ދޯހާ (6 ޑިސެމްބަރު) - ވޯލްޑް ކަޕްގެ ގަދަ 16ގައި ރޭ ބްރެޒިލް އަތުން 4-1 އިން ބަލިވެ، ދެކުނު ކޮރެއާ މުބާރާތުން ކެޓުމާއެކު އެ ޓީމުގެ ކޯޗުކަމުން ޕޯޗުގަލްގެ ޕައުލޯ ބެންޓޯ ވަކިވެއްޖެއެވެ.
މުބާރާތުގެ ގަދަ 16ގައި ރޭ ކުޅުނު މެޗުގައި ބްރެޒިލް އިން ޖެހި ހަތަރު ލަނޑު ވެސް ޖެހީ މެޗުގެ ފުރަތަމަ ހާފުގައެވެ. ދެކުނު ކޮރެއާ އިން މެޗުގެ ތެރެއަށް ވަންނަ ކެނޑިނޭޅި މަސައްކަތްކުރި ނަމަވެސް، ދެވަނަ ހާފުގެ ޖެހި ގޯލެއް ފިޔަވައި އެ ޓީމުން ކުރި މަސައްކަތަށް ދައްކާނެ ނަތީޖާއެއް ނެތެވެ.
"މިއީ އަހަރެން މުސްތަގްބަލާމެދު ވިސްނަންވީ ވަގުތު. ކޮރެއާ ޓީމާއެކު ދެން ކުރިއަކަށް ނުދާނަން. ކުޅުންތެރިންނާއި ކޮރެއާގެ (ފުޓްބޯޅަ) ފެޑަރޭޝަންގެ ރައީސް އަށް ވެސް އެކަން އަންގައިފިން. ބްރޭކެއް ނަގައި، ރެސްޓްކޮށްލުމަށްފަހު އަހަރެން ދެން (ކެރިއަރުގައި) ކުރިއަށްދާނެ ގޮތެއް ވިސްނާނީ،" ބެންޓޯ ،53، ބުންޏެވެ. "މިއީ އަހަރެން މިދިޔަ ސެޕްޓެމްބަރު މަހު ނިންމާފައިވާ ކަމެއް. މިއަދު އަހަރެން އެކަން މި ކަށަވަރުކޮށްދިނީ. މި ޓީމުގެ ކޯޗުކަން ކުރުމަކީ އަހަންނަށް ލިބުނު ވަރަށް ބޮޑު ފަހުރެއް."
ދެކުނު ކޮރެއާގެ ކޯޗުކަމާ ބެންޓޯ ހަވާލުވީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހުއެވެ. ބެންޓޯގެ އިރުޝާދުގެ ދަށުން މި އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 އަށް ދެކުނު ކޮރެއާ ދަތުރުކުރިއިރު، މިއީ 2010 ވަނަ އަހަރުގެ ފަހުން ދެކުނު ކޮރެއާ ގުރޫޕް ސްޓޭޖުން ސަލާމަތްވި ފުރަތަމަ ފަހަރެވެ.
ޕޯޗުގަލްގެ ކުރީގެ ކޯޗު ކަމަށްވާ ބެންޓޯ ބުނީ މި މުބާރާތުގައި ދެކުނު ކޮރެއާ އިން ނެރުނު ނަތީޖާތަކާމެދު ފަހުރުވެރިވާ ކަމަށެވެ.
"މި ހިސާބަށް ދަތުރުކުރަން ފާއިތުވި ހަތަރު އަހަރު ކުރި މަސައްކަތާއި މި މުބާރާތުގައި ޓީމުން ކުރި މަސައްކަތާމެދު ފަހުރުވެރިވާންޖެހޭ،" ބެންޓޯ ބުންޏެވެ. -- އޭއެފްޕީ












