ބްރެޒިލަކީ ކިތަންމެ ކުޑަ އަަވަށެއްގައި ވިޔަސް، ކޮޅެއް މެދެއް ނެތް މިންވަރަށް ފުޓްބޯޅައިގެ ފޯރި އޮތް ގައުމެކެވެ. ބްރެޒިލްގެ އެސްޕިރީޓޯ ސަންޓޯގެ ނޯވާ ވެނޭޝިއާ ސަރަހައްދުގައި ދިރިއުޅެނީ އެންމެ 50،000 މީހުން ކަމުގައި ވިޔަސް، އެ އަވަށަށް ނިސްބަތްވާ ޅަ ޒުވާނުން، ފަހުން ފުޓްބޯޅަ ތަރިންނަށް ބަދަލުވުމަށް ފަހު ވަނީ ގައުމީ ލެވަލްގައި ވެސް ވިދާލައިފަ އެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިއަކީ މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގައި ބްރެެޒިލްގެ ލެޖެންޑަރީ، ނުވަ ނަމްބަރު ޖޯޒީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރިޗާލިސަން އެވެ.
ރިޗާލިސަން އަކީ އެންމެ ކުޑަ އިރުއްސުރެ ވެސް ގޭގައި މަޑުކޮށްގެން ހުންނަން ޝައުގުވެރިވާ ޒުވާނެއް ނޫނެވެ. އޭނާގެ ހިތްހަމަ ޖެހުމަކީ މަގުމައްޗަށް ނުކުމެ، ރަށްޓެހިންނާ އެކު ސަކަރާތްޖަހައި، އެންމެ ޝައުގުވެރިވާ ފުޓްބޯޅައިން ކުރިއަށްދާން ބޭނުންވި ޒުވާނެކެވެ. ހުސްފައިގައި ކުޅެން ޖެހުނަސް އަވީގައި، ތިން ގަޑިއިރު ނޫނީ ހަތަރު ގަޑިއިރު ވެސް ފުޓްބޯޅަ ކުޅެން ހުންނަން ވިޔަސް ޝަކުވާއެއް ނެތެވެ. ގިނަ ފަހަރު ގެޔަށް ދެވެނީ އިރުއޮއްސި އަދިރިވީމަ އެވެ. ނޫނީ ކުޅޭނެ އިތުރު ބަޔަކު ނެތި ހުންނަން ޖެހުމުންނެވެ. އެހެން ނޫންނަމަ ކުޅެން އުޅޭ ސަރަހައްދެއްގެ ލައިޓްތައް ނިއްވާލުމުންނެވެ.
ދަތި ދިރިއުޅުމެއް، ފުރުސަތު ލަސް ވިޔަސް ހިތް މަރެއް ނުވި
ބްރެޒިލްގެ ގިނަ ކުޅުންތެރިންތަކެކޭ އެއްގޮތަށް ރިޗާލިސަން އަކީ ވެސް ތަނަވަސް އާއިލާ އަކަށް އުފަން ކުޅުންތެރިއެއް ނޫނެވެ. ބައްޕަ އަކީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހެކެވެ. މަންމަ މަސައްކަތަކީ ކުޑަ އުޖޫރަ އަކަށް ނަމަވެސް މީހުންގެ ގޭގެ ސާފުކުރުމެވެ. ރިޗާލިސަން ކުޑައިރުގައި، އުޅުނު ގޭގެ ކުއްޔަކީ 250 ރެއާއިސް (50 ޑޮލަރު) އެވެ. އެކަމަކު، އެ ވަރުގެ ކުއްޔެއް ދައްކައި، މަސައްކަތް ކޮށްގެން، ކައިބޮއި ހަދަން ލިބެނީ މަދު އަދަދެކެވެ. އޭގެއިން ވެސް ފައިސާ ރައްކާކޮށް، ރިޗާލިސަން އަށް ފުޓްބޯޅަ އިން ކުރިއަށްދެވޭތޯ އާއިލާ އިން ދިޔައީ ވެވުނު މިންވަރަކުން ހަރަދުކުރަމުންނެވެ.
ރިޗާލިސަންގެ ބައްޕަ އެންޓޯނިއޯ ޑި އަންޑްރާޑް އަކީ ކުރިން ބްރެޒިލްގެ އާދައިގެ ލެވަލްގައި ކުޅުނު ކުޅުންތެރިއެކެވެ. އޭނާ ކުޅުނު މެޗުތައް ރިޗާލިސަން އަށް ދައްކައި، އެ އަށް ވުރެ މޮޅަށް ކުޅެން އަބަދުވެސް ހިތްވަރު ދިނެވެ. އިތުރު މެޗުތައް ބަލަން، ލޮރީ އާއި އެކި ވެހިކަލް ތަކުގައި ގޮސް، ބްރެޒިލްގެ އެކި ދަނޑުތަކުގައި ކުޅޭ އެކި މުބާރާތްތަކާއި އެ ނޫން ވެސް މެޗުތައް ބަލާ ހެދި އެވެ.

ރިޗާލިސަން 2018 ވަނަ އަހަރު ވަޓްފޯޑްގެ މެޗެއްގެ ތެރެއިން ބޯޅަ ފޮނުވާލަނީ.
ފުޓްބޯޅައިގައި ކުރިއަށްދާން ރިޗާލިސަން ބޭނުންވި ދުވެލީގައި އެކަން ނުވި އެވެ. ރިޗާލިސަންގެ ގިނަ ރަށްޓެހިން ރަނގަޅު މަގުން ކަންސާލައިގެން ގޮސް، ޑްރަގާއި ފައިސާ ހޯދުމުގެ ކަންކަމުގައި ގޯސް ކަންކަން ކުރަން އިހުތިޔާރުކުރި އެވެ.
ޒުވާން އުމުރުގައި އަހަރެން ދެކުނިން ވަރަށް ގިނަ ފައިސާ ވެސް، ހަތިޔާރު ވެސް، ޑްރަގް ވެސް. އެ ކަންކަން ފެނުނު ދުވަސްވަރަކީ އަހަރެން ދިރިއުޅުމުގައި އިހުތިޔާރު ކުރާނީ ކޮން މަގެއްތޯ ކަނޑައަޅަންވީ ވަގުތު. އަހަރެން އިހުތިޔާރުކުރީ ފުޓްބޯޅަ. ރިޗާލިސަން
ޔަގީންކަމާ އެކު ކުރިއަށްދާން ރިޗާލިސަން އަށް އެހީތެރިވެދިން ފަރާތަކީ އޭނާ ބައްޕަ، އަންޑްރާޑް އެވެ. އުފަން ސަރަހައްދުގެ ޓީމުތަކަށް ރިޗާލިސަން ދިޔައީ ކުޅެމުންނެވެ. އެއީ އުމުރުން 10 އަހަރުން ފެށިގެން 16 އަހަރާ ދެމެދުގަ އެވެ. އޭރު ފުރުސަތު ލިބޭ ވަރަކަށް ބޮޑެތި ޓީމުތަކުގެ ޓްރަޔަލްތަކުގައި ވެސް ދިޔައީ ބައިވެރިވަމުންނެވެ. އެކަމަކު، އެ ހިސާބުން ކުރިއަށް ނުގޮސް ހުއްޓެނީ އެވެ.
އެންމެ ބޮޑު ޓީމެއްގެ ޓްރަޔަލްގައި ބައިވެރިވާން ހަރަދުކުރަން ޖެހޭ ފައިސާ ރިޗާލިސަންގެ ބައްޕަ އަންޑްރާޑް އަތުގައި ނެތުމުން އޭނާ ވެސް ހުރީ ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ. އެކަމާ މާޔޫސްވެ، ފުޓްބޯޅަ ކުޅުން ހުއްޓާލުމުގެ ވިސްނުން ރިޗާލިސަންގެ ސިކުނޑި އަށް އަޔަނުދޭން ގިނަ މަސައްކަތްތަކެއް ދިޔައީ ކުރަމުންނެވެ.
ރިޗާލިސަންގެ ބޮޑުބޭބެ، އެލްޓަން ޑި އަންޑްރާޑް، އަކީ ފުޓްބޯޅަ ޓްރެއިނަރެކެެވެ. ރިޗާލިސަން އަށް ފުރުސަތު ހޯދައިދޭން އޭނާ ވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ. ފުރުސަތު ނުލިބި ހޭދަވާ ކޮންމެ ދުވަހެއްގައި ރިޗާލިސަން ގޮސް، ރޯން އިންނަނީ އެލްޓަންގެ ގޭގަ އެވެ. އެއީ އޭނާގެ މަންމަ އާއި ބައްޕަ އަށް ނުފެންނަ ހިސާބެއްގައި އެކަން ކުރުމަށެވެ.

ރިޗާލިސަން، 2017 ވަނަ އަހަރު ފްލުމިނެންސޭ މެޗެއްގެ ތެރެއިން ބޯޅަ ކޮންޓްރޯލް ކުރަން މަސައްކަތް ކުރަނީ.
ދުވަސްތައް ގުނަމުން ދަނިކޮށް ރިޗާލިސަންގެ އަތުގައި ނަސީބު ހިފީ އެވެ. ބްރެޒިލްގެ ފުޓްބޯޅަ އެޖެންޓެއް ކަމަށްވާ ނިވާލްޑޯ ރަމާޅޯ ހޯދައިދިން ފުރުސަތެއްގައި ރިޗާލިސަން އަށް އެމެރިކާ މިނޭރޯ އިން ޓްރަޔަލެއް ލިބުނެވެ. އެއީ 2015 ވަނަ އަހަރު އެވެ. މިއީ ކޮންމެ ހެނެއް ވިޔަސް، ބޭނުން ހިފަން ޖެހޭނެ ފުރުސަތެއް ކަމަށް ދެކިގެން، ރިޗާލިސަން ވަރަށް ހިތްވަރުކުރުމުގެ ނަތީޖާ އަކަށްވީ އެ ޓީމުން ތިން ދުވަސް ތެރޭގައި އޭނާ އަށް ކޮންޓްރެކްޓް ދިނުމެވެ.
މާގިނަ ދުވަސްތަކެއް ނުވެ، ބްރެޒިލްގެ ފުރަތަމަ ޑިވިޝަން ކްލަބް، ފްލުމިނެންސޭ އިން ރިޗާލިސަންގެ ސޮއި ހޯދި އެވެ. ފްލުމިނެންސޭގައި ހޭދަކުރި އަހަރެއްހާ ދުވަސްތެރޭ ރިޗާލިސަންގެ ވިދުންގަދަވެ، ބްރެޒިލުން ބޭރަށް އޭނާގެ ވާހަކަތައް ދާން ފެށި އެވެ. އެ ހިސާބުން، ރިޗާލިސަން އަށް ދެން، ހުށަހެޅުމެއް އައީ އިނގިރޭސި ޕްރިމިއާ ލީގުގެ ވަޓްފޯޑް އިންނެވެ.
ވަޓްފޯޑަށް ބަދަލުވެ، އެ ޓީމުގައި ވެސް މޮޅަށް ކުޅެން ފަށައި، އެއް ސީޒަނަށް ފަހު، 2018 ވަނަ އަހަރު ރިޗާލިސަން ބަދަލުވީ އެވަޓަން އަށެވެ.
އެވަޓަން އަކީ ރިޗާލިސަންގެ ކެރިއަރުގައި އާ ހަރުފަތަކަށް ދެވުނު ކްލަބް އެވެ. ބްރެޒިލް ގައުމީ ޓީމުން ވެސް ރިޗާލިސަން އަށް ގަވާއިދުން ފުރުސަތު ލިބެން ފެށީ އެވަޓަންގައި އޭނާ ދައްކަން ފެށި ތަފާތު ފޯމެއްގެ ސަބަބުންނެވެ. އެވަޓަން އަށް މި އަހަރުގެ މެއި މަހުގެ ނިޔަލަށް ކުޅުނުއިރު، އެ ޓީމަށް ރިޗާލިސަން ވަނީ 53 ގޯލު ޖަހައިދީފަ އެވެ. އެ މުއްދަތުގައި އެ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިނީ ވެސް ރިޗާލިސަން އެވެ.
ބްރެޒިލްގައި ލިިބުނު ކޮންމެ ފުރުސަތެއްގައި ވެސް ތަފާތު ދެއްކި
ބްރެޒިލްގެ ޖޯޒީގައި ރިޗާލިސަން އެންމެ ފުރަތަމަ މެޗެއް ކުޅުނީ 2017 ވަނަ އަހަރު، އެ ފަހަރު އޮތް ދެކުނު އެމެރިކާގެ 17 އަހަރުން ދަށުގެ މުބާރާތުގަ އެވެ. އެ މުބާރާތުގެ އަށް މެޗުން އޭނާ ވަނީ ދެ ގޯލު ޖަހައިފަ އެވެ.
ރިޗާލިސަން އަށް ބްރެޒިލް ސީނިއާ ޓީމުން އެންމެ ފުރަތަމަ ޖާގަ ލިބުނީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގަ އެވެ. ބްރެޒިލްގެ ކޯޗު ޓީޓޭ، އެ ފަހަރު ރިޗާލިސަން ސްކޮޑަށް ނެގީ ފުރަތަމަ ނެގި ސްކޮޑުގައި ހިމެނުނު ޕެޑްރޯ އަށް އަނިޔާވުމުން އޭނާގެ ބަދަލުގަ އެވެ.
ބްރެޒިލް ސީނިއާ ޓީމަށް މެޗެއް ކުޅުމުގެ ފުރުސަތު ރިޗާލިސަން އަށް ލިބުނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، އެމެރިކާއާ ދެކޮޅަށެވެ.
މިދިޔަ އަހަރަކީ ރިޗާލިސަން އަށް ބްރެޒިލް ޖޯޒީގައި ހާއްސަ އަހަރެކެވެ. ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ކުޅުމުގެ އިތުރުން، އޮލިމްޕިކްސް އިން ރަން މެޑަލް ހޯދި ބްރެޒިލް ޓީމުގައި ރިޗާލިސަން ވިދާލި އެވެ.

ބްރެޒިލުން މިދިޔަ އަހަރު އޮލިމްޕިކްސް ކާމިޔާބުކުރުމަށް ފަހު ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން ރިޗާލިސަން.
އޮލިމްޕިކްސްގައި ކުޅުނު ފުރަތަމަ މެޗުގައި 30 މިނިޓް ތެރޭ ޖަރުމަނު ކޮޅަށް ހެޓްރިކް ހަދައި، މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ރިޗާލިސަން އެވެ. ބްރެޒިލުން އޮލިމްޕިކްސް ފުޓްބޯޅަ އިވެންޓްގެ ރަން މެޑަލް ދިފާއުކުރިއިރު، 10 ނަމްބަރު ޖޯޒީގައި ކުޅެ، ރިޗާލިސަން ވަނީ ތަފާތު ދައްކައިފަ އެވެ.
"އަހަރެން 10 ނަމްބަރު ޖޯޒީ ލައިގެން، ކުޅޭތީ ޑެނީ އަލްވޭސް އައިސް ބުނީ، ތިއީ 10 ނަމްބަރު ޖޯޒީއޭ، ތީގެ އަގު ހިފަހައްޓަން ގޯލު ޖަހަން ޖެހޭނެއޭ. އަހަރެންގެ ޕްރޮފެޝަނަލް ކެރިއަރުގެ ފުރަތަމަ ހެޓްރިކް ހެދުނީ ބްރެޒިލް 10 ނަމްބަރު ޖޯޒީގައި،" ޕެލޭ، ޒީކޯ، ރޮނާލްޑީނިއޯ އަދި ނޭމާ ބޭނުންކުރި ޖޯޒީ ނަމްބަރުގައި ތަފާތު ދެއްކުނުކަން ހަނދާން އާކޮށް އުފަލާ އެކު ރިޗާލިސަން ބުންޏެވެ.
"ބްރެޒިލްގެ 10 ނަމްބަރު ޖޯޒީގެ ވަރަށް ޒިންމާ ބޮޑު، އަހަންނަށް އޭގެ އަގު ހިފެހެއްޓުނު،"
ރިޗާލިސަން، 25، ބުނީ އޭނާ އަށް 10 ނަމްބަރު ޖޯޒީ ދިނުމުން އެންމެ ފުރަތަމަ ގިނަ ބަޔަކަށް އެކަން ގަބޫލުނުކުރެވުނު ކަމަށެވެ. އެކަމަކު، އަމިއްލަ ފެންވަރު ސާބިތުކޮށްދޭން ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށް ރިޗާލިސަން ބުންޏެވެ.
މި ފަހަރުގެ ވޯލްޑް ކަޕް ސްކޮޑަށް ރިޗާލިސަން ނެގުން ވެސް ވެގެންދިޔައީ ގިނަ ބަޔަކަށް ގަބޫލުކުރަން އުނދަގޫ ނިންމުމަކަށެވެ. ހާއްސަކޮށް، ރިޗާލިސަން މި ވަގުތު ކްލަބް ލެވަލްގައި ކުޅެމުން އަންނަ ޓޮޓެންހަމް ހޮޓްސްޕާސްގައި އޭނާ އަށް މި ސީޒަނުގައި ގޯލު ޖެހުމަށް ބަލާއިރު، އެންމެ ރަނގަޅު ކުޅުމެއް ދެއްކިފައިނުވާތީ އެވެ.
އެހެން ނަމަވެސް ބްރެޒިލްގެ ކޯޗު ޓީޓޭ ނިންމީ ރިޗާލިސަން، ވޯލްޑް ކަޕްގެ 26 ކުޅުންތެރިންގެ ސްކޮޑަށް ނަގައި، ތާރީހީ 9 ނަމްބަރު ޖޯޒީ، ރިޗާލިސަން އަށް ދިނުމަށެެވެ.
ބްރެޒިލުން މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ރިޗާލިސަން ވަނީ 9 ނަމްބަރު ޖޯޒީގައި ވެސް ތަފާތު ދެއްކިދާނެކަން ސާބިތުކޮށްދީފަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލް ކުޅުނު ފުރަތަމަ މެޗުގައި ސާބިއާ އަތުން މޮޅުވިއިރު، ރިޗާލިސަން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. މީގެ ތެރެއިން ދެ ވަނަ ގޯލަކީ ތަފާތު މޮޅު ލަނޑެކެވެ. މި ފަހަރުގެ ވޯލްޑް ކަޕްގެ އެންމެ މޮޅު އެއް ގޯލަކީ މިހާތަނަށް އެ ލަނޑެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ރިޗާލިސަން ސާބިއާ ކޮޅަށް އެކްރަބެޓިކް ކިކަކުން ގޯލު ޖަހަނީ: މިއީ މި ފަހަރުގެ ވޯލްޑް ކަޕްގައި ފެނުނު އެންމެ މޮޅު ގޯލު
"ބްރެޒިލްގެ ކޮންމެ ޖޯޒީއެއް ލިޔަސް އޭގެ އަގު ހިފަހައްޓަން ޖެހޭނެ،" މި ފަހަރުގެ ވޯލްޑް ކަޕްގައި ޖުމްލަ ތިން ގޯލު ޖަހައި، އެއް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ރިޗާލިސަން ބުންޏެވެ.
ބްރެޒިލް ޓީމުގައި ރިޗާލިސަންގެ މަގާމަށް ދެން ކުޅެން ނެގި އާސެނަލްގެ ފޯވާޑް ގަބްރިއެލް ޖީސޫސްގެ ކަކުލަށް އަނިޔާވެ، އޭނާ އަށް ވަނީ ވޯލްޑް ކަޕް ނިމިފަ އެވެ. އެހެންކަމުން، ބްރެޒިލް ޓީމުން ސްޓްރައިކަރެއްގެ ރޯލު ދެން އަދާކުރަން ޖެހޭނީ ރިޗާލިސަންއާ އެވެ. އޭނާ ހުރީ ކޮންމެ ފުރުސަތެއްގެ ވެސް ބޭނުންހިފަން ތައްޔާރަށެވެ.
ރިޗާލިސަންއާ އެކު ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅޭ ބްރެޒިލްގެ ދެ ކުުޅުންތެރިން ކަމަށްވާ ލޫކަސް މޯރާ އާއި އެމަސަން ރޯޔާލް ގަބޫލުކުރާ ގޮތުގައި ރިޗާލިސަން އަށް ހައްގުވާ ތައުރީފު، ބްރެޒިލްގެ ފުޓްބޯޅަ ސަޕޯޓަރުންގެ ފަރާތުން ނުލިބެ އެވެ.
ފާޑުކިޔުންތަކުގެ ތެރެއިން ވެސް ރިޗާލިސަން ކާމިޔާބު ހޯދަން ކުރާ މަސައްކަތަށް ހިތްވަރު ދޭން ޖެހެ ކަމަށް އެމަސަން ވަނީ ބުނެފަ އެވެ.
ބްރެޒިލް ގައުމީ ޓީމަށް ވެސް ކުޅެފައިވާ މޯރާ ބުނީ، ބްރެޒިލްގެ ލެޖެންޑަރީ ދެ ނަމްބަރެއްގައި ކުޅެ ތަފާތު ދެއްކޭނީ މަދު ކުޅުންތެރިއަކަށް ކަމަށާއި 10 ނަމްބަރު ޖޯޒީގައި އޮލިމްޕިކްސް އިން ރަން މެޑަލް ހޯދި ރިޗާލިސަން މިއަދު 9 ނަމްބަރު ޖޯޒީގައި ވޯލްޑް ކަޕެއް ހޯދަން އެ ދައްކާ ކުޅުމަށް ސަޕޯޓް ދޭން ޖެހޭ ކަމަށެވެ.
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިރޭ ބްރެޒިލުން ކުޅޭނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ.













