އަލް ރައްޔާން، ގަތަރު (ޑިސެމްބަރު 6) - މޮރޯކޯގެ ކީޕަރު ޔަސިން ބޯނޯގެ ދިފާއުކުރި ދެ ޕެނަލްޓީއާ އެކު ސްޕެއިން ކަޓުވާލައި މޮރޮކޯ އިން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރަތަމަ ފަހަރަށް މޮރޮކޯ އިން ޖާގަ ހޯދައިފި އެވެ.
ދެވަނަ ބުރުގައި މޮރޮކޯ އާއި ސްޕެއިން ވާދަކުރި މެޗު ޕެނަލްޓީއާ ހަމައަށް ދިޔައީ ފުރިހަމަ ވަގުތު ހަމަވެ، ކުޅުނު އިތުރު ވަގުތު ނިމުނުއިރުވެސް މެޗު އޮތީ 0-0ގެ އެއްވަރުވެފައި އޮތުމުންނެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ސްޕެއިން އިން ޖެހި ތިން ޕެނަލްޓީވެސް ކާމިޔާބެއް ނުކުރެވުނެވެ. ކާލޯސް ސޮލާ އާއި ކެޕްޓަން ސާޖިއޯ ބުސްކެޓްސް ފޮނުވާލި ޕެނަލްޓީތައް މޮރޮކޯގެ ކީޕަރު ބޯނޯ ދިފާއުކުރިއިރު، ޕަބްލޯ ސަރާބިއާ ފޮނުވާލި ޕެނަލްޓީ ބޭރަށް ދިޔައީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ.
މޮރޮކޯ އިން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ބަދްރް ބެނޫން ފޮނުވާލި ބޯޅަ ކީޕަރު އުނާއީ ސިމޯން ދިފާއުކުރި ނަމަވެސް އަބްދެލްހަމިދު ސަބީރީ، ހަކީމް ޒިޔޭޝް އަދި އަޝްރަފް ހަކީމީ ފޮނުވާލި ޕެނަލްޓީތައް ކާމިޔާބުކުރި އެވެ.
މިއީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތާރީޚުގައި ކުއާޓާ ފައިނަލުން މޮރޮކޯ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗެއްގައި ޕެނަލްޓީ ޖަހައިގެން ސްޕެއިން ބަލިވި ހަތަރުވަނަ ފަހަރެވެ. މިހާތަނަށް ފަސް ފަހަރު ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި އެޓީމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހަން ޖެހުނުއިރު، މޮޅުވީ އެންމެ ފަހަރަކު އެވެ.
މިރޭގެ މެޗަށް ސްޕެއިން ނުކުތީ ގްރޫޕް ސްޓޭޖުގައި ޖަޕާން އަތުން ބަލިވި މެޗުގައި ކުޅުނު ޓީމަށް ފަސް ބަދަލެއް ގެނެސްގެންނެވެ. މިގޮތުން މާކޯސް ލޮރެންޓޭ އަށް މި މުބާރާތުގައި ފުރަތަމަ ފަހަރަށް ފުރަތަމަ އެގާރައިން ޖާގަ ދިންއިރު، ޖޯޑީ އަލްބާ އާއި ރޮޑްރީ އަށްވެސް ކޯޗު ލުއީ އެންރީކޭ ވަނީ ފުރުސަތު ދީފަ އެވެ. ކުރިއަށް ބަލާއިރު އަލްވާރޯ މޮރާޓާގެ ބަދަލުގައި މިމެޗު ފެށީ މާކޯސް އަސެންސިއޯ އެވެ. އަދި ނެކޯ ވިލިއަމްސްގެ ބަދަލުގައި ފެރާން ޓޮރޭސްވެސް މި މެޗުގައި 11 ގައި ކުޅެން ނުކުތެވެ.
ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ދެވަނަ ފަހަރަށް ވާދަކުރާ މޮރޮކޯ ޓީމަށް ގެނައި ހަމައެކަނި ބަދަލަކީ އަބްދެލްހާމިދު ސަބީރީގެ ބަދަލުގައި ސެލިމް އަމަލާ ކުޅެން އެރުމެވެ.
މެޗު ފަށައިގެން ދެ ޓީމުންވެސް ހަމަހަމަ ކުޅުމެއް ދެއްކިއިރު، ދެ ޓީމަށްވެސް ގޯލު ޖަހާނެ މާގިނަ ހުސް ފުރުސަތުތަކެއް ނުލިބުނެވެ. ފުރަތަމަ ހާފުގައި ގޯލެއް ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ ސްޕެއިންގެ އަސެންސިއޯ އަށެވެ. އަލްބާ ކުރިއަށް ދިން ބޯޅައަށް ޑިފެންޑަރުންގެ ފަހަތުން އަރާ އަސެންސިއޯ ފޮނުވާލި ހަމަލާ ދިޔައީ އަރިމަތީ ދާ ގަނޑަށެވެ.
މޮރޮކޯ އިން ގޯލާ އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާ އަކީ 33 ވަނަ މިނެޓުގައި ނުސެއިރު މަޒަރާއީ ފޮނުވާލި ބޯޅައެކެވެ. ޓޮރޭސް އަތުން ބޯޅަ ހޯދައި މަޒަރާއީ އޭރިއާ ބޭރުގައި ހުރެފައި ފޮނުވާލި ބޯޅަ ދިޔައީ ކީޕަރު އުނާއީ ސިމޯން އަތަށެވެ. ހާފު ނިމުމުގެ ކުރިން ސުފިއާން ބޫފަލް ނަގައިދިން ފުރުސަތަކުން ނާޔިފް އަގާޑް ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެ އެވެ.
ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ދެވަނަ ހާފުގައި ގޯލެއް ޖަހާނެ އެންމެ ރަނގަޅު ދެ ފުރުސަތު ލިބުނީ މޮރޮކޯ އަށެވެ. އަޝްރަފް ހަކީމީ ނަގައިދިން ހުރަހުން ވާލިދު ޗެދީރާ ފޮނުވާލި ބޯޅަ ދިޔައީ ބާރެއް ނެތި ކީޕަރު ސިމޯން އަތަށެވެ.
މެޗުގެ 90 މިނެޓު ހަމަވެގެން ދެއްކި އިތުރު ވަގުތު އެންމެ ފަހު މިނެޓުގައި ސްޕެއިންގެ ޑެނީ އޮލްމޯވެސް ނުރައްކާތެރި ހަމަލާއެއް ފޮނުވާލި އެވެ. އޮލްމޯ ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް ވަންނަން ދަނިކޮށް ދިފާއުކުރީ ކީޕަރު ޔަސީން ބޯނޯ އެވެ.
ނަތީޖާ ނެރުމަށް ކުޅުނު އިތުރުވަގުތުގެ ދެ ހާފުގައި ދެ ޓީމުންވެސް ގޯލެއް ޖެހުމާ ގާތަށް ޖެހިލި އެވެ. މޮރޮކޯގެ ޗެދީރާ އޭރިއާ ތެރޭގައި ހުރެފައި ފޮނުވާލި ބޯޅަ ސިމޯން ދިފާއުކުރިއިރު، މެޗުގެ އެންމެ ފަހު މިނެޓުގައި ބެންޗުން އެރި ޕަބްލޯ ސަރާބިއާ ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ.
ކުއާޓާ ފައިނަލުގައި މޮރޮކޯ ނުކުންނާނީ ދެވަނަ ބުރުގައި މިރޭ ޕޯޗުގަލް އާއި ސްވިޒަލެންޑު ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.












