މި އަހަރުގެ ވޯލްޑް ކަޕަށް ސްޕެއިން ނުކުތީ ދެ ވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ އުންމީދުގަ އެެވެ. ސްޕެއިންގެ މަޝްހޫރު ޕާސިން ފުޓްބޯޅަ (ޓިކިޓަކާ)ގެ ސިސްޓަމަށް ފުރިހަމަ އަށް އިތުބާރު ކޮށްގެނެވެ. އެކަމަކު، ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ނުކުތް ސްޕެއިންގެ ޓީމުން އެނބުރި ރަށަށް ދާންޖެހުނީ މުބާރާތުގެ ގަދަ 16 ޓީމު ވާދަކުރާ ބުރުންނެވެ. މޮރޮކޯ އަތުން ޕެނަލްޓީ ޖަހައިގެން ސްޕެއިން ބަލިވިއިރު، ގަދަ 16ގެ މެޗުގައި މޮރޮކޯގެ މައްޗަށް ބޯޅައިގެ ޕޮސެޝަން އާއި ޕާސްތަކުން ކުރި ހޯދައިގެން، ސްޕެއިން އަށް ވީ އެއްވެސް ފައިދާއެއް ނެތެވެ.
މި އަހަރުގެ ވޯލްޑް ކަޕް ފެށުމުގެ ކުރިން އަދި މުބާރާތުގެ ތެރެއިން ވެސް އެންރީކޭ ވަނީ ސްޕެއިން ގެންގުޅޭ ޕާސިން ސިސްޓަމް ދިފާއުކޮށްފަ އެވެ. އެންރީކޭ ބުނީ ގޯލެއް ނުޖެހުނީމަ ސްޕެއިން އަށް ފާޑުކިއުންތައް އަމާޒުވިޔަސް، މޮރޮކޯ އިން މެޗުގައި ވަރަށް މޮޅަށް ޑިފެންސް ކުރިކަން ފާހަގަކުރަން ޖެހޭނެ ކަމަށެވެ.
"އަހަރަމެން މެޗު ކޮންޓުރޯލްކުރީ. ހަމައެކަނި މަދުވީ ލަނޑެއް. މިޑްފީލްޑުން މެޗު ކޮންޓުރޯލްކުރި،" އެންރީކޭ ބުންޏެވެ.
ފުޓްބޯޅައިގައި "ޓިކިޓަކާ"ގެ ނަމުން މަޝްހޫރުވެފައިވާ ސްޕެއިންގެ ޕާސިން ފުޓްބޯޅައިން މީގެ ކުރިން ކާމިޔާބީތައް ހޯދައިފައި އެބަހުއްޓެވެ. ސްޕެއިންގެ މަޝްހޫރު ކޯޗު ޕެޕް ގާޑިއޯލާ ބާސެލޯނާގައި ހުރިއިރު (2008-2012 އަށް) މި ސިސްޓަމް އެންމެ ރަނގަޅަށް ބޭނުންކޮށް ގިނަ ކާމިޔާބީތަކެއް ހޯދި އެވެ. ސްޕެއިން އިން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2008 އަދި 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރީ އެހެން ޓީމުތަކަށް ވުރެ ތަފާތު މޮޅު ކުޅުމެއް ދައްކައިގެންނެވެ.
އޭރު ސްޕެއިންގެ މިޑްފީލްޑް ލީޑު ކުރަމުންދިޔައީ ފުޓްބޯޅައިގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ދެ މިޑްފީލްޑަރުން ކަމަށްވާ އަންދްރެސް އިނިއެސްޓާ އާއި ޒަވީ ހެނާންޑޭޒް އެވެ. ސްޕެއިންގެ ޓީމުގެ މުގުލުގައި މި ދެ ކުޅުންތެރިން ދެއްކީ ތަފާތު މޮޅު ކުޅުމެކެވެ. އިދިކޮޅު ޓީމުތަކަށް ސްޕެއިން ހުއްޓުވުވާނެ ގޮތް އެނގުނު ނަމަވެސް، އެ ދެ ކުޅުންތެރިން އޭރު ތިބި ފެންވަރުން، އެއްވެސް ޓީމަކަށް އެކަން ކާމިޔާބެއް ނުވި އެވެ.
އެކަމަކު، ފުޓްބޯޅައިގެ ތަޖުރިބާކާރުން ދައްކާ ވާހަކައަކީ މިހާރު ސްޕެއިން އަށް މި ސިސްޓަމް އިން ނަތީޖާ ނުނެރެވޭ ކަމަށެވެ. މި ސިސްޓަމަށް ބަދަލެއް އަންނަންޖެހޭ ކަމަށެވެ. ވޯލްޑް ކަޕްގެ ތަފާސް ހިސާބާއި 2010 ވަނަ އަހަރުގެ ފަހުން ސްޕެއިންގެ ގައުމީ ޓީމުގެ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ނެރިފައިވާ ނަތީޖާތަކުން ތަޖުރިބާކާރުން ދައްކާ ވާހަކަތަށް ބާރުލިބެއެވެ.
1000 ޕާސް، ބޯލް ޕޮޒެޝަން 77 ޕަސެންޓް، ނަތީޖާ ސުމެއް
މޮރޮކޯއާ ދެކޮޅަށް ސްޕެއިން އިން ކުޅުނު މެޗުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ބޯލް ޕޮޒެޝަން އިން ސްޕެއިން ކުރި ހޯދާފައިވާ 77 އިންސައްތަ އިންނެވެ. މުޅި މެޗުގައި ސްޕެއިން އިން 1019 ޕާސް ޖެހިއެވެ. މީގެ ތެރެއިން ކާމިޔާބުވީ 926 ޕާހެވެ. މޮރޮކޯ އަށް ކާމިޔާބުވީ 304 ޕާހެވެ. ބޯލް ޕޮޒެޝަން އާއި ޕާސްތަކުގެ ސްޕެއިން އިން މޮރޮކޯގެ މައްޗަށް ކުރި ހޯދި ނަމަވެސް، ސްޕެއިން އިން މޮރޮކޯގެ ގޯލަށް ފޮނުވާލި 13 ޝޮޓްގެ ތެރެއިން ގޯލާ ދިމާލަށް (އޮން ޓާގެޓް) އަމާޒުކުރެވުނީ އެންމެ ޝޮޓެކެވެ. އަނެއްކޮޅުން، މޮރޮކޯ އިން މުޅި މެޗުގައި ހެދި ހަ ޝޮޓުގެ ތެރެއިން ގޯލާ ދިމާލަށް ދެ ޝޮޓް އަމާޒުކުރި އެވެ.
ސްޕެއިން އިން މޮރޮކޯގެ ގޯލަށް އެންމެ ޝޮޓެއް އަމާޒުކޮށްލެވުނުއިރު، މިއީ 1966 ވަނަ އަހަރު މެޗުގެ ތަފާސް ހިސާބުތައް ބަލަހައްޓަން ފެށި ފަހުން ވޯލްޑް ކަޕް މެޗެެއްގައި ސްޕެއިން އަށް އިދިކޮޅު ޓީމުގެ ގޯލަށް އެންމެ މަދުން ޝޮޓް އަމާޒުކުރެވުނު މެޗެވެ.
ސްޕެއިން އިން މި އަހަރުގެ ވޯލްޑް ކަޕް ފެށީ ކޮސްޓަ ރީކާ އަތުން 7-0 އިން މޮޅުވެގެންނެވެ. މި ނަތީޖާއާ އެކު ސަޕޯޓަރުންގެ އުންމީދު އާވިއެވެ. ސްޕެއިންގެ "ޓިކީ ޓަކާ" ސިސްޓަމާ އެކު މި އަހަރުގެ ވޯލްޑް ކަޕްގައި ވެސް ރަނގަޅު ކާމިޔާބެއް ލިބޭނެކަމުގެ އުންމީދު ބޮޑުވި އެވެ. އެކަމަކު، ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ވެސް، ސްޕެއިންގެ ޕާސިން ސިސްޓަމްގެ ހުރި ބާގަނޑުތައް އޮތީ ފެނިފަ އެވެ.
ގުރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުގައި ސްޕެއިން އަތުން ފަހަތުން އަރައި ޖަޕާން މޮޅުވިއިރު، އެ މެޗުގައި ވެސް ބޯލް ޕޮޒެޝަން އަދި ޕާސްތަކުން ކުރި ހޯދީ ސްޕެއިން އެވެ. އެ މެޗުގަައި ސްޕެއިން އިން 1000 އަށްވުރެ ޕާސް ޖެހިއެވެ. މެޗުން މޮޅުވީ ޖަޕާން އެވެ.
މި މުބާރާތުގެ ކުރިއަށް ޖެހިލާއިރު ވެސް ސްޕެއިންގެ ޕާސިން ގޭމްގެ ސިސްޓަމްގައި މިހާރު ހުރި ބަލިކަށިކަން އޮތީ ފެންނާށެވެ. ސްޕެއިން އިން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން އެ ޓީމުން ތިން ވޯލްޑް ކަޕެއްގައި ޖުމްލަ 11 މެޗު ކުޅުނުއިރު، މޮޅުވެފައިވަނީ އެންމެ ތިން މެޗެވެ. މޮޅުވެފައިވަނީ ކޮސްޓަ ރީކާ، އޮސްޓްރޭލިއާ އަދި އީރާން އަތުންނެވެ. ފުޓްބޯޅައިގެ ނަގާކިޔާ ބޮޑެތި ގައުމުތަކެއް ނޫނެވެ.
ބައިނަލްއަގްވާމީ މުބާރާތްތަކުގެ ނޮކްއައުޓް ބުރުތަކުގައި ސްޕެއިން އެންމެ ފަހުން ކުޅެފައިވާ ފަސް މެޗުވެސް އެކްސްޓްރާ ޓައިމާ ހަމައަށް ގޮސްފައިވެ އެވެ. މީގެ ތެރެއިން ހަތަރު މެޗު ވަނީ ޕެނަލްޓީ ޝޫޓްއައުޓާ ހަމައަށް ގޮސްފަ އެވެ. މީގެ ތެރެއިން ތިން ޕެނަލްޓީ ޝޫޓްއައުޓްގައި ސްޕެއިން ވަނީ ބަލިވެފަ އެވެ. މޮޅުވީ އެއް މެޗުންނެވެ.
ތަފާސް ހިސާބުތަކާއި ފެކްޓްތަކަށް ބަލާއިރު، ފާއިތުވި 10 އަހަރުގެ ތެރޭގައި ސްޕެއިން އިން ވާދަކޮށްފައިވާ ބައިނަލްއަޤުވާމީ ބޮޑެތި މުބާރާތްތަކުގައި، އެ ޓީމުގެ ޕާސިން ގޭމް ފެއިލްވެފައިވާކަން ބުނެވޭނެ ޖާގަ އެބައޮތެވެ. ސްޕެއިން އިން މި ޕާސިން ސިސްޓަމް ބޭނުންކޮށްގެން ބަލިކުރެވެނީ އެ ޓީމަށް ވުރެން ފުޓްބޯޅައިގައި ދަށް ގައުމުތަކެވެ.
މި އަހަރުގެ ވޯލްޑް ކަޕް އިން ޖަޕާނާއި މޮރޮކޯ އެ ދައްކައިދިނީ މަސައްކަތާއި ހިތްވަރު އަދި ޑިސިޕްލިން ބޭނުންކޮށްގެން، ސްޕެއިންގެ ޕާސިން ސިސްޓަމް ފެއިލްކޮށްލުމަކީ އުނދަގޫކަމެއް ނޫން ކަމަށެވެ.
ސްޕެއިން ބަލިކުރި މެޗަށް ފަހު މޮރޮކޯގެ ކޯޗު ވަލީދު ރެގްރާގީ ބުނީ މެޗަށް މޮރޮކޯ ނުކުތީ ސްޕެއިން އަށް "ބޯލް ޕޮޒެޝަން ދޫކޮށްލަން ނިންމައިގެން" ކަމަށެވެ.
"އެއީ ބިރަކުން ނޫން. އަހަރަމެންނަކީ ސްޕެއިންއާ ކުޅޭއިރު ބޯލް ޕޮޒެޝަންއާ ވާދަކުރަން އިންގްލެންޑް ނޫނީ ޖަރުމަނު ކަހަަލަ ޓީމެއް ނޫން. ސްޕެއިން އަތުން ބޯޅަ އަތުލުމަކީ ފަސޭހަކަމެއް ނޫން. އަހަންނަކީ ޖާދޫ ހަދާ މީހެއް ނޫން،" ވަލީދު ބުންޏެވެ.
ވަލީދުގެ ރޭވުމަކަށްވީ ސްޕެއިންގެ މިޑްފީލްޑުން ޕާސްތައް ޖަހަން އޮތް މަގުތައް ބަންދުކޮށް، ޑިފެންސް އޯގަނައިޒް ކުރުމެވެ. އޭގެ ނަތީޖާ އަކީ ރޭގެ މެޗުގައި ސްޕެއިން އެއްވެސް ނަތީޖާއެއް ނުނުކުންނަ ގޮތަށް ގިނަ ޕާސްތަކެއް ޖެހުމެވެ.
އެންރީކޭ އަށް ގިނަ ފާޑުކިއުންތަކެއް
މޮރޮކޯއާ ދެކޮޅަށް ސްޕެއިން ކުޅުނު މެޗުގައި މި އަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިން އަށް އެންމެ ގިނަ ލަނޑު ޖަހައިދިނީ އަލްވާރޯ މޮރާޓާ އިނީ ބެންޗުގަ އެވެ. އެންރީކޭ ފުރުސަތު ދިނީ ރެއާލް މެޑްރިޑްގެ މާކޯ އަސެންސިއޯ އަށެވެ. އެންރީކޭ ބޭނުންވާ ބޯޅަ ހިފަހައްޓާ ގޭމަށް، މޮރާޓާ އަށް ވުރެން އަސެންސިއޯ އަށް އޭނާ އިތުބާރުކުރާތީ ކަމަށް ބެލެވެ އެވެ.
އާންމުކޮށް ސްޕެއިންގެ ޕާސިން ސިސްޓަމް އަށް އަމާޒުވާ އެންމެ ބޮޑު ފާޑުކިއުމަކީ "ޕްލޭން ބީ"އެއް ނެތުމެވެ. ސްޕެއިން އަށް މޮރޮކޯ މެޗުގައި ދިމާވި ހުރަހަކީ މޮރޮކޯގެ ވަރުގަދަ ޑިފެންސެވެ. ދެކޮޅަށް ޕާހަކަށް ފަހު ޕާހެއް ޖަހައިގެން ވެސް މޮރޮކޯގެ ޑިފެންސް ރޫޅާނުލެވުނެވެ. އެ ސިސްޓަމް ކާމިޔާބުނުވާ ހާލު، ދެން ހަދާނެ މާބޮޑު ޕްލޭނެއް ނެތެވެ. އެފަދަ ޕްލޭނަކަށް ބޭނުންވާ ޒާތުގެ ކުޅުންތެރިން ވެސް ނެތީއެވެ.
އެންރީކޭ ރޭގެ މެޗުގައި ވެސް "ގޮތްހުސްވެގެން" އެރުވީ ފަޅިއަކަށް އެރުވީ އެތުލެޓިކް ބިލްބާއޯ އަށް ކުޅެމުން އަންނަ ނީކޯ ވިލިއަމްސް އެވެ. ދެ ވަނަ ގޮތަކަށް ވިސްނީ ވިލިއަމްސްގެ ސްޕީޑުން އަރިމަތިން، އޭނާ ކޮންމެވެސް ކަމެއްކޮށްފާނެ ކަަމަށެވެ. ސްޕެއިން އަށް މެޗުގައި ލިބުނު އެންމެ ރަނގަޅު އެއް ފުރުސަތަކީ އަރިމަތިން ޑިފެންޑަރެއް ކައިރިން ދެމިގަތުމަށް ފަހު ނީކޯ ކުރި ހުރަހަކުން ލިބުނު ފުރުސަތެކެވެ.
މި އަހަރުގެ ވޯލްޑް ކަޕަށް އެންރީކޭ ނެގި ސްކޮޑުގައި ފޯމުގައި ހުރި ރެއާލް ބެޓިސްގެ ފޯވަޑް ބޯހާ އިގްލޭސިއަސް އާއި ސެލްޓަ ވީގޯގެ އިއާގޯ އަސްޕާސް އާއި ވިޔަރެއާލްގެ ޖެރާޑް މޮރޭނޯ އަދި ލީޑްސް ޔުނައިޓެޑްގެ ރޮޑްރީގޯ އަށް ފުރުސަތެއް ނުދިނެވެ. މި ކުޅުންތެރިން ތިބިނަމަ، މޮރޮކޯގެ ޑިފެންސަށް ތަންކޮޅެއް ބާރުބޮޑުކުރެވޭނެ ބަދަލަކަށްވާނެ ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.

ސްޕެއިންގެ މެޗެއްގެ ތެރެއިން އެންރީކޭ ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ.
ސްޕެއިންގެ ސްކޮޑުގައި ޒުވާން، ހުނަރުވެރި ކުޅުންތެރިންތަކެއް އެބަތިއްބެވެ. މެދުތެރެއިން ކުޅޭ ގަވީ އާއި ޕެޑްރީ އަކީ ހުނަރުހުރި، އުންމީދީ ދެ ކުޅުންތެރިންނެވެ. ތަޖުރިބާ ލިބޭވަރަކަށް ކުރިއަށް އޮތް ތަނުގައި މި ދެ ކުޅުންތެރިން ތަފާތު ދައްކާނެ އެވެ. އެކަމަކު, ސްޕެއިންގެ ޓީމުގައި މިހާރު ދިމާވާ އެއް މައްސަލައަކީ މެޗެއް އެނބުރާލެވޭ ފެންވަރުގެ ތަފާތު ކުޅުންތެރިއެއް ނެތުމެވެ. ފްރާންސްގެ ކީލިއަން އެމްބާޕޭ، އާޖެންޓީނާގެ ލިއޮނެލް މެސީ، ބްރެޒިލް ނޭމާ އަދި އިންގްލެންޑްގެ ހެރީ ކޭން އަށް ބެލިޔަސް، އޭގެން ކޮންމެ ޓީމެއްގައި ވެސް އެންމެ ހީނުކުރާ ވަގުތުގައި ތަފާތެއް ގެނެވޭ ފެންވަރުގެ ކުޅުންތެރިއެއް އެބަހުއްޓެވެ. ސްޕެއިންގައި ހުރީ މި ލެވެލްގެ ކޮން ކުޅުންތެރިއެއް ހެއްޔެވެ؟
އިދިކޮޅު ޓީމުން ވަރަށް މޮޅަށް "ޑިފެންސްކުރި" ކަމަށް ބުނެ، މި ވަގުތަށް ފަހަރެއްގައި އެންރީކޭ ސަލާމަތްވެދާނެ އެވެ. އެކަމަކު، އެންރީކޭ ބަހައްޓައިގެން ވެސް ސްޕެއިން އަށް މިހާރު ކޮންމެ ވެސް ކަހަލަ ބަދަލެއް އަންނަންޖެހޭކަން އޮތީ ފެންނާށެވެ. އަދި ސްޕެއިން ޓީމުން ފުރުސަތު ދޭން ޖެހޭ ކަމަށް ގިނަ ބަޔަކު އެއްބަސްވާ ލީޑަރުންގެ ކޮލިޓީ ބޮޑު ތަރިން ކަމަށްވާ ސާޖިއޯ ރާމޯސް އާއި ތިއާގޯ އަލްކަންޓާރާ އަށް ފުރުސަތެއް ނުދީ ޓީމު ނެގުމަކީ އެންރީކޭއާ މެދު ސަޕޯޓަރުން ހިތްހަމަނުޖެހުނު އެންމެ ބޮޑު ސަބަބެވެ.
އެންރީކޭގެ ކޮންޓުރެކްޓް ހަމަވާން ގާތްވެފައިވާއިރު، ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަން އިން ކޮންޓުރެކްޓް އާކުރުމާ ގުޅޭ ގޮތުން މާ ލަސްތަކެއް ނުވެ ބައްދަލުވުންތަކެއް ބާއްވާނެ އެވެ. ސްޕެއިން އިން ކުރިއަށްދާ ވިސްނާ ގޮތެއް އެނގޭނީ އެންރީކޭގެ މުސްތަގުބަލާ މެދު ނިންމާ ގޮތަކުންނެވެ. އެންރީކޭ ކޯޗުގެ މަގާމުގައި ދެމިހުރެއްޖެނަމަ، ސްޕެއިންގެ ސިސްޓަމަށް މާބޮޑު ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވެއެވެ. އެކަަމަކު މި އަހަރު ވެސް ކުރެވުނު ތަޖުރިބާއެކު، އެންރިކޭ ކުޅުވާ ސިސްޓަމަށް ބަދަލުތަކެއް ގެންނަން ވިސްނުމަކީ އެކަށީގެންވާ ކަމެކެވެ.












