ދޯހާ، ގަތަރު (ނޮވެމްބަރު 7) - ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ ގިނަ ގޮތްގޮތުން ފާހަގަކޮށްލެވޭ، ތަފާތު އެތައް ކަމަކާ އެކު ގިނަ ބައެއްގެ ހަނދާނުގައި ހުންނާނެ މުބާރާތެކެވެ. ފުރަތަމަ ފަހަރަށް އަހަރުގެ ފަހުކޮޅު އޮންނަ ވޯލްޑް ކަޕަށް މި ފަހަރުގެ ވޯލްޑް ކަޕް ވުމާއި، އޮފްސައިޑް ބެލުމަށް ބޭނުންކުރާ އާ ޓެކްނޮލޮޖީއިން ފެށިގެން ތަފާތު ފަރުމާތަކުގެ ސްޓޭޑިއަމްތަކަކީ ވެސް މި އަހަރުގެ މުބާރާތާގެ ހާއްސަ ކަންކަމެވެ. މި ކަންތައްތަކުގެ އިތުރުން މުބާރާތުގެ ވާދަކުރި ޖަޕާން ޓީމުންނާއި އެ ޓީމުގެ ސަޕޯޓަރުން މި ފަހަރު ވެސް ދެއްކި ކުޅިވަރުގެ ރީތި އަހުލާގާއި ނަމޫނާ އަށް އެންމެ އަންނަނީ ތައުރީފު ކުރަމުންނެވެ.
އޭޝިއާގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ ޖަޕާން މި ފަހަރުގެ މުބާރާތާ ކުރިމަތިލިއިރު، އެ ޓީމަށް ދެ ވަނަ ބުރުގެ ޖާގަ ލިބޭނެ ކަމަށް ބުނި މީހުން މަދެވެ. ސަބަބަކީ 2010 ގެ ޗެމްޕިއަން ސްޕެއިން އާއި 2014ގެ ޗެމްޕިއަން ޖަރުމަނާ އެއް ގްރޫޕެއްގައި އެ ޓީމު ލައްވާލުމެވެ. ނަމަވެސް ގިނަ ބަޔަކު ސިއްސުވާލުމަށް ފަހު ޖަޕާނުން ވަނީ ގްރޫޕުގެ އެއް ވަނަ ހޯދައިފަ އެވެ.
ޖަޕާނުން ފުރަތަމަ މެޗުގައި ފަހަތުން އަރައި ޖަރުމަން ބަލިކުރިއިރު، ފަހު މެޗުގައި ވަރުގަދަ ސްޕެއިން އަތުން ވެސް މޮޅުވީ ފަހަތުން އަރައި ދެ ގޯލު ޖަހައިގެންނެވެ. ދެ ވަނަ ބުރުގައި ކްރޮއޭޝިއާ ކޮޅަށް ފުރަތަމަ ގޯލު ވެސް ޖެހީ ޖަޕާނުންނެވެ. ނަމަވެސް ދެ ވަނަ ހާފުގައި ކްރޮއޭޝިއާ އިން ޖެހި ގޯލުން އެއްވަރުވެ، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އެ ޓީމަށް ނަކާމިޔާބީއާ ކުރިމަތިވީ އެވެ.
ހިތްދަތި ގޮތަކަށް މުބާރާތުން ވަކިވި ނަމަވެސް ޖަޕާނުގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ފަރާތުން ފެނުނީ އާދަޔާހިލާފު ހިތްވަރަކާއި ހިތްހެޔޮކަމެކެވެ.
ގްރޫޕް ސްޓޭޖުގައި ކުޅުނު ކޮންމެ މެޗެއް ނިމުމަށް ފަހު ޖަޕާންގެ ސަޕޯޓަރުން ދަނޑުން ނުކުންނަނީ ސަޕޯޓަރުން ތިބޭ ސަރަހައްދު ސާފުކޮށްފަ އެވެ. ކޮންމެ މެޗަކަށް ސަޕޯޓަރުން އަންނައިރު، އަތުގައި ޑަސްބިން ކޮތަޅުތައް ހުރެ އެވެ. މެޗު ނިންމާލުމަށް ފަހު ކުޅުންތެރިން ޗޭންޖިން ރޫމުން ނުކުމެގެން ދަނީ މުޅި ތަން ސާފުކޮށް ހުރިހާ ކުންޏެއް ނަގައި ޑަސްބިންތަކަށް އަޅައިފަ އެވެ. މިއީ ގިނަ ފަހަރަށް ކުޅޭ ޓީމުތަކުގެ ފަރާތުން ފެންނަ މަންޒަރެއް ނޫނެވެ.
ދެ ވަނަ ބުރުގައި ކްރޮއޭޝިއާ އަތުން ބަލިވި މެޗަކީ މުބާރާތުން ޖަޕާން ކެޓި މެޗަށް ވުމާއެކު ހުރިހާ ސަޕޯޓަރުން ތިބީ މާޔޫސްވެ ރޮވިފަ އެވެ. ކުޅުންތެރިން ތިބީ ބަސް ހުއްޓި ހިތްފަޅައިން ދާވަރަށް ދެރަވެފަ އެވެ. އެކަމަކު ވެސް މުބާރާތުގެ އެހެން މެޗުތަކުގައި ކުރި މަސައްކަތް މިފަހަރު ވެސް ކުރަން ސަޕޯޓަރުން ވެސް އަދި ކުޅުންތެރިން ވެސް ހަނދާނެއް ނުނެތެ އެވެ.
މެޗުތައް ނިމުމަށް ފަހު އާންމުކޮށް މެޗުން ބަލިވާ ސަޕޯޓަރުން ގިނަ ވަގުތު ސްޓޭޑިއަމްގައި ނުތިބެ އެވެ. ޖަޕާންގެ ސަޕޯޓަރުން ވަނީ އެންމެ ފަހު ވަގުތަށް ދަނޑުގައި މަޑުކޮށް ސަޕޯޓަރުންތައް ދަނޑުން ނިކުތުމުން ސިޑިބަރިތަކާއި ސަޕޯޓަރުން ތިބި އެހެން ދިމާތައް ސާފުކޮށްފަ އެވެ.
ހަމަހިމޭންކަން ވެރިވެފައި އޮތް ޖާޕަންގެ ޗޭންޖިން ރޫމުން ހުރިހާ ކުޅުންތެރިން ނުކުތީ އެތަން ސާފުކޮށް ގަތަރުގެ ރައްޔިތުންނަށް ޝުކުރު ވެސް އަދާކޮށްފަ އެވެ. މި ގޮތުން ޗޭންޖިން ރޫމުގެ މޭޒު މަތީގައި އަރަބި ބަހުންނާއި ޖަޕާން ބަހުން "ޝުކުރިއްޔާ" މިގޮތަށް ލިޔެފައިވާ ނޯޓެއް އޮތްއިރު، އިހުތިރާމް އަދާކުރުމުގެ ގޮތުން ކަރުދާސް ދޫނިތަކެއް ނުވަތަ "އޮރިގަމީ"ތަކެއްވެސް ބެހެއްޓި އެވެ.
ޖަޕާން ޓީމްގެ ފަރާތުން ފެނުނު މިކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ އެތައް ބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ. އަނެއްކޮޅުން އެހެން ޓީމުތަކުގެ ބައެއް ސަޕޯޓަރުން ވެސް މިހާރު ވަނީ މެޗަށް ފަހު ސަަޕޯޓަރުން ބޭނުންކުރާ ސަރަހައްދުތައް ސާފުކުރަން ފަށައިފަ އެވެ.
ޖަޕާނުން ދެއްކި ނަމޫނާ އަކީ މުޅި ފުޓްބޯޅައަށްވެސް އޮތް އަގުހުރި ފިލާވަޅެކެވެ. އެ ގައުމަށް އިތުރަށް ލޯބި ޖެހުނު އިތުރު ސަބަބެކެވެ. ދެން އަންނަ މުބާރާތެއްގައިވެސް ޖަޕާނަށް ސަޕޯޓަރުން ހެޔޮދުއާ ކުރާނެ ކަމެކެވެ.












