ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި މިރޭ އާޖެންޓީނާ އާއި ނެދަލޭންޑްސް ބައްދަލުކުރާއިރު، މިއީ އާދައިގެ މެޗެއް ނޫނެވެ. މި ދެ ގައުމުގެ މެދުގައި މީގެ އެތައް އަހަރެއްގެ ކުރިން ވޯލްޑް ކަޕްގައި އުފެދިފައިވާ ވާދަވެރިކަމުގެ ސަބަބުން، މިއީ މި އަހަރުގެ ވޯލްޑް ކަޕްގައި ކުޅޭ އެންމެ ބޮޑު އެއް މެޗަށް ވެގެންދާނެ އެވެ.
ޔޫރަޕްގެ އުތުރު ހުޅަނގުގެ ގައުމެއް ކަމަށްވާ ނެދަލޭންޑްސް އާއި ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ އާޖެންޓީނާ ދުނިޔޭގެ ދެ ބައްރަށް ނިސްބަތްވާއިރު، ފުޓްބޯޅައިގައި މިހާ ބޮޑު ވާދަވެރިކަމެއް އޮތީ ކީއްވެ ކަމާމެދު ސުވާލު އުފެދިދާނެ އެވެ. މި ދެ ގައުމުގެ މެދުގައި ވޯލްޑް ކަޕްގައި އުފެދިފައިވާ ވާދަވެރިކަމުގެ ފެށުމަށް ޖެހިލަންޖެހޭނީ 1974 ވަނަ އަހަރުގެ ވޯލްޑް ކަޕް އަށެވެ.
ފުރަތަމަ ކުރިމަތިލުން 1974 : ނެދަލޭންޑްސްގެ "ޓޯޓަލް ފުޓްބޯޅަ" ސިސްޓަމްގެ ފެށުމާއި ބޮޑު މޮޅު
ވޯލްޑް ކަޕްގައި ނެދަލޭންޑްސްގެ ނަން ހިނގަން ފެށީ 1974 ވަނަ އަހަރު ޖަރުމަންގައި އޮތް ފީފާ ވޯލްޑް ކަޕްގަ އެވެ. މި މުބާރާތަކީ ވޯލްޑް ކަޕްގައި ނެދަލޭންޑްސް އާއި އާޖެންޓީނާގައި އުފެދިފައިވާ ވާދަވެރިކަމުގެ ފެށުމެވެ. އަދި ވޯލްޑް ކަޕެއްގައި މި ދެ ގައުމު ފުރަތަމަ ފަހަރަށް ކުރިމަތިލި މުބާރާތާތެވެ.
މި މުބާރާތަކީ ނެދަލޭންޑްސް އިން ފުޓްބޯޅަ އަށް ބޮޑު ބަދަލެއް ގެނައި މުބާރާތެކެވެ. އަދި އެ ގައުމުން ޒަމާނީ ފުޓްބޯޅައިގައި މިހާރު ހޯދާފައިވާ ކުރިއެރުމުގެ ފެށުމެވެ. ނެދަލޭންޑްސްގެ ލެޖެންޑަރީ ކޯޗު ރައިނަސް މިޝޭލްސް ފައްކާކުރި "ޓޯޓަލް ފުޓްބޯޅަ"އިގެ ސިސްޓަމާ އެކު، ނެދަލޭންޑްސްގެ އިން އެ އަހަރުގެ ވޯލްޑް ކަޕްގައި ފުޓްބޯޅަ ކުޅުމުގެ ސްޓައިލް އަށް އިންގިލާބީ ބަދަލެއް ގެނެސްދިނެވެ.
އާޖެންޓީނާ އާއި ނެދަލޭންޑްސް އެ މުބާރާތުގައި ބައްދަލުކުރީ އެ މުބާރާތުގެ ދެ ވަނަ ގުރޫޕް ސްޓޭޖުގެ މެޗެއްގަ އެވެ. ނެދަލޭންޑްސްގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށްވާ ޔޯހަން ކްރައިފްގެ މޮޅު ކުޅުމާ އެކު، އާޖެންޓީނާ ލަދުގަންނަވާ ލުމަށް ފަހު އެ މެޗު ނެދަލޭންޑްސް އިން ކާމިޔާބުކުރީ 4-0 އިންނެވެ. މި މެޗުގައި ކްރައިފް ދެ ލަނޑު ޖެހި އެވެ.

ނެދަލެންޑްސްގެ ޔޯހަން ކްރައިފް އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިން.
މި މުބާރާތުގެ ފައިނަލަށް ދަތުރުކުރުމުގައި އާޖެންޓީނާ އާއި ބްރެޒިލް އަތުން ނެދަލޭންޑްސް މޮޅުވިޔަސް، ފައިނަލްގައި ހުޅަނގު ޖަރުމަން އަތުން ވަނީ ބަލިވެފަ އެވެ.
އާޖެންޓީނާގެ ބަދަލު ހިފުން: 1978 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް
އާޖެންޓީނާގައި 1978 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕަށް ނެދަލޭންޑްސް ނުކުތީ އެ ޓީމުގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށްވާ ޔޯހަން ކްރައިފް ނުލަ އެވެ. މުބާރާތުގެ ފުރަތަމަ ގުރޫޕް ސްޓޭޖުން އުނދަގުލުން ސަލާމަތްވި ނަމަވެސް، ދެ ވަނަ ބުރުން ފެށިގެން ކުޅުން ރަނގަޅުކޮށް ނެދަލޭންޑްސް މުބާރާތުގެ ފައިނަލަށް ދަތުރުކުރި އެވެ.
އެ ފަަހަރު ފައިނަލްގައި ނެދަލޭންޑްސްއާ ދެކޮޅަށް ނުކުތީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ އާޖެންޓީނާ އެވެ. އޭގެ ހަތަރު އަހަރު ކުރިން ތަފާތު ބޮޑުކޮށް ބަލިކުރި އާޖެންޓީނާއާ މި ފަހަރު ނެދަލޭންޑްސް ކުރިމަތިލާންޖެހުނީ އާޖެންޓީނާ ފޯރި އާއި ޖޯޝުން ފުރިފައި ތިބި އާޖެންޓީނާގެ 70،000 ސަޕޯޓަރުންގެ ކުރިމަތީގަ އެވެ.
އެ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް އަކީ ރަނގަޅު މެޗެކެވެ. ވޯލްޑް ކަޕްގެ ކްލެސިކެވެ. މެޗުގެ ފުރަތަމަ ލަނޑު އާޖެންޓީނާ އަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ލެޖެންޑް މާރިއޯ ކެމްޕެސް އެވެ. އެކަމަކު، މެޗު ނިމެން 8 މިނިޓަށްވެފައި ވަނިކޮށް، ނެދަލޭންޑްސްގެ ޑިކް ނަނިންގާ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތުމުން، މެޗުގެ ނަތީޖާ ނެރުމަށް އިތުރު ވަގުތު ކުޅެން ޖެހުނެވެ.
އިތުރު ވަގުތުގައި އާޖެންޓީނާ އަށް ލީޑު ހޯދައިދިނީ ކެމްޕެސް އެވެ. އަދި ރޮބާޓޯ ބެރްޓޯނީ ވަނީ އިތުރު ލަނޑެއް ޖަހައި، އާޖެންޓީނާ އަށް ޗެމްޕިއަންކަން ކަށަވަރުކޮށްދީފަ އެވެ. މި މެޗުން ބަލިވެ، ޖެހިޖެހިގެން ދެ ވޯލްޑް ކަޕްގެ ފައިނަލްގައި ބަލިވުމުގެ ހިތި ނެދަލޭންޑްސް އަށް ތަޖުރިބާކުރަން ޖެހުނެވެ.
ވޯލްޑް ކަޕް 1998 ކުއާޓާ ފައިނަލް: ބާކޭމްޕްގެ އާދަޔާ ހިލާފު ލަނޑު
ވޯލްޑް ކަޕްގެ ފައިނަލްގައި އާޖެންޓީނާ އަތުން ބަލިވިތާ 20 އަހަރު ފަހުން، ނެދަލޭންޑްސް އާއި އާޖެންޓީނާ ބައްދަލުކުރީ ފްރާންސްގައި 1998 ވަނަ އަހަރު އޮތް މުބާރާތުގެ ކުއާޓާ ފައިނަލްގަ އެވެ.
ނެދަލޭންޑްްސްގެ ފޯވަޑް ޕެޓްރިކް ކްލައިވަޓް އެ ޓީމަށް ލީޑު ހޯދައިދީފައިވަނިކޮށް، އާޖެންޓީނާ އިން އެއްވަރުކުރީ ކްލައުޑިއޯ ލޯޕޭޒް ޖެހި ލަނޑުންނެވެ.

1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ނެދަލޭންޑްސް ބާކޭމްޕް (ވ) ބޯޅަ ކޮންޓުރޯލްކޮށްލަނީ
މެޗުގެ ދެ ވަނަ ހާފުގައި ދެ ޓީމުގެ ވާދަވެރިކަން ބޮޑުވެ، ގިނަ ފައުލްތަކެއް ފެނިގެންދިޔަ އެވެ. މެޗުގެ ރެފްރީ އާޓޫރޯ ކާޓާ މެޗުގައި ހަ ރީނދޫ ކާޑު ދެއްކި އެވެ. މެޗުގެ 76 ވަނަ މިނިޓުގައި ނެދަލޭންޑްސް އާތާ ނޫމަން އަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކިއިރު، މެޗުގެ 88 ވަނަ މިނިޓުގައި އާޖެންޓީނާ އެރިއެލް އޯޓެގާ އަށް ވެސް ރަތްކާޑު ދެއްކި އެވެ.
މެޗު ނެދަލޭންޑްސް ކޮޅަށް އަނބުރާލި ލަނޑު އެ ޓީމުގެ ފޯވަޑް ޑެނިސް ބާކޭމްޕް ކާމިޔާބުކުރީ ފަހު ވަގުތު އެވެ. މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް މިހާތަނަށް ފެނުނު އެންމެ ރީތި، އަދި އެންމެ މޮޅު އެއް ލަނޑެވެ.
މެޗުގެ 90 ވަނަ މިނިޓުގައި ފްރޭންކް ޑެބޯ އާޖެންޓީނާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ލި ދިގު ބޯޅަ، ފައި މައްޗަށް ކޮންޓުރޯލްކޮށްލައި، ދެ ވަނަ ޓަޗާ އެކު އާޖެންޓީނާގެ ޑިފެންޑަރު ރޮބާޓޯ އަޔާލާ ކައިރިން ނައްޓާލުމަށް ފަހު، ކަނާތު ފައިގެ ބޭރު ފުށުން ބާކޭމްޕް އެ ބޯޅަ އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ.
2006ގެ ވޯލްޑް ކަޕް: ގުރޫޕް ސްޓޭޖުގެ ކުރިމަތިލުން ހަމަހަމަ
ޖަރުމަނުގައި 2006 ވަނަ އަހަރު ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އާޖެންޓީނާ އާއި ނެދަލޭންޑްސް ކުރިމަތިލިިއިރު، މި ދެ ޓީމު ވެސް މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުވެރައި އޮތުމުން، މި މެޗުގެ މާ ބޮޑު ފޯރިއެއް ނެތެވެ. އެ އަހަރުގެ ވޯލްޑް ކަޕްގެ "މަރުގެ" ގުރޫޕްގެ ގޮތުގައި މި ގުރޫޕް ކުރިން ލޭބަލްކުރި ނަމަވެސް، މި މެޗުގެ ކުރިން ސާބިއާ އެންޑް މޮންޓެނީގްރޯ އާއި އައިވަރީ ކޯސްޓް އަތުން މޮޅުވެ، މި ދެ ޓީމު ވެސް ވަނީ ދެ ވަނަ ބުރުން ޖާގަ ކަށަވަރުކޮށްފަ އެވެ.
މި މެޗަށް ދެ ޓީމުން ވެސް ނުކުތީ ފުރަތަމަ 11 އަށް ގިނަ ބަދަލުތަކެއް ގެނެސްގެނެވެ. ދެ ޓީމު ލަނޑެއް ނުޖެހި އެއްވަރު ވުމުން ގުރޫޕްގެ އެއް ވަނަ ލިބުނީ އާޖެންޓީނާ އަށެެވެ. ނެދަލޭންޑްސް ދިޔައީ ދެ ވަނަ އަށެވެ.
ވޯލްޑް ކަޕް 2014ގެ ސެމީ ފައިނަލް: ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ ފައިނަލަށް
އާޖެންޓީނާ އާއި ނެދަލޭންޑްސް އެންމެ ފަހުން ބައްދަލުކުރީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގަ އެވެ. ވާދަވެރި ކުޅުމެއް ފެނުނު މެޗުގައި ދެ ޓީމަށް ވެސް ފުރިހަމަ ވަގުތާއި އިތުރު ވަގުތުގައި ލަނޑެއް ކާމިޔާބެއް ނުކުރެވުނެވެ. އެހެންކަމުން މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.

2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ނެދަލެންޑްސްގެ ބްލިންޑް (ކ) އާޖެންޓީނާގެ މެސީ އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ: މި ފަހަރުގެ ވޯލްޑް ކަޕް ސްކޮޑުގައި ވެސް މި ދެ ކުޅުންތެރިން ހިމެނޭ
އާޖެންޓީނާ އިން ޖެހި ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކުރި އެވެ. އެކަމަކު، ނެދަލޭންޑްސްގެ ވެސްލީ ޝްނައިޑާ އާއި ރޮން ވްލާގެ ޕެނަލްޓީތައް ކާމިޔަބެއް ނުވި އެވެ. މި މޮޅާ އެކު، އެ އަހަރުގެ ވޯލްޑް ކަޕް ފައިނަލަށް ދަތުުރުކުރީ އާޖެންޓީނާ އެވެ.
މި ފަހަރުގެ ކުރިމަތިލުން ވެސް ހާއްސަ
އާޖެންޓީނާ އިން މި ފަހަރުގެ ވޯލްޑް ކަޕަށް ނުކުތީ މިދިޔަ އަހަރު ތެރޭ ބައިނަލްއަގުވާމީ ދެ ތަށި ހޯދައިގެންނެވެ. އެއީ ދެކުނު އެމެރިކާގެ ގައުމުތަކަށް ހާއްސަ މުބާރާތް، ކޮޕަ އެމެރިކާގެ ތަށި ހޯދުމުގެ އިތުރުުން، ޔޫރަޕްގެ ޗެމްޕިއަން އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ފައިނަލިސިމާ ޓްރޮފީ ހޯދައިގެންނެވެ.
ނެދަލެންޑްސް އިން މި ފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލިއިރު، އެ ޓީމު ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ފީފާ ވޯލްޑް ކަޕް އެންމެ ފަހުން ފަހުން ކުޅެފައިވަނީ 2014 ވަަނަ އަހަރު އެވެ. ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަށް ނެދަލެންޑްސް ކޮލިފައިނުވެ އެވެ. ނެދަލެންޑްސްގެ ބެންޗުގައި މި ފަހަރު ވެސް ހުރީ 2014 ވަނަ އަހަރު އެ ޓީމަށް އިރުޝާދުދިން ކޯޗު، ލުއި ވެން ހާލް އެވެ. ވެން ހާލްގެ އަމާޒަކަށްވާނީ ނެދަލެންޑްސް އަށް މި ފަހަރު، އާޖެންޓީނާގެ މައްޗަށް ކާމިޔާބު ހޯދުމެވެ.












