ވިލާ ކޮލެޖުން އަންނަ އަހަރަށް ހުޅުވާލާ ސްކޮލާޝިޕުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ކޮލެޖުގެ ސްކޮލާޝިޕް ސްކީމް 2023، އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އެކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރުމަށް ވިލާ ކޮލެޖުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގަ އެވެ.
އެ ކޮލެޖުން ހުޅުވާލި ސްކޮލާޝިޕް ޕުރޮގުރާމުތަކުގެ ތެރޭގައި ހިމެނެނީ ވިލާ ކޮލެޖު އޯޕަން ސްކޮލަޝިޕުގެ ދަށުން ހުޅުވާލާ ތިން ފުރުސަތާއި ވިލާ ކޮލެޖު އިންޓަނޭޝަނަލް ހައި ސްކޫލް ސްކޮލާޝިޕުގެ ގޮތުގައި ހުޅުވާލާ ތިން ފުރުސަތުގެ އިތުރުން ވިލާ ކޮލެޖު އެލަމްނައި ސްކޮލާޝިޕުގެ އެއް ކޯހެވެ.
އަންނަ މަހުގެ 16، ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ މި ސްކޮލާޝިޕުތަކަކީ އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކުގައި ކިޔަވާ ދަރިވަރުންނަށް ހާއްސަކޮށްފައިވާ ޕުރޮގުރާމުތަކެކެވެ. އެހެންނަމަވެސް މިހާރު އެ ކޮލެޖުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން މި ޕުރޮގުރާމުތަކަށް ޝަރުތު ހަމަވާ ދަރިވަރުންނަށް ވެސް މި ސްކޮޮލާޝިޕުތަކަށް ކުރިމަތި ލެވޭނެ ކަމަށް ވިލާ ކޮލެޖުން ބުނެ އެވެ.
އެ ސްކޮލާޝިޕުތަކަށް ކުރިމަތިލާއިރު އެ ކުއްޖަކު ކުރިމަތިލާ ކޯހަކުން ކިޔެވުމަށް ޕުލޭސްމެންޓު ލެޓާ ނުވަތަ އޮފާ ލެޓާ ލިބިފައިވާކަމުގައި ވާން ޖެހޭނެ ކަމަށް އެ ކޮލެޖުން ބުނެ އެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވިލާ ކޮލެޖުގެ ވައިސް ރެކްޓާ، އަލީ ނަޖީބު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވިލާ ކޮލެޖުގެ އަތޮޅުތެރޭގެ ކެމްޕަސްތަކުން، ރަށު ކައުންސިލްތަކާ ގުޅިގެން ކިޔެވުމަށް ހާއްސަކޮށްގެން ކޮމިއުނިޓީ އެންގޭޖުމަންޓު ސްކޮލާޝިޕުތަކަށް ކުރިމަތިލުމަށް ހުޅުވާލުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިއަދު އިއުލާނު ކުރެވުނު ސްކޮލާޝިޕުތަކުން ޖުމްލަ ހަތް ދަރިވަރަކަށް ފުރުސަތު ދޭނެ ކަމަށެވެ. ނަމަވެސް ކޮމިއުނިޓީ އެންގޭޖުމަންޓު ސްކޮލާޝިޕަކީ ކެމްޕަސްތަކުގައި ދަރިވަރުންގެ އަދަދަށް ބެލުމަށް ފަހު ދޭ ސްކޮލާޝިޕަކަށް ވުމުން، އެ ސްކޮލާޝިޕުތައް އިއުލާނު ކުރެވޭއިރު މި އަދަދަށް ބަދަލު އަންނާނެ ކަމަށެވެ.
އޭގެެއިތުރުން ވިލާ ކޮލެޖުގެ ސްކޮލާޝިޕު ސްކީމް މިހާރަށް ވުރެ ފުޅާ ކުރުމަށްޓަކައި ވަރަށް ބައިވަރު މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ތިބެގެން ސްކޮލާޝިޕްގެ އެއްބައި ފުރިހަމަ ކުރެވޭ ކަހަލަ ގޮތަކަށް ސްކޮލާޝިޕްތަކެއް ފަރުމާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް އެއީ ސްކޮލާޝިޕް ސްކީމްތަކުގެ ތެރެއިން ކޮންމެވެސް ވަރަކަށް ވިލާ ކޮލެޖުގައި ކިޔެވުމަށް ފަހު ރާއްޖޭން ބޭރުގައި ކިޔެވުން ފުރިހަމަ ކުރަން ޖެހޭ ކަހަލަ ގޮތަކަށް ސްކޮލާޝިޕުތަކެއް ހިންގުން، އިރާދަކުރެއްވިއްޔާ ދެން ސްކޮލާޝިޕުތަކަށް ހުޅުވާލާއިރު އެފަދަ ޕުރޮގުރާމުތަކެއް ހިމެނޭނެ،" ނަޖީބު ވިދާޅުވި އެވެ.
ވިލާ ކޮލެޖުން މިއަދު ހުޅުވާލި ސްކޮލާޝިޕުތަކުގެ ތަފުސީލު:
ވިލާ ކޮލެޖު އޯޕަން ސްކޮލާޝިޕު
އެ ކެޓެގަރީން ހުޅުވާލާފައި ވަނީ ޖުމްލަ ތިން ސްކޮލާޝިޕެވެ. އެއީ ފައުންޑޭޝަނާއި ޑިގުރީ އަދި މާސްޓާސްގެ ކޮންމެ ޕްރޮގްރާމަކުން އެއް ފުރުސަތެވެ. ވިލާ ކޮލެޖުގައި ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން އެ ދާއިރާތަކުގެ ކޯސްތަކަށް ޝަރުތު ހަމަވާ ކޮންމެ ދިވެއްސަކަށް ވެސް ކުރިމަތިލެވޭނެ އެވެ. ކޯހަށް ދަރިވަރުން ހޮވުމުގައި އެންމެ ބޮޑަށް އިސްކަން ދޭނީ ތަޢުލީމީ ނަތީޖާއަށްކަމަށް ވިލާ ކޮލެޖުން ބުނެ އެވެ.
ވިލާ/ކޮލެޖު ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ސްކޮލާޝިޕު
މިއީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން އޭ ލެވެލް ހަދާ ދަރިވަރުންގެ ތެރެއިން ވިލާ ކޮލެޖުގައި ޑިގުރީ ހަދަން ދޭ ފުރުސަތަކެވެ. މި ސްކޮލަޝިޕު ދޭން ނިންމާފައިވަނީ ދެ ދަރިވަރުންނަށެވެ. ވިލާކޮލެޖުން ބުނީ މި ދާއިރާއިން ސްކޮލާޝިޕަށް ކުރިމަތިލެވޭނީ ވިލާ ހައި ސްކޫލުން އޭ ލެވެލް ނިންމިތާ ގިނަވެގެން ދެ އަހަރު ނުވާ ދަރިވަރުންނަށް ކަމަށެވެ.
ވިލާ ކޮލެޖު އެލަމްނައި ސްކޮލާޝިޕު
ވިލާ ކޮލެޖުން ކިޔެވުން ނިންމި ދަރިވަރުންނަށް އަމާޒުކޮށްގެން ހުޅުވާލާފައިވާ މި ދާއިރާގައި މާސްޓާސް ފެންވަރަށް ކިޔެވުމަށް އެއް ފުރުސަތާއި ޑިގްރީއަށް ކިޔެވުމަށް އެއް ފުރުސަތު ދެ އެވެ. މި ކެޓަގަރީގެ ސްކޮލަޝިޕަށް ލެވޭނީ އެ ކޮލެޖުން ކުރިން ކިޔަވާފައިވާ ދަރިވަރުންނަށެވެ.
ދެހާސްދޯޅަ ވަނަ އަހަރު ފުރަތަމަ ލޯންޗުކުރި މި ސްކީމްގެ ދަށުން މިހާތަނަށް 34 ދަރިވަރަކު ސްކޮލާޝިޕް ފުރިހަމަ ކޮށްފައިވެ އެވެ. މި ސްކޮލާޝިޕުތަކާ ބެހޭ އިތުރު މައުލޫމާތު އެ ކޮލެޖުގެ ވެބްސައިޓު، ސޯޝަލް މީޑިއާ އަދި މާލޭގައި ހުންނަ ވިލާ ކޮލެޖުގެ ކިއު އައި ކެމްޕަހުން ލިބެން ހުންނާނެ އެވެ.











