ދޯހާ، ގަތަރު (ޑިސެމްބަރު 9) - ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި މިރޭ އާޖެންޓީނާއާ ދެކޮޅަށް ނެދަލޭންޑްސް ނުކުންނައިރު، ނެދަލޭންޑްސްގެ އަމާޒަކީ މެޗުން މޮޅުވެ، 2014ގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އާޖެންޓީނާ އަތުން ބަލިވުމުގެ ހަނދާންތައް ބަދަލުކޮށްލުން ކަމަށް އެ ޓީމުގެ ފޯވަޑް މެމްފިސް ޑިޕާއީ ބުނެފި އެވެ.
ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ނެދަލޭންޑްސް އަތުން އާޖެންޓީނާ މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ. އެ މެޗުގައި ޑިޕާއީ އިނީ ނެދަލޭންޑްސްގެ ބެންޗުގަ އެވެ. އެ އަހަރު ވެސް ނެދަލޭންޑްސްގެ ކޯޗަކީ މިހާރު ވެސް ކޯޗަކަށް ހުރި ލުއީ ވެން ހާލް އެވެ.
އެކަމަކު، މި އަހަރުގެ ވޯލްޑް ކަޕް ކުއާޓާ ފައިނަލްގައި އާޖެންޓީނާ އާއި ނެދަލޭންޑްސް މިރޭ ކުރިމަތިލާއިރު، މި މެޗުގައި ޑިޕާއީގެ މުހިންމު ދައުރެއް އޮންނާނެ ކަމަށް ބެލެވެ އެވެ. އެހެންކަމުން، އޭނާ ހުރީ މިރޭ އާޖެންޓީނާ ބަލިކޮށް 2014ގެ ހިތި ހަނދާންތައް ބަަދަލުކޮށްލުމުގެ އުންމީދުގަ އެވެ.
"އަހަރެން އޭރު ޓީމުގައި ހުރި. އެކަމަކު، އަހަރަމެން ބޭނުންވި ގޮތަކަށް ނޫން އެ މެޗު ނިމުނީ. އެކަމަކު މިހާރު އަހަރަމެން ބޭނުންވަނީ އެ ފަހަރުގެ ހިތި ހަނދާން ބަދަލުކޮށްލަން،" ޑިޕާއީ ބުންޏެވެ.

2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުގެ ތެރެއިން ވެން ހާލް (ކ) އޭރު ޓީމުގައި ތިބި މުހިންމު ކުޅުންތެރިންނަށް ބުނެދެނީ.
ކުއާޓާ ފައިނަލްގައި މިރޭ އާޖެންޓީނާ އަތުން މޮޅުވެއްޖެނަމަ، ނެދަލޭންޑްސް ސެމީ ފައިނަލްގައި ނުކުންނާނީ ބްރެޒިލް ނޫނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ.
ނެދަލޭންޑްސްގެ ކޯޗު ވެން ހާލް ބުނީ އާޖެންޓީނާ ފަދަ ޓީމުތަކާ ކުރިމަތިލާޢިރު، މިއީ ނެދަލޭންޑްސްގެ ޓީމުން ފެންވަރު މައްޗަށް ޖައްސާލަންވީ ވަގުތު ކަމަށެވެ.
"މި މުބާރާތުގައި ކުރިން އަހަރެމެން ވާދަކުރި ޓީމުތަކަށް އިހުތިރާމްކުޑަކުރަން ބުނާ ވާހަކައެއް ނޫން މިއީ. އެކަމަކު އާޖެންޓީނާ އާއި ބްރެޒިލް ކަހަލަ ޓީމުތަކަކީ އަހަރަމެން ގުރޫޕް ސްޓޭޖު އަދި ގަދަ 16ގައި ކުޅުނު ޓީމުތަކަށް ވުރެ ވަރަށް ތަފާތު ފެންވަރުގެ ޓީމުތައް. އަހަރަމެންނަށް ވޯލްޑް ކަޕް އަސްލު މި ފެށުނީ ކުއާޓާ ފައިނަލާ ހިސާބުން،" ވެން ހާލް ބުންޏެވެ.
އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ހުއްޓުވުމާ ގުޅޭގޮތުން ވެން ހާލް ބުނީ އެންމެ މުހިންމު ކަމަކީ މެސީ އަށް ބޯޅަ ލިބޭ މަގުތައް ބަންދުކުރުން ކަމަށެވެ.
"މެސީ ހުއްޓުވުމަށް އަހަރެން ގެންގުޅޭ ހުރިހާ ޓެކްޓިކްސްއެއް ހާމައެއް ނުކުރާނަން. އެއީ މޮޔަކަމަކަށް ވާނީ. އެކަމަކު މާ އުނދަގޫ ޖަވާބެއް ނޫން އޮތީ. މެސީ އަށް ބޯޅަ ލިބެން އޮތް މަގުތައް ވީހާ ވެސް މަދުކުރަންޖެހޭނީ،" ވެން ހާލް ބުންޏެވެ.
އާޖެންޓީނާ އާއި ނެދަލެންޑްސް ބައްދަލުކުރާ މެޗު ފަށާނީ މިރޭ 00:00 ގައެވެ. -- އޭއެފްޕީ












