ދޯހާ، ގަތަރު (ޑިސެމްބަރު 7) - ގޮންކާލޯ ރާމޯސްގެ ހެޓްރިކާއިއެކު 6-1 އިން ސްވިޒަލެންޑް ބަލިކޮށް ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޕޯޗުގަލް ޖާގަ ހޯދައިފި އެވެ.
މިއީ 2006ގެ ފަހުން ޕޯޗުގަލް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދި ފުރަތަމަ ފަހަރެވެ. 2006ގެ މުބާރާތުގެ ހަތަރުވަނަ ހޯދި ޕޯޗުގަލް މިދިޔަ ހަތަރު މުބާރާތުގެ ތެރެއިން ދެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓިއިރު، ދެ ފަހަރު ކެޓީ ދެވަނަ ބުރުންނެވެ.
ދެވަނަ ބުރުގެ ހުރިހާ މެޗެއް މިހާރު ނިމިފައިވާއިރު، ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި ނެދަލެންޑްސް ނުކުންނާނީ މެސީގެ އާޖެންޓީނާއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ބްރެޒިލް ނުކުންނާނީ ކްރޮއޭޝިއާ އާ ދެކޮޅަށެވެ. ތިން ވަނަ މެޗުގައި ފްރާންސާއި އިންގްލެންޑް ވާދަކުރާއިރު، ރޮނާލްޑޯގެ ޕޯޗުގަލް ފަހު މެޗުގައި ކުޅޭނީ މޮރޮކޯ އާ އެވެ.
މިރޭގެ މެޗުގެ ފުރަތަމަ އެގާރައިން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ކޯޗު ފުރުސަތެއް ނުދެ އެވެ. މިއީ 2008ގެ ފަހުން ރޮނާލްޑޯ ފިޓުކޮށް ހުރެ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ނުލިބުނު ފުރަތަމަ ފަހަރެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ ގޮންކާލޯ ރާމޯސް އެވެ. މީގެ އިތުރުން ޖޮއާއޯ ކާންސެލޯވެސް މި މެޗުގައި އިނީ ބެންޗުގަ އެވެ.
މެޗު ފަށައިގެން މާ ގިނައިރުތަކެއް ނުވެ ފުރަތަމަ ގޯލު ޖަހައި ޕޯޗުގަލް އިން ލީޑު ނެގި އެވެ. މި ގޯލް ޖަހައިދިނީ ގައުމީ ޓީމްގެ ފުރަތަމަ އެގާރައިގައި އަލަށް ކުޅުނު ރާމޯސް އެވެ. ޖޮއާއޯ ފެލިކްސް ދިން ޕާސް ކޮންޓްރޯލްކޮށްލުމަށްފަހު ރާމޯސް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. ކީޕަރު ޔަން ސޮމާގެ އަތް މަތިން ގޮސް ގޯލުގެ މަތީ ދާގަނޑަށް ބޯޅަ އަމާޒުވިއިރު އޭނާ އަށް މާ ބޮޑުކަމެއް ނުކުރެވުނެވެ.
މި ގޯލާއިއެކު 21 އަހަރުގެ ރާމޯސް ވެފައިވަނީ ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި ޕޯޗުގަލްއަށް ގޯލެއް ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕޯޗުގަލް އިން ލީޑު ފުޅާކުރި އެވެ. ބްރޫނޯ ފެނާންޑޭސް ނަގައިދިން ކޯނަރުން މި ގޯލު ޖަހައިދިނީ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ޑިފެންޑަރު ޕެޕޭ އެވެ. 37 އަހަރާއި 283 ދުވަސްވެފައިވާ ޕެޕޭ އަކީ ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި ގޯލު ޖެހި އެންމެ މުސްކުޅި ކުޅުންތެރިޔާ އެވެ.
މި ހާފުގައި ލީޑު ފުޅާކުރަން ރާމޯސް އަށް އިތުރު ދެ ފުރުސަތެއް ލިބުނެވެ. ފުރަތަމަ ބޯޅަ ގޯލާ އަމާޒު ނުވެ ބޭރަށް ދިޔައިރު، ގޯލުގެ ތިރީ ކަނަށް ފޮނުވާލި ހަމަލާ ކީޕަރު ސޮމާ ވަނީ ދިފާއުކޮށްފަ އެވެ.
މި ހާފުގައި ގޯލެއް ޖަހަން ސްވިޒަލެންޑަށް ދެ ފުރުސަތެއް ލިބުނެވެ. ހިލޭ ޖެހުމަކުން ޒަރްދާން ޝާގީރީ ފޮނުވާލި ބޯޅަ ޕޯޗުގަލްގެ ކީޕަރު ޑިއޯގޯ ކޮސްޓާ ދިފާއުކުރިއިރު، ފަބިއަން ޝާ އަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒުކޮށް ނުލެވުނެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ރާމޯސްވަނީ އޭނާގެ ދެވަނަ ގޯލު ޖަހާފަ އެވެ. ޑިއޭގޯ ޑަލޯ ނަގައިދިން ހުރަސް ރާމޯސް ފޮނުވާލުމުން ގޯލަށް ވަނީ ކީޕަރު ސޮމާގެ ފައި ދަށުންނެވެ. ރާމޯސް ގޯލް ޖެހިތާ ހަތަރު މިނެޓު ފަހުން ޕޯޗުގަލް އިން ހަތަރުވަނަ ގޯލު ޖެހި އެވެ. މި ގޯލު ޖަހައިދިނީ ރަފައެލް ގަރޭރޯ އެވެ.
މެޗުގެ 58 ވަނަ މިނެޓުގައި ސްވިޒަލެންޑުގެ ހަމައެކަނި ގޯލު ޖަހައިދިނީ މެނުއެލް އަކަންޖީ އެވެ. ލިބުނު ކޯނަރަކުން ނެގި ބޯޅަ ހުރަސްވެގެން ގޮސް ލިބުނީ ދުރު ކަނުގައި ހުސްކޮށްހުރި އަކަންޖީ އަށެވެ. އޭނާ ބޯޅަ ވައްދާލީ ހުސް ގޯލަކަށެވެ.
ޕޯޗުގަލް އިން ފުލުފުލުގައި އުފެއްދި ހަމަލާތަކުގެ ނަތީޖާއަކަށްވީ އިތުރު ގޯލެއް ޖެހުމެވެ. މިފަހަރު ގޯލު ޖަހައި މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކުރީ ރާމޯސް އެވެ. މިއީ މިއަހަރުގެ ވޯލްޑްކަޕްގައި ފެނުނު ފުރަތަމަ ހެޓްރިކެވެ.
ޕޯޗުގަލްގެ މި ގޯލަށްފަހު ރާމޯސްގެ ބަދަލުގައި ބެންޗުގައި އިން ރޮނާލްޑޯ ކުޅެން އެރުވި އެވެ. މެޗުގެ ފަހުކޮޅު ރޮނާލްޑޯ އަށް މަދު ފުރުސަތުތަކެއް ލިބުނު ނަމަވެސް އޭނާ އަށް އެ ފުރުސަތުތަކުން މާ ބޮޑު ކަމެއް ނުކުރެވުނެވެ.
ޕޯޗުގަލްގެ ފަހު ގޯލު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ރަފައެލް ލިއާއޯ އެވެ. އޭރިއާ ކަނުގައި ހުރެފައި ލިއާއޯ ފޮނުވާލި ބޯޅަ ވަނީ ގޯލުގެ މަތީ ކަނަށެވެ.
ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލް މެޗުތައް ފަށާނީ އަންނަ ހުކުރު ދުވަހު އެވެ. ފުރަތަމަ ކުޅޭނީ ކްރޮއޭޝިއާ އާއި ބްރެޒިލް ވާދަކުރާ މެޗެވެ. އޭގެ ފަހުން އެރޭ ދަންވަރު ނެދަލެންޑްސް އާއި އާޖެންޓީނާ ވާދަކުރާނެ އެވެ.












