މިދިޔަ ހަ ވަރަކަށް އަހަރަށް ބަލާއިރު ރާއްޖޭގެ ބާސްކެޓްބޯޅައިގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް އުފެދި ގިނަ ކުޅުންތެރިންތަކެއް ވަނީ ފުރަތަމަ ޑިވިޝަންގައި ތަފާތު ދައްކައިފަ އެވެ. މި ކުޅުންތެރިންނަށް ގައުމީ ސްކޮޑުން ފުރުސަތު ލިބި ބައެއް ކުޅުންތެރިން މިހާރު އަންނަނީ ގައުމީ ޓީމަށް ކުޅެމުންނެވެ. އެންމެ ބާރު ދުވެލީގައި އެންމެ އުހަށް އެރި ކުޅުންތެރިންގެ ވާހަކަ ބާސްކެޓުގައި ދައްކާ ކަަމަށް ވާނަމަ މުހައްމަދު ސަބީހު ތައުފީގުގެ ނަން ނުހިމަނައި، އެ ވާހަކަ މިހާރު ފުރިހަމަ ކުރެވޭކަށް ނެތެވެ.
މި ކަމަށް އެންމެ ބޮޑަށް ހެކިދޭ ދަލީލަކީ މިދިޔަ ބުދަ ދުވަހުގެރޭ ނިމުނު އެމްބީއޭ ޗެމްޕިއަންޝިޕްގައި ސަބީހު ދެއްކި މޮޅު ކުޅުމެވެ. ސިނިއާ ކެރިއަރުގެ ހުރިހާ ދުވަހެއް ހޭދަކުރި ސްޓިންގާސް ބާސްކެޓްބޯޅަ ކުލަބު ދޫކޮށް މި ފަހަރު އާ ކުލަބަކަށް ކުޅެ އޭނާ ދެއްކި ޖާދުލަކީ ރާއްޖޭގެ ބާސްކެޓްބޯޅައިގެ ކުރިމަގުން އުޖާލާކަން ފެންނަ މަންޒަރެކެވެ.
މި އަހަރުގެ ކުރީކޮޅު އޮތް ގައުމީ މުބާރާތަށް ފަހު ސްޓިންގާސް ދޫކޮށް ސަބީހު ކިންގްސް އަށް ބަދަލުވީ ކެރިއަރުގެ އާ ޗެލެންޖަކަށް އަތުކުރި އޮޅާލައިގެންނެވެ. ސަބީހު ބުނާ ގޮތުން އޭނާ ބާސްކެޓުގެ ތަރިއަކަށް ހަދައިދިން ދެ ކޯޗުން ކަމަށްވާ މުހައްމަދު ނަސީރު (މޮއްޑެ) އާއި ހުސައިން ޒަމީލް (ޒަމްބެ)ގެ ހިޔަލުން ނުކުމެ އާ ދިމާއަކަށް މިސްރާބު ޖެހީ އާ ކަންތައްތަކެއް ދަސްކޮށް އިތުރު ހަރުފަތަކަށް ކުރިއަށްދިޔުމުގެ އުއްމީދާ އެކުގަ އެވެ.
"ކިންގްސް އިން ޒިލާ ކޯޗު ގުޅީމަ އަސްލު ބޭނުންވީ ބަދަލުވާން، ގަބޫލުކުރީ މިއީ ކަމަށް އެންމެ ރަނގަޅު ދަނޑިވަޅަކީ އާ ޗެލެންޖެއް ނަގަން. އަނެއްކޮޅުން، ޒިލާ ކޯޗަކީ އަބަދުވެސް ވަރަށް ލުކްފޯވާޑްކުރާ ޕާސަންއެއް އޭޒް އަ ޕްލޭޔާވެސް" ސަބީހު، "އަދަދު" އަށް ބުންޏެވެ.
މިދިޔަ މާޗު މަހު ނިމުނު ގައުމީ ލީގަށް ފަހު ކިންގްސްގެ މުހިންމު ކުޅުންތެރިންތަކެއް ކުލަބު ދޫކޮށްލުމާ އެކު އެ ކުލަބުން ބަދަލުތަކަކަށް މިސްރާބު ޖެހި އެވެ. ގައުމީ ޓީމާއި ކިންގްސްގެ އެންމެ ފާހަގަކޮށްލެވޭ ދެ ގާޑުން ކަމަށްވާ އިބްރާހިމް އަންފާލް ޝަރީފް (އަންޓެ) އާއި މުހައްމަދު ހުވައިލިދު އަލީ (ހުވޭ) ކިންގްސް ދޫކޮށް ވާދަވެރި ޓީރެކްސް އަށް ގުޅުމާ އެކު އެ ކުލަބަށް އާ ކުޅުންތެރިން ބޭނުންވި އެވެ. ކިންގްސްގެ ކޯޗު މުހައްމަދު ޒިލާލް (ޒިލާ)ގެ ފުރަތަމަ ހޮވުމަކަށްވީ ވެސް ކޯޓުމަތީގައި އެންމެ މަސައްކަތު ރޭޓު ރަނގަޅު ކުޅުންތެރިޔާގެ ގޮތުގައި ފާހަގަވާ ސަބީހު އެވެ.
"އަސްލު އަންޓެއާ ހުވޭއާ ދިޔައިމަ އެތަނަށް ރަނގަޅު ޕެލޭޔަރެއް ގެންނަން ބެލިއިރު ސަބީ އެންމެ ބޮޑަށް ގެންނަން ބޭނުންވީ. އެއީ ސްކިލް ހުރެފައި، ވޯކްރޭޓް ރަނގަޅުވެފައި އަބަދުވެސް ކަންކަން ދަސްކުރަން ބޭނުންވާ މިންވަރު އޭނާގެ ކިބައިން ފެންނާތީ. ޒިލާ ކުޅުންތެރިއެއް ކިބައިން ބޭނުންވާ ހުރިހާ ކަމެއް ހުންނަ ޕްލޭޔާއެއް ސަބީ އަކީ" ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، ޒިލާ ބުންޏެވެ.
ޒިލާ ބުނީ ދަށްކޮށް ކުޅެވޭ ދުވަސްތަކުގައި ވެސް ކޯޗު ބޭނުންވާ ކަހަލަ ކުޅުމެއް ދައްކާނެ، އިތުބާރު ހިފޭ ކުޅުންތެރިން ތިބޭނީ ވަރަށް މަދުން ކަމަށާއި، ސަބީހު އަކީ އެކަހަލަ ތަފާތު ކުޅުންތެރިއެއް ކަމަށެވެ. އާ ކުޅުންތެރިއެއް ކަމުގައި ވިޔަސް ސަބީހު ފެނުނީ ވަރަށް ޓީމާ ގުޅޭ، ހުރިހާ ކަމެއްގައި ވެސް ވަރަށް ޓީމް ޕްލޭޔާއެއްގެ ގޮތުގައި ކަމަށް ވެސް ޒިލާ ފާހަގަކުރި އެވެ.
ކިންގްސްއާ އެކު ސަބީހުގެ ފުރަތަމަ ތަޖުރިބާ އަކަށްވީ އެމްބީއޭ ޗެމްޕިއަންޝިޕެވެ. މުބާރާތުގައި ކިންގްސް ކުޅުނު ހުރިހާ މެޗެއްގައިވެސް ސަބީހު ފެނުނީ އެންމެ ފާހަގަކުރެވޭ އެއް ކުޅުންތެރިޔާގެ ގޮތުގަ އެވެ. ހުރިހާ މެޗެއްގައި ވެސް އެއްވަރެއްގައި ކުޅުނެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ސަބީހު ހިމެނުނުއިރު، މެޗަކަށް 16 ޕޮއިންޓުގެ އެވްރެޖުކޮށް ސްކޯކޮށް މުބާރާތުގެ ތިން ވަނަ އަށް އެންމެ ގިނައިން ސްކޯކުރި ކުޅުންތެރިއަކީ ސަބީ އެވެ. ދިހަ މެޗުގައި 51 އެސިސްޓް ހަދައި މުބާރާތުގައި އެންމެ ގިނަ އެސިސްޓް ހެދި ކުޅުންތެރިއަކީވެސް ސަބީހު އެވެ.

އެމްބީއޭ ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި ޓީރެކްސްގެ ހުސައިން ހަލީމް ކައިރިން ކިންގްސްގެ ސަބީހު ބޯޅަ ހިފައިން ދަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
ފައިނަލް މެޗުގައި ވަކިން ހާއްސަކޮށް ސަބީހު ފެނުނީ ކޯޗު ޒިލާގެ މައި ހަތިޔާރުގެ ގޮތުގަ އެވެ. ކިންގްސްގެ ނޫލާ ހުދުގެ ލަޝްކަރުން ގޮސް ރަތް ކުލައިގެ ޓީރެކްސް ކިއްލާ ފަތަހަކުރިއިރު، ކިންގްސްގެ މައި އެއް ކޮމާންޑަރަކީ ސަބީހު އެވެ. މުޅި ހަނގުރާމައިގެ އޮއެވަރު އެންމެ މުހިންމު ހިސާބުތަކުގައި ބަދަލުކޮށްލި ކުޅުންތެރިޔާއަކީ މި ވަގުތު ރާއްޖޭގައި ހުރި އެންމެ ވިސްނުންތޫނު ހުނަރުވެރިޔާ އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ސަބީހު ހިމެނުމަކުން ކޯޗު ޒިލާ ހައިރާނެއް ނުވެ އެވެ. ޕްރެކްޓިސްގައި ފެނުނު ކަންތައްތަކާއި ސަބީހު އަމިއްލަ އަށް ކަންކަން ދަސްކުރަން ބޭނުންވެގެން ކުރި ހިތްވަރަށް ބަލާއިރު ޒިލާ ބުނަނީ ސަބީހު ދެއްކީ ހައިރާންވާންޖެހޭ ވަރުގެ ކުޅުމެއް ނޫން ކަމަށެވެ.
"މުބާރާތް ފެށިއިރުވެސް އެނގޭ ޓީމުގެ އެންމެ ކީ އެއް ޕްލޭޔަރަށް އޭނާ ވާނެކަން. މިސާލަކަށް ފައިނަލްގައި އަހަރުމެން ލީޑެއް ނަގަން ކުރި މަސައްކަތުގައި ވެސް އޭގެ ފަހުން ލީޑު ދިފާއުކުރިއިރު، ޑިފެންސްގައި ވެސް ސަބީހު ފެނުނީ ތަފާތުކޮށް، އަނެއް ޓީމުގައި ތިބީ ގައުމީ ޓީމުގެ ސީނިއާ ހުރިހާ ގާޑުން. އަނެއްކޮޅުން ބޭނުންވި ދަނޑިވަޅުގައި މެޗުގެ އޮއިވަރު އަހަރެން ބޭނުންވާ ގޮތަށް ސަބީހު ބަދަލުކޮށްލާ. އެއީ ވަރަށް ފާހަގަކޮށްލެވޭ ކަމެއް" ކޯޗު ޒިލާ ބުންޏެވެ.
ކޯޗު ޒިލާ ގަބޫލުކުރާ ގޮތުގައި ސަބީހުގެ އެންމެ ރަނގަޅު ސިފައަކީ ކޮންމެ ދުވަހަކު ވެސް އިތުރަށް މޮޅުވާން ކުރާ މަސައްކަތެވެ. އަމިއްލަ އަށް އެކި ކޯޗުން ކައިރިން އަހައިގެން ކަންކަން ދަސްކުރަން ބަހައްޓާ ޝައުގުވެރިކަމެވެ. މިއީ އޭނާ އެހެން ކުޅުންތެރިންނާ ތަފާތުވާ މައިގަނޑު ސަބަބެވެ.
"ބައެއް ދުވަސް ދުވަހު ވަރަށް މޮޅަށް މެޗުގައި ކުޅެފައި ފައިބާފަ އަހާފާނެ ތިމަންނަ ކޮންކަމެއްހޭ ރަނގަޅު ކުރަންވީ. އެއީ އަސްލު ސަބީހު އެންމެ ބޮޑަށް ފާހަގަވާ ކަމަކީ. ދުވަހަކުވެސް އޭނާ ނޫޅޭނެ އެނގިގަނެގެން. އަބަދުވެސް އަހައި އޮޅުންފިލުވާނެ. އެ ޑިސިޕްލިން ނުހުރޭ ކޮންމެ ކޮންމެ ކުޅުންތެރިއެއް ގައިގައި" ޒިލާ ބުންޏެވެ.
އާ ޓީމަކާ އެކު ތަފާތެއް ދައްކަން ބަލާއިރު އެންމެ މުހިންމު ކަމަކީ އެ ކަމަށް ބަހައްޓާ ޝައުގާއި، އަމިއްލަ އަށް ކުރިއެރުން ހޯދަން ކުރެވޭ މަސައްކަތެވެ. ސަބީހު، ކިންގްސްއާ އެކު ހޭދަކުރި ހުރިހާ ދުވަހެއްގައި ވެސް ފެނުނީ އެއް ފެންވަރެއްގައި ފޫހިކަމެއްނެތި މަސައްކަތްކުރި ތަނެވެ.

އެމްބީއޭ ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ސަބީހު ބޯޅަ ހިފައިން ދަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
އޭނާ ފަރިތަކުރާތަން ފެންނާނީ ކިންގްސްގެ ޕްރެކްޓިސްގައި އެކަންޏެއް ނޫނެވެ. ހުސް ވަގުތުގައި އެކަނި އައިސް ޝޫޓިން ޕްރެކްޓިސް ކުރާނެ އެވެ. އަމިއްލަ އަށް ހެދިފައިހުރި މިސްޓޭކްތައް ބަލައި، އެކަންކަން ރަނގަޅުކުރަން ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން އިސްނަގައިގެން ކޯޗުންނާ މަޝްވަރާ ކުރާނެ އެވެ. ޓީމުގެ އެހެން ކުޅުންތެރިންނާ އެކު އޮންނަ ގުޅުން ބަދަހިކުރާނެ އެވެ. އޭނާގެ ކިބައިން ފެންނަނީ ނަމޫނާ ކުޅުންތެރިއެއް ފަރާތުން ފެންނާނެ ހުރިހާ ސިފަ އެކެވެ.
ސަބީހު ގަބޫލުކުރާ ގޮތުގައި އެއް ފެންވަރެއްގައި ކުޅެން ބަލާއިރު އެންމެ ބޮޑު ތަފާތެއް ފެންނާނީ އަމިއްލަ އަށް ކުރާ މަސައްކަތުގެ އިތުރުން އެކަނި ކުރެވޭ މަސައްކަތެވެ. އެއީ ދާއިމީ ގޮތެއްގައި ކާމިޔާބީ ހޯދަން ބަލާއިރު އެންމެ މުހިންމު އެއް އަސާސު ކަމުގައި އޭނާ ސިފަކުރެ އެވެ.
"އެއްވަރެއްގައި ކުޅެން ވަރަށް ގިނަ ކަންކަން ކުރެވޭ. އަބަދު ވެސް ބަލަނީ އަމިއްލައަށް އެ ހާޑްވޯކް ކުރުން. އެ ހަސަލް އެންމެ މުހިންމު އެއްޗަކީ. ޝޫޓިން ޕްރެކްޓިސް ކުރަން، ރަނގަޅަށް ކެއުން، ރަނގަޅަށް ނިދުން، ދެން ހަމަ ޖިމް. އަދި ކޯޗުން ބުނާ އެއްޗެހި އެގޮތަށް ކުރެވޭތޯ ބަލަން. ވަރަށް ގިނަ ކަންކަން ފުރިހަމަވެެގެން ރަނގަޅު ޕާފޯމަންސެއް މި ދެއްކެނީ" އެންމެ ފަހުން ގައުމީ ސީނިއާ ބާސްކެޓްބޯޅަ ޓީމާ އެކު ސާބާ ޗެމްޕިއަންޝިޕްގައި ވާދަކުރި ސަބީހު ބުންޏެވެ.
ސަބީހު ގަބޫލުކުރާ ގޮތުގައި އޭނާގެ ހުވަފެނީ މަންޒިލަށް ދިޔުމަށް ކުރާ ދަތުރުގައި މި އަހަރު މިއެޅުނީ މުހިންމު ބޮޑު ފިޔަވަޅެކެވެ. މި ފިޔަވަޅުން މަޑުމަޑުން ކުރިއަށް ޖެހި ދާން އޮތް މިސްރާބަށް ދެވޭނެ ކަމުގެ އިތުބާރު އެބައޮތެވެ. މި ދަތުރު ކާމިޔާބު ދަތުރަކަށް ހެދުމަށް ކޯޗު ޒިލާ އޭނާ އަށް ދެނީ ކުރު މެސެޖެކެވެ.
"ސަބީހު ގާތު އަބަދުވެސް ބުނަން އޮތީ ތިކުރާ ގޮތަށް ތި ވިސްނުމުގައި ކުރިއަށްދާން، އަމިއްލައަށް ތިކުރާ މަސައްކަތް ތިގޮތުގައި ކުރާށޭ" ޒިލާ ބުންޏެވެ.













