ދޯހާ، ގަތަރު (ޑިސެމްބަރު 9) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ޕެނަލްޓީ ޖަހައިގެން 4-3 އިން ނެދަލެންޑްސް ބަލިކޮށް، އާޖެންޓީނާ އިން މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
މި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފްގެ ކުޅުން ނިމުނުއިރު، ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފަ އެވެ. ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، އާޖެންޓީނާ އިން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކުރި އެެވެ. ނެދަލެންޑްސްގެ ފުރަތަމަ ދެ ޕެނަލްޓީ ވީ ނާކާމިޔާބެވެ. އެ ދެ ޕެނަލްޓީ ހުއްޓުވީ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓީނޭޒް އެވެ.
އަންނަ އަންގާރަ ދުވަހުގެރޭ ކުޅޭ ސެމީ ފައިނަލް މެޗުގައި އާޖެންޓީނާ ކުޅޭނީ މިރޭ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން ބްރެޒިލް ބަލިކުރި ކްރޮއޭޝިއާއާ ދެކޮޅަށެވެ.
ލުސައިލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި އާޖެންޓީނާ އިން ލީޑުނެގީ 35 ވަނަ މިނިޓްގައި އެ ޓީމުގެ ފުލްބެކް، ނަހުއެލް މޮލީނާ ޖެހި ގޯލުންނެވެ. އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ ހުސްކޮށްލާފައި ދިން ބޯޅަ އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު މޮލީނާ ވަނީ ތިރިތިރިން ގޯލަށް ވައްދާލައިފަ އެވެ. މިއީ އާޖެންޓީނާ ގައުމީ ޓީމަށް މޮލީނާ ޖަހައިދިން ފުރަތަމަ ގޯލެވެ.

ނެދަލެންޑްސްގެ ކެޕްޓަން ވެން ޑައިކް (ވ) ކައިރިން އާޖެންޓީނާގެ މެސީ ބޯޅަ ހިފައިގެންދަނީ.
ދެ ވަނަ ހާފުގައި އާޖެންޓީނާ އަށް ލީޑުފުޅާކޮށްދިނީ 73 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން މެސީ އެވެ. މިއީ ނެދަލެންޑްސްގެ ޑެންޒެލް ޑަމްފްރީސް އޭރިއާތެރެއިން އަޖެންޓީނާގެ މާކޯސް އަކޫނިއާ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. މި ޕެނަލްޓީއާ އެކު މެސީ ވަނީ ވޯލްޑް ކަޕްގައި 10 ގޯލު ހަމަކޮށްގެން، އާޖެންޓީނާގެ ލެޖެންޑަރީ ފޯވާޑް، ގަބްރިއެލް ބަޓިސްޓޫޓާގެ ރެކޯޑާ ހަމަކޮށްފަ އެވެ.
ދެ ގޯލު ފަހަތުން އަރައި އެއްވަރުކުރަން ނެދަލެންޑްސް އިން ކުރަން ޖެހޭ މަސައްކަތަށް އެ ޓީމުން ވަނީ އިސްކޮޅުން ދިގު ފޯވާޑް، ވައުޓް ވެގްހޯސްޓް ކުޅެން އަރުވައިފަ އެވެ. މެޗުގެ 78 ވަނަ މިނިޓްގައި ކުޅެން އެރި ވެގްހޯސްޓް، މެޗުގެ 83 ވަނަ މިނިޓްގައި އެ ޓީމުގެ ފުރަތަމަ ގޯލު ޖަހައިފަ އެވެ. މިއީ ނެދަލެންޑްސްގެ ސްޓީވެން ބާގްހައުސް ނެގި ހުރަހަކުން ވެގްހޯސްޓް ބޮލުން ޖެހި ގޯލެކެވެ.
ނެދަލެންޑްސް އިން އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 10 މިނިޓްގެ ތެރެއިން ވެސް ފަހު މިނިޓްގަ އެވެ. އޭރިއާބޭރުން ލިބުނު ހިލޭ ޖެހުމެއް ގޯލަށް ފޮނުވާލުމުގެ ބަދަލުގައި، ނެދަލެންޑްސްގެ ޓޯން ކޯޕްމައިނާސް އޭރިއާތެރެއިން ދިނީ ވެގްހޯސްޓް އަށެވެ. އޭނާ ވަނީ ކޮންޓްރޯލް ކުރުމަށް ފަހު، ތިރިތިރިން ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

ނެދަލެންޑްސް އަށް އެއްވަރުކޮށްދިން ގޯލު ޖެހުމަށް ފަހު އެ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.
ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި އާޖެންޓީނާ އިން ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. ބަދަލަކަށް ކުޅެން އެރި އާޖެންޓީނާގެ ފޯވާޑް، ލަޓާރޯ މާޓީނޭޒް ދެ ހަމަލާއެއް ފޮނުވާލިއިރު، ދެ ބޯޅަ ވެސް ވަނީ ބްލޮކްވެފަ އެވެ. އޭރިއާބޭރުން އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް ޖެހި ޝޮޓް ބޭރުވީ ދަނޑީގައި ޖެހިފަ އެވެ.
ޕެނަލްޓީ ޖަހަން ޖެހުނުއިރު، ނެދަލެންޑްސް އިން ފޮނުވާލި ފުރަތަމަ ދެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. އެއީ ކެޕްޓަން ވާޖިލް ވެން ޑައިކް އާއި ބާގްހައުސް ޖެހި ޕެނަލްޓީ އެވެ. ނެދަލެންޑްސްގެ ޕެނަލްޓީތައް ކާމިޔާބުުކުރީ ވެގްހޯސްޓް، ކޫޕްމައިނާސް އަދި ލޫކް ޑި ޔޯން އެވެ.
އާޖެންޓީނާގެ ފުރަތަމަ ތިން ޕެނަލްޓީ ކާމިޔާބުކުރީ މެސީ، ލެއަންޑްރޯ ޕަރޭޑޭސް، ގޮންޒާލޯ މޮންޓިއޭލް އެވެ. އެކަމަކު، ހަތަރު ވަނަ ޕެނަލްޓީ އެންޒޯ ފެނާންޑޭޒް އަތުން ނާކާމިޔާބުވިއިރު، ފަސް ވަނަ ޕެނަލްޓީ ކާމިޔާބުކޮށް މާޓީނޭޒް އެ ޓީމު މޮޅުކޮށްދިނީ އެވެ.
އާޖެންޓީނާ އިން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ވަނީ ޕެނަލްޓީ ޖަހައިގެން ނެދަލެންޑްސް ބަލިކޮށްފަ އެވެ. މިރޭ ނެދަލެންޑްސް ބަލިވުމާ އެކު އެ ޓީމުގެ ކޯޗު ލުއީ ވެން ހާލްގެ ބަލިނުވުމުގެ ރެކޯޑަށް ވަނީ 19 މެޗަށް ފަހު ނިމުން އަތުވެފަ އެވެ.












