ގޯލު ޖެހިތާ މާ ގިނައިރުތަކެއް ނުވެ ނަތީޖާ ހަމަހަމަކުރުމަށް ރަނުގެ ފުރުސަތެއް އިންގްލެންޑަށް ލިބުނެވެ. އޭރިއާ ތެރެއިން މޭސަން މައުންޓަށް ހެނާންޑޭޒް ކުރި ފައުލް ވީއޭއާރުން ބެލުމަށް ފަހު ރެފްރީ ވަނީ ޕެނަލްޓީ އެއް ދީފަ އެވެ. ކޭން މިފަހަރު ފޮނުވާލި ޕެނަލްޓީ ގޯލާ އަމާޒުނުވެ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ލިބުނު ހިލޭ ޖެހުމަކުން މާކަސް ރަޝްފޯޑު ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ހުރަސްދަނޑި ކައިރިންނެވެ.

މިދިޔަ 60 އަހަރުގެ ތެރޭގައި ވޯލްޑް ކަޕްގެ ތަށި ދިފާއުކުރުމުގެ ފުރުސަތު ފްރާންސަށް އޮތްއިރު މިހާތަނަށް ވޯލްޑް ކަޕްގެ ތަށި މިހާތަނަށް ދިފާއުކޮށްފައިވާ ހަމައެކަނި ޓީމަކީ ބްރެޒިލް އެވެ. އެއީ 1958 އާއި 1962 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އަނެއްކޮޅުން، އިންގްލެންޑް މި ވަނީ ހަތް ވަނަ ފަަހަރަށް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ކަޓައި، ބޭނުންނުވާ ރެކޯޑެއް ގާއިމްކޮށްފަ އެވެ. ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން އެންމެ ގިނަ ފަހަރަށް ކެޓީ ޓީމަކީ އިންގްލެންޑް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox