ދޯހާ (5 ޑިސެމްބަރު) - މި އަހަރުގެ ވޯލްޑް ކަޕަކީ ކްރޮއޭޝިއާގެ ކެޕްޓަން ލޫކަ މޮޑްރިޗްގެ ވަދާއީ މުބާރާތެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު ޒްލަޓްކޯ ޑަލިޗް ބުނެފިއެވެ.
ރަޝިއާގައި 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ފައިނަލްގައި ވާދަކުރި ކްރޮއޭޝިއާ މި އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރުގައި މިރޭ ނުކުންނާނީ ޖަޕާނާ ދެކޮޅަށެވެ.
މި މެޗުގައި މޮޑްރިޗް ،37، ކުޅެފިނަމަ، މި މެޗު ވާނީ ގައުމީ ޓީމަށް މޮޑްރިޗް ކުޅޭ 159 ވަނަ މެޗަށެވެ. މޮޑްރިޗް ވަނީ އެނާގެ ކެރިއަރުގައި ކްރޮއޭޝިއާގެ ގައުމީ ޓީމާއެކު ހަތަރު ވޯލްޑް ކަޕާއި ހަތަރު ޔޫރޯގައި ކުޅެފައެވެ.
މި އަހަރުގެ ވޯލްޑް ކަޕަކީ މޮޑްރިޗްގެ ގައުމީ ޓީމަށް ކުޅޭ ފަހު މުބާރާތް ކަމަށް ގިނަ ބަޔަކު ގަބޫލްކުރިޔަސް، ޑަލިޗް ބުނީ މިއީ މޮޑްރިޗްގެ ފަހު މުބާރާތަށް ނުވާނެ ކަމަށާއި ގައުމީ ޓީމުގެ ކެރިއަރު މޮޑްރިޗް ކުރިއަށް ގެންދާނެ ކަމަށެވެ.
"މިއީ (މި އަހަރުގެ ވޯލްޑް ކަޕް) މޮޑްރިޗް ގައުމީ ޓީމަށް ކުޅޭ ފަހު މުބާރާތެއް ނޫން،" މިރޭގެ މެޗުގެ ކުރިން ޑަލިޗް ބުންޏެވެ. "މޮޑްރިޗް ހުރީ ފިޓުކޮށް، އަދި އޭނާ އަކީ ޕްރޮފެޝަނަލް މީހެއް. އަބަދު ވެސް ވަރަށް ރަނގަޅަށް އޭނާ މަސައްކަތްކުރޭ. ކުރިއަށް އޮތް ތަނުގައި ވެސް އަހަރަމެން މޮޑްރިޗްގެ ބޭނުން ހިފަންޖެހޭނެ."
މި އަހަރުގެ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ކްރޮއޭޝިއާ ކުޅުނު ތިން މެޗުގައި ވެސް މޮޑްރިޗް ވަނީ ކުޅެފައެވެ. -- އޭއެފްޕީ












