ދޯހާ, ގަތަރު (ޑިސެމްބަރު 6) - ޕެނަލްޓީ ޝޫޓްއައުޓަކީ ނަސީބު ނަމްބަރެއް ނެގުން ކަހަލަ ކަމެއް ނޫން ކަމަށާއި އެ ކަމަށް ތައްޔާރުވުމަށް ފީފާ ވޯލްޑް ކަޕްގެ ކުރިން ސްޕެއިންގެ ކުޅުންތެރިންނަށް 1000 ޕެނަލްޓީ ޖެހުމަށް ހަވާލުކުރިން ކަމަށް ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.
ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރުގައި މިރޭ މޮރޮކޯއާ ދެކޮޅަށް ސްޕެއިން ނުކުންނާނެ އެވެ. ނޮކްއައުޓް މެޗަކަށް ވުމުން، މި މެޗު އިތުރު ވަގުތަށް އަދި ޕެނަލްޓީ ޝޫޓްއައުޓަަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ފެނުނު ހަމައެކަނި ޕެނަލްޓީ ޝޫޓްއައުޓް ކުރިއަށްދިޔައީ ރޭ ޖަޕާނާއި ކްރޮއޭޝިއާ މެޗުގަ އެވެ.
މިދިޔަ އަހަރު ބޭއްވި ޔޫރޯ 2020ގައި ސްޕެއިން ވަނީ ޕެނަލްޓީ ޖަހައިގެން ސްވިޒަލެންޑް އަތުން މޮޅުވެފަ އެވެ. އެކަމަކު، ސެމީ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން އިޓަލީ އަތުން ސްޕެއިން ވަނީ ބަލިވެފަ އެވެ.
މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން އެންރީކޭ ބުނީ ސްޕެއިންގެ ކުޅުންތެރިން ޕެނަލްޓީ ޝޫޓްއައުޓަށް ތައްޔާރުކުރުމުގެ ގޮތުން، މީގެ އަހަރެއްހާ ދުވަސް ކުރިން "ހޯމްވޯކް"އެއްގެ ގޮތުގައި ކުޅުންތެރިންނަށް 1000 ޕެނަލްޓީ ޖެހުމަށް ހަވާލުކުރި ކަމަށެވެ. އަދި މުބާރާތުގެ ތެރެއިން، ޕެނަލްޓީ ޝޫޓްއައުޓަށް ތައްޔާރުުވުމަކީ އުނދަގޫ ކަމެއް ކަމަށެވެ.
"މީގެ އަހަރެއްހާ ދުވަސް ކުރިން ސްޕެއިންގެ ކޭމްޕެއްގައި އަހަރެން ކުޅުންތެރިން ކައިރީގައި ބުނިން ކޮންމެ ކުޅުންތެރިއެއް ވެސް ވޯލްޑް ކަޕަށް އަންނަންވާނީ މަދުވެގެން 1000 ޕެނަލްޓީ ޖަހައި، ފަރިތަކޮށްގެން ކަމަށް. އަހަރެން މި ބަލަނީ އަހަރެން ދިން ހޯމްވޯކް އެމީހުން ފުރިހަމަކުރި ކަމަށް. އެއީ މުބާރާތުގެ ތެރެއިން ޕެނަލްޓީ ޝޫޓްއައުޓަކަށް ތައްޔާރުވުމަކީ ފަސޭހަކަމެއް ނޫން،" އެންރީކޭ ބުންޏެވެ.
އެންރީކޭ ބުނީ ޕެނަލްޓީ ޝޫޓްއައުޓަކީ "ނަސީބު ނަމްބަރެއް ނެގުން ކަހަލަ" ކަމެއް ނޫން ކަމަށެވެ. އަދި އެކަމަށް ދުރާލާއި ތައްޔާވެގެން ތިބިނަމަ ޕެނަލްޓީ ޝޫޓްއައުޓެއް ކާމިޔާބުކުރަން ފަސޭހަވާނެ ކަމަށާއި އެންމެ މުހިންމު ރޯލެއް ކުޅޭނީ ގޯލްކީޕަރުން ކަމަށެވެ. އަދި ސްޕެއިންގެ ގޯލްކީޕަރު އުނާއީ ސިމޮން އާއި އެހެން ގޯލްކީޕަރުންނަށް ވެސް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.
"ޕެނަލްޓީ ޝޫޓްއައުޓަކީ ވަރަށް ހާސްކަން ބޮޑު ވަގުތުކޮޅެއް. ފިނިނުވެ، ބޭނުންވާ ގޮތަށް ޕެނަލްޓީ ކާމިޔާބުކުރަންޖެހޭ ވަގުތު. ޕެނަލްޓީ ފަރިތަކުރުން 1000 ޕެނަލްޓީ ޖަހާފައިވާނަމަ، ފަސޭހަކަމެއް ލިބޭނެ،" އެންރީކޭ ބުންޏެވެ. "އަހަރަމެންގެ ގޯލްކީޕަރު (ސިމޮން) އަކީ ވަރަށް މޮޅު ކީޕަރެއް. ޓީމުގައި ތިބި ތިން ކީޕަރުން ވެސް ޕެނަލްޓީ އަށް ރަނގަޅުވާނެ. ޓްރެއިނިން ތެރެއިން ޕެނަލްޓީ ޖަހާއިރު އެކަން އަހަންނަށް ފެނޭ."
އެންރީކޭ ބުނީ މޮރޮކޯއާ ދެކޮޅަށް ނުކުންނައިރު، ސްޕެއިންގެ ހުރިހާ ކުޅުންތެރިން ވެސް ފިޓުކަމަށެވެ. އެންމެ ފަހުން ޖަޕާނާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާގެ މައްސަލައެއް ކުރިމަތިވި ތަޖުރިބާކާރު ޑިފެންޑަރު ސެޒާ އަޒްޕިކުއެލްޓާ އަށް ވެސް މިރޭގެ މެޗުގައި ކުޅެވޭނެއެވެ.
ސްޕެއިން - މޮރޮކޯ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 20:00ގަ އެވެ.












